ނަމަވެސް، އެ ވާހަކަ އަޑުއިވުމާއެކު، ރިޝްފާން ދިޔައީ ފުންމައިގެނެވެ. އޭނާގެ ލޭކެކި އުތުރި އަރައިގަތް ކަހަލައެވެ.

[މާޔާ ބިރުނުގަނޭ...އަހަރެން ތިކަން ޙައްލުކުރާނަން. ތީ ވެދާނެ، މާޔާއަށް ހީވިގޮތެއް ކަމަށްވެސް....] ފަހުން ރިޝްފާން ވިސްނީ މާޔާ ހަމަޔަކަށް އަޅުވާށެވެ.

[ނޫނޭ ރިޝްފާން....އަހަންނަށް ހީވިގޮތެއް ނޫން.] ރިޝްފާންގެ އެބުނުން ޤަބޫލުކުރާ ވަރަށްވުރެން މާޔާވަނީ ބިރުގެންފައެވެ.

[އަހަރެންގެ ސިފަ ފެނުނުގޮތް ކިޔައިދޭކަށްވެސް އަހަންނަކަށް ނޭނގެ....] ބިރުގެންފައިވާވަރުން މާޔާއަށް ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.

[އަހަރެން ހަމަ ޢަޖައިބުވެއްޖެ، މާޔާގެ މޮޔަކަމާހުރެ. ތިކަހަލަ ކަންތައް ޤަބޫލުކުރާކަށް ނުވާނެ....] މާޔާއާ ދިމާކުރާފަދަ ގޮތަކަށް ރިޝްފާން ބުންޏެވެ.

[ރިޝްފާން....އަހަރެންގެ ލޯ އަހަންނަކަށް އޮޅުވައެއް ނުލާނެއެއްނު....] ކުޑަ ދަރިފުޅު އޮތް އެނދުގެ މަގަތުގައި މާޔާ އިށީނދެއްޖެއެވެ.

އެވަގުތު ރިޝްފާންގެ މަންމަ ވަރުދާއާއި، މާޔާގެ މަންމަ ޒަޙީރާ އައިސް ކޮޓަރިޔަށް ވަދެއްޖެއެވެ. މާޔާ އެވާހަކަ ދެ މަންމަޔަށްވެސް ކިޔައިދިނެވެ. ނަމަވެސް، މާޔާ ހީކުރިގޮތާ ޚިލާފަށް، އެވެރިން އެކަން ހެދީ ބޮޑު ޖޯކަކަށެވެ. ވުމާއެކު، މާޔާގެ ގާތަށް ހިސާބަކަށް ރުޅިވެސް އައެވެ.

ރިޝްފާންގެ ބައްޕަ ރަޝާދާއި މާޔާގެ ބައްޕަ ޖަޢުފަރު މާލެއިން ރަށަށް އައީ އެދުވަހުގައެވެ. އަލަތު ކާފަ ދަރިފުޅަށް މަރްޙަބާ ކިޔުމަށްޓަކައެވެ.

މާޔާ ވިހެއުމުގެ ކުރިން ރަށަށް އައުމަށް ޖަޢުފަރު ރޭވިއެވެ. ނަމަވެސް، ލިބޭ ޗުއްޓީ ކުރުވީމާ ކާފަ ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރުމުގެ ޤަޞްދުގައި ދަތުރު ފަސްކުރީއެވެ. ރަޝާދަށްވެސްވީ އެވަރެވެ. ނަމަވެސް، އޭނާގެ ޗުއްޓީ އެއްމަސް ދުވަހަށް ދެމިގެންދާނެއެވެ.

ކުޑަ ދަރިފުޅަށް ނަން ކިޔަން ރިޝްފާން ވިސްނާފައި ވަނީވެސް އޭނާގެ ދެ ބައްޕަގެ މަޝްވަރާގެ މަތިންނެވެ. ވުމާއެކު، ބައްޕަމެން ގެޔަށް ވަނުމާއެކުހެން، ދަރިފުޅަށް ކިޔާނޭ ނަމެއް ވިސްނައިފިންތޯ ރިޝްފާން އެއްސެވެ. ދެބައްޕަ ޝާމިލްވާ ގޮތަށެވެ.

[ބައްޕަ ވިސްނާފައި ވަނީ ރާދިން ކިޔަން. ޖަޢުފަރުވެސް ކޮންމެވެސް ނަމެއް ބުނެެބަލަ.....] ރަޝާދު ބުނެލިއެވެ.

[އައްދެ....ތީ ނުލާހިކު ފައްކާ ނަމެއްނު. ރާދިން ވަރަށް ރީތި....] ޖަޢުފަރު އެކަންޏެއް ނޫނެވެ. އެންމެންވެސް އެ ނަމަށް އިއްތިފާޤުވިއެވެ.

[މާނައެއް ނެތިއްޔާ، ނަން ކިތަންމެ ރީއްޗަކަސް ނުކިޔޭނެ ބައްޕާ....ނަމުގެ މާނަޔަކީ ކޮބައިތަ؟] ރިޝްފާން ބުންޏެވެ.

[މިހާރަކު ބައްޕަ ހަނދާނެއް ނެތް....ބައްޕަ އޮންނާނެ، ކޮންމެވެސްތާކު ލިޔެފައި....] ރަޝާދު ބުންޏެވެ.

މިހާރު ރިޝްފާންގެ ދެމަފިރިންގެ ޢާއިލާއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމެވެ. ރިޝްފާންގެ ކޮއްކޮ ރަޝާވެސް ހީވަނީ އުފަލުން އެހެންފަދަ ކަމެއްހެންނެވެ.

[ކޮއްކޮ ކޮބާ؟] ރިޝްފާ ކޮޓަރިތެރެއަށް ވަދެ ހޯދަން ފެށިއެވެ. އޭރު މާޔާ އިން އެނދުގައި އެސޮރު ނިދާފައި އޮތެވެ. އޭރު ރިޝްފާންވީ ޝަބްނަމާ ދިމާވޭތޯ ބޭރުތެރެޔަށް ނުކުމެއެވެ.

ފުރަތަމަވެސް އޭނާ ދިޔައީ އެގެޔާ ދިމާ އަތިރިޔަށެވެ. އެންމެ ގިނައިން ޝަބްނަމާ ދިމާވަނީ އެތަނުން ކަމަށްވާތީއެވެ.

ނަމަވެސް، އެތަނަކުން ޝަބްނަމެއް ނުފެނުނެވެ. ވުމާއެކު، ވަރުބަލިފިލުވާލުމަށާއި، ހިތަށް ހަމަޖެހުމެއް ހޯދާލުމުގެ ޤަޞްދުގައި އޭނާ ގޮނޑުދޮށުގައި އިށީނދެއްޖެއެވެ.

[އަހަރެންދޯ ތި ހޯދަނީ....؟] ރިޝްފާނާ ދާދި ގާތުން ޝަބްނަމްގެ އަޑު ކުއްލިއަކަށް އިވުނެވެ. ރިޝްފާން ވަށައިގެން ހޯދަން ފެށިއެވެ. ނަމަވެސް، ޝަބްނަމެއް ފެންނާކަށް ނެތެވެ.

[އަހަރެން މިއިނީ ސީދާ ރިޝްފާންގެ ކުރިމަތީގައި. ރިޝްފާން އަތްދިއްކުރީމާ އަތްލެވޭހާ ހިސާބުގައި. އަތްދިއްކޮށްބަލަ....] ދެންވެސް އިވުނީ އަޑެކެވެ.

ރިޝްފާން ފުން ނޭވާއެއްލުމަށްފަހު، ކުރިޔަށް އަތް ދިއްކޮށްލިއެވެ. ދެން އިވުނީ ޝަބްނަމްގެ ހުނުމުގެ އަޑެވެ.

[މިހާރު ތި އަތްލެވެނީ އަހަރެންގެ.....] އަނެއްކާވެސް ހުނުމުގެ އަޑެކެވެ. ނަމަވެސް، އިޙްސާސްތައް ތަފާތެވެ. ރިޝްފާން ހީވަނީ މޮޔައެއްހެންނެވެ. އޭނާ އަތް ހޫރަމުންދަނީއެވެ. އޭރު ޙަޤީޤަތުގައިވެސް ރިޝްފާނަށް ނުފެނުނަސް ޝަބްނަމް ރިޝްފާންގެ ކުރިމަތީގައި އޭނާޔަށް އަތްލެވޭހާ ހިސާބުގައި އިނެވެ.

[ޝަބްނަމް....] ރިޝްފާންގެ ގާތަށް ރުޅިއައެވެ.

[ރުޅިނާދޭ ރިޝްފާން...މިހާރުވެސް ތި އަތްލެވެނީނު....އަން...އަހަރެންގެ އަތުގައި ހިފާބަލަ.] މިފަހަރު ރިޝްފާނަށް ފެނުނީ އެކަނި އަތެކެވެ. މުލައްދަނޑިއާ ހިސާބުންނެވެ. ރިޝްފާން ހިސާބަކަށް ބިރުގަތަސް، އެ އަތުގައި ހިފައިފިއެވެ. ނަމަވެސް، އޭނާއަކަށް އެ އަތުގައި އަތްލެވުނު ކަމުގެ އިޙްސާސެއް ނުކުރެވުނެވެ. ވުމާއެކު، އައިސްފައިވާ ރުޅީގައި ރިޝްފާން ނިކަން ބާރަށް ދެއަތް ހޫރާލިއެވެ. އޭރުވެސް އެ އަތް ރިޝްފާނަށް ފެންނަމުންދެއެވެ.

[ކަލޭގެ ބާރުދޯ ތި ދައްކަނީ....؟] ރިޝްފާން އުޅުނީ ތެދުވެގެން ހިނގައިގަންނާށެވެ. ނަމަވެސް، އެވަގުތު އޭނާގެ ފަހަތުން ހިފަހައްޓައިފިއެވެ. ބަނޑުމުސާރަޔަށް ބައްދާ އުޞޫލުންނެވެ.

އެއީ ޝަބްނަމެވެ. ޝަބްނަމް ނުފެނުނަސް، ޝަބްނަމްގެ ހޫނު ރިޝްފާނަށް އިޙްސާސް ކުރެވެއެވެ.

[އަަހަރެންގެ ގައިން ދޫކުރޭ....ހަމަ މިހާރު ދޫކުރޭ.] ރިޝްފާން ހަޅޭއްލަވައިގަތެވެ. ނަމަވެސް، ޝަބްނަމް އޭނާގެ ގަޔަކުން ދުލެއްނުކުރެއެވެ. ޝަބްނަމް ފޮޅުވާލަންވެސް ރިޝްފާން މަސައްކަތް ކުރަމުންދިޔައެވެ.

[ދޫކުރާނީ ގޮތެއްގެ މަތިން....ގެޔަށް ގޮސްފައި މާޔާ ވަރިކުރަން އެއްބަސްވޭ.] ޝަބްނަމް ފުރަތަމަފަހަރަށް ބާރުގެ ބޭނުންކުރަން ފެށިއެވެ. ޝަބްނަމްގެ މި ޖުމްލަޔާއެކު، ރިޝްފާންގެ ގައިން ހީބިހި ނަގައިގެންދިޔަ ކަހަލައެވެ. ކުއްލި ސިހުމަކާއެކު، އޭނާޔަށް ތެޅިގަނެވުނެވެ.

[އޭނ!؟ މާޔާ ވަރިކުރާށޭ....އަހަރެން މަރާލިޔަސް ތިކަމެއް ނުވާނެ.] ރިޝްފާންގެ އަޑު ކުރިއަށްވުރެންވެސް ބާރުވިއެވެ.

[އާނ...އަހަރެންވެސް މިހާރު މި ކުރިމަތިލަނީ ފިސާރި ކެރިގެން. އަހަރެން ބޭނުންވަނީ، ރިޝްފާންގެ ލޯތްބާއި އަޅާލުން....އަހަންނަށް އަހަރެންގެ ލޯބި ލިބެންޖެހޭނެ.] ޝަބްނަމް މިހެން ބުނެފައި، ރިޝްފާންގެ ގައިން ދޫކޮށްލިއެވެ. އޭރުވެސް ރިޝްފާނަކަށް ޝަބްނަމެއް ނުފެނެއެވެ.

[ހަމަ ހިލާ މިބުނީ، އަހަރެންގެ ފުށަކުން ދެނެއް ލޯތްބެއް ނުލިބޭނެ....ކަލޭގެ ތިޔަފަދަ ޢަމަލުތަކުގެ ސަބަބުން މިހާރު ކަލޭ މަތިން މުޅިންހެން އަހަރެން ފޫހިވެއްޖެ....އަހަރެން ބޭނުންވަނީ، ދާއިމަށް މިހާރު ކަލެޔާ ވަކިވާން....] ރިޝްފާން އަނެއްކާވެސް ދާން ހިނގައިގެންފިއެވެ. އެހިނދު އަނެއްކާވެސް ޝަބްނަމްގެ އިންޒާރެއްގެ އަޑު އިވުނެވެ.

[މިހާރު ރިޝްފާން ގެޔަށް ވަންނައިރު، މާޔާ މަރާލާފައި އޮތިއްޔާޔޯ....] އެއީ ބިރުވެރި އިންޒާރެކެވެ. ރިޝްފާން ހުއްޓުނެވެ. އޭނަޔަށްވެސް ޤަބޫލު ކުރެވެއެވެ. އެބުނީ ޝަބްނަމް ނުކުރިޔަސް، އޭނަޔަށް ކުރެވިދާނޭ ކަމެއްގެ ވާހަކައެވެ.

ޝަބްނަމް ބޭނުމިއްޔާ، މާޔާއަށް ކޮންމެ ގޮތެއްވެސް ހެދިދާނެއެވެ. މާޔާ ގާތު އޭނަޔާ ރިޝްފާންގެ ގުޅުމުގެ ވާހަކަ ދައްކައިގެން، ރިޝްފާނާ މާޔާގެ ދިރިއުޅުމަށް ޝަބްނަމަށް ވިހަވެސް ލެވިދާނެއެވެ.

ވަކިން ޚާއްޞަކޮށް، ކުޑަކުޑަ ރިޝްފާއަކީ ކިހިނެއް އުފަންވެފައިވާ ކާކުގެ ދަރިޔެއްކަން އެނގޭހިނދު، މާޔާ މުޅިންހެން ރިޝްފާންގެ މަތިން ފޫހިވުމަކީ، ނުވުމަށްވުރެން ވުން ކައިރި ކަމެކެވެ.

[ވަރަށް ބިރުގެންފިދޯ؟ ރިޝްފާނަށް ހީވޭތަ، އަހަރެން އެހާ ރަޙުމްކުޑަ ވެދާނެހެން....] ރިޝްފާން ހުއްޓި ހުރިގޮތުން، ކުއްލިއަކަށް ރިޝްފާންގެ ލޯމައްޗަށް ޝަބްނަމް ފާޅުވިއެވެ. އޭނާ ހުރީ ނިކަން ހިނިއައިސްފައެވެ.

[ކީއްވެ....ޤަބޫލު ނުކުރެވެންވީ؟ ޖިންނި ޝައިޠާނުންގެ ސަބަބުން ކިތައް އިންސާނުންގެ ފުރާނަތަ ނިމިދަނީ....ކަލޭމެންނަކީ ވަރަށް ރަޙުމްކުޑަ ބައެއް...ޙަޤީޤަތުގައި އިންސާނެއްގެ ރީތި ސިފައެއްގައި އައިސް އަހަރެންގެ ދިރިއުޅުމަށް ވިހަލުމުގައި ކަލެޔަށް އޮތީ ކޮން ޙައްޤެއް؟] ހުރި ފިޔަވަޅުމަތީ ހުއްޓިހުރެ، ރިޝްފާން ބުންޏެވެ.

[އަހަރެން ރިޝްފާންގެ ދިރިއުޅުމަށް ވިހަލަނީކީ ނޫން. ރިޝްފާން ތި ބޮޑާވަނީ، އަހަރެންނަށް ރިޝްފާންދެކެ ޙަޤީޤީ ލޯބި ވެވުނީތީ.] މި ޖުމްލަޔާއެކު، ޝަބްނަމް އަނެއްކާވެސް ރިޝްފާންގެ ލޯމަތިން ކަޝްފު ވެއްޖެއެވެ. ނަމަވެސް، ރިޝްފާންގެ ހިތަށް މާބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

ރިޝްފާން ފަހަތަށް ބަލައިވެސްނުލާ ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު ޝަބްނަމްގެ އަޑުވެސް ވަނީ އެހިސާބުން ހިނދިފައެވެ. ވުމާއެކު، ރިޝްފާން ބާރަށް ހިނގައިގަތީ ޝަބްނަމްގެ އިންޒާރު ހަނދާންވީމައެވެ. ރުޅިގަނޑުމަތީގައި ޝަބްނަމް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންކަމުން، އޭނާ ގެޔަށްވަނީ ދުވެފައި ކަހަލަ ގޮތަކަށެވެ.

[ރިޝްފާން ކިހިނެއްވީ!؟] ރިޝްފާން ކޮޓަރިއަށް އައިސް ވަންގޮތުން، ޙައިރާންވެފައި ހުރެމެ މާޔާ އެއްސެވެ.

[ރާދިން ރޯއަޑު އިވުނުހެން ހީވެގެން...] އެނދުގައި ނިދާފައި އޮތް ދަރިފުޅާ ދިމާޔަށް ބަލައިލުމަށްފަހު، ރިޝްފާން ބުންޏެވެ. ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. އޭރުވެސް ރިޝްފާނަށް މާޔާގެ ހަށިގަނޑުން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވެމުންދެއެވެ. ބައެއްފަހަރު މާޔާގެ ގައިގެ ކުލަ ބަދަލުވަމުންދާހެންވެސް ހީވެއެވެ.

މާޔާގެ މަދްރަސީ ދައުރުގެ ރައްޓެއްސެއް ކަމަށްވާ ވާހިޔާ، މާޔާ ވިހޭ ޚަބަރު ލިބިގެން އެގެޔަށް އައިސްވަނީ އެވަގުތެވެ. ކޮޓަރި ދޮރުމައްޗަށް އަރައި ވާހިޔާ ސަލާމް ގޮވާލިއެވެ.

[ވަޢަލައިކުމުއް ސަލާމް...ވާހިޔާ....އަވަހަށް އާދޭ. ކޮންދުވަހަކު ރަށަށް އައީ؟] ދުވަސްތަކަކަށްފަހު ވާހިޔާ ފެނުނީމާ މާޔާ އުފަލުގެ ކޮޅެއްނެތެވެ.

[ރޭގައި ވަރަށް ދަންވެފައި ހުއްޓާ އާދެވުނީ....ވަރަށް ލޯބި ކުއްޖެއް...ކުޑަކުޑަ މާޔާއެއް....] ރާދިންގެ ކޮލުގައި މަޑުމަޑުން ކޮއްޓާލަމުން ވާހިޔާ އެނދުގެ މަގަތުގައި އިށީނެވެ. އޭގެކުރިން އޭނާ ގެނައި ޕާރުސަލް މާޔާއަށް ދިނެވެ.

[މިހާރު ދެން ކޯސް މުޅިން ނިމުނީތަ؟] ވާހިޔާގެ ގާތުގައި އިށީންނަމުން މާޔާ އެހިއެވެ.

[މިހާރު ދެން ހުރިހާ ކަމެއް ނިމުނީ....ދެން އޮތީ ކުރި މަސައްކަތުގެ ނަތީޖާ...އިތުރަށް ކިޔަވާނެ ފުރްޞަތު ލިބެންޏާވެސް އެނގޭނީ އޭރުން.] ވާހިޔާ ބުންޏެވެ.

[ވާހިޔާމެން ކިޔަވައިގެން އައީމަ، އަހަރެންގެ މިއޮތް ސޮރު ހުންނާނެ، ވާހިޔާގެ ގާތަށް ކިޔަވަންދާން. އަހަރެންވެސް ޤަޞްދުކުރަން، މި ސޮރު ވަކިވަރަކަށް ބޮޑުވީމާ، ތަޢުލީމާއިގެން ކުރިޔަށްދާން.] މާޔާ ބުންޏެވެ. އޭރު އެބަ އަންނަމޭ ބުނެފައި ރިޝްފާން ކޮޓަރިން ނިކުމެއްޖެއެވެ.

އެވަގުތު ކޮޓަރި ދޮރު ހުޅުވާފައި ޒައިދު އެތެރެޔަށް ވަންނަނީއެވެ. އޭނާގެ ފަހަތުން މަލީޙާވެސް ވަނެވެ. ޒައިދު ފެނުމާއެކު، ޙައިރާންވުމާއެކު ވާހިޔާގެ ދެލޯ ބޮޑުވިއެވެ. ހީވާކަހަލައެވެ. ޒައިދަކީ އޭނާޔާ ވަރަށް ގާތް ގުޅުމެއްވާ މީހެކެވެ.

[ޒައިދު!؟] ވާހިޔާ މަޑުމަޑުން ޒައިދަށް ގޮވާލިއެވެ. ޙައިރާންވާ ޙާލުގައެވެ. ވާހިޔާގެ އެ ގޮވާލުމުން ޒައިދުވެސްވީ ޙައިރާނެވެ. ހީވާކަހަލައެވެ. އޭނަޔަށް ވާހިޔާ ނޭނގުނީއެވެ.

[ވާހިޔާ ޒައިދު ދަންނަންތަ؟] ވާހިޔާއާއި ޒައިދަށް ބަލައިލަމުން މާޔާ އެއްސެވެ.

[އުނހު....ނުދަންނަން...] ވާހިޔާ އިސްޖަހާލަމުން ބުންޏެވެ. ނަމަވެސް، އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭހެން ހީވެއެވެ.

[މިވަގުތު އަހަރެން ދަނީ....ފަހުން އަންނާނަން....] ވާހިޔާ ހިނގައިގަތެވެ. ލޮލުގެ ކުޑަކަޅިން ޒައިދާ ދިމާއަށް ބަލައިލުމަށްފަހުގައެވެ.

[ޒައިދު އޭނަ ދަންނަންތަ؟] ވާހިޔާ ދިޔުމާއެކު، މަލީޙާއަކަށް ހިމޭނަކުން ނުހުރެވުނެވެ.

[ނޭނގޭ....އަހަންނަކަށް ނޭނގޭ އެއީ ކޮންރަށަކު ކާކު ކަމެއްވެސް...އެއީ މާޔާގެ ރައްޓެއްސެއްދޯ؟] ޒައިދު ބުންޏެވެ. ޒައިދުގެ ވާހަކައިން ދޭހަވާ ގޮތުގައި، އޭނާ އެއްވެސްވަރަކަށް ވާހިޔާއެއް ނުދަނެއެވެ.

[ދޮގު ނަހަދާތި....ބިޓެއްދޯ އެއީ...ދޮގެއް ހަދާފައި، އެ ދޮގެއް ފަޅާއަރައިފިއްޔާ، އަހަރެން ވަރަށް ފޫހިވާނެ.] މަލީޙާ އިންޒާރު ދިނެވެ.

[ޢަޖައިބު...އަހަންނާ ކޮންތާކުން ދިމާވެގެންތަ، އަހަރެން އޭނަ ދަންނާނީ....އަހަންނަށް އޭނާ ފުރަތަމަ ފެނުނީވެސް މިއަދު މިގެއިން...ދެން އަހަރެންގެ ވާހަކަ ޤަބޫލު ނުކުރެވެންޏާ، އޭނަ ގާތު އަހަންވީނު.]

ޒައިދު މިހެން ބުނި ވަގުތު ކޮޓަރި ބޭރުން (ބޮޑު ކޮޓަރިޔާވީ ފަރާތުން) ރިޝްފާން ގޮވި އަޑަށް ޒައިދު ހިނގައިގަތެވެ.

[އަޅެ ސީރިޔަސްކޮށް މާޔާ އޭނަ ގާތު އަހައްޗޭ.] ޒައިދު ކޮޓަރިން ނިކުތީމާ، މަލީޙާ މާޔާ ގާތު އެދުނެވެ.

[ވާހިޔާ ދިޔަގޮތުން އަހަންނަށްވެސް ޝައްކު....ޒައިދާ އޭނަޔާ ކޮންމެވެސް ގުޅުމެއްވޭ....] މާޔާ ބުންޏެވެ.

މާޔާ ޤަޞްދުކުރީ މަލީޙާމެން ގެޔަށް ދިޔައިމާ، ވާހިޔާގެ ގެޔަށް ގުޅައިގެން އެކަން އޮޅުންފިލުވާށެވެ. ފަހުން އަންނާނަމޭ ބުންޏަސް، ސަތޭކަ ރުފިޔާ ޚަރަދުކޮށްފައި، ހިތަދޫން މަރަދުއަށް އައުމަކީ މާފަސޭހަ ކަމަކަށް ނުވާނޭކަން އެނގޭތީއެވެ.

[ރިޝްފާން... އެއްދުވަސް ވަރެއްގައި ޒައިދު ހިތަދޫން އަންހެން ކުއްޖަކާ ރައްޓެހިވިތަ؟ މިބުނީ ދެންމެ އައެއްނު ވާހިޔާ....އަނެއްކާ އަހަރެން މިހެން އެހި ވާހަކަ ޒައިދު ގާތު ނުބުނައްޗޭ....] އެންމެން ގޮސް ކޮޓަރިތެރޭ ރިޝްފާނާއެކު އެކަނިވީ ވަގުތު މާޔާ އެއްސެވެ.

[އަހަރެން މިހުރީ އަޑުއެހިތާ...އޭނަ އެންމެ ފުރަތަމަވެސް ރައްޓެހިވި ކުއްޖަކީ މަލީޙާ.....މިހެން ބުންޏަސް، އަހަންނަށް ނޭނގިވެސް ވެދާނެ.] ރިޝްފާންވެސް މުޅިޔަކުން އިތުބާރެއް ނުކުރެއެވެ.

އެވަގުތު މާޔާގެ އަތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެންނަން ފެށީމާ، ރިޝްފާންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.

ސީދާ މާޔާއަށް މޭރުންނުވިޔަސް، އޭނަޔަށް ފެނުނީ މާޔާގެ އަތުގެ ދެހަން ދޭތެރެއިން ފަންޏެއް ޙަރަކާތްތެރިވާ ތަނެވެ.

ވަގުތުން ބިރުގަނެ، ރިޝްފާންގެ ދެލޯ ބޮޑުވިއެވެ. ހީވަނީ އަތުގެ ލޭނާރެއް ދިމަދިމާއަށް ދަތުރުކުރަމުން ދަނީހެނެވެ.

އޭގެކުރިން އޭނަޔަށް އެފަދަ މަންޒަރުތަކެއް ފެނިފައިވަނީ އިނގިރޭސި ފިލްމުތަކުންނެވެ.

[ރިޝްފާން....ހާދަ ފާޑަކަށް އަހަރެންގެ އަތަށް ތި ބަލަނީ....އަތުގައި އެއްޗެއް ހޭކިފައި ހުރީތަ؟] މާޔާ އޭނާގެ އަތަށް ބަލަން ފެށިއެވެ. ނަމަވެސް، އޭނަޔަކަށް ރިޝްފާނަށް ފެނުނު އަސަރުތަކެއް މޭރުމެއް ނުވިއެވެ.

[ކަމެއްނުވޭ....] މާޔާގެ އަތާ ދިމާޔަށް ބަލަންހުރެ ރިޝްފާން ބުންޏެވެ. އެއީ ޝަބްނަމްގެ ކަމެއްކަން އެނގޭތީ، ރިޝްފާން ދެން ނިކުތީ ޝަބްނަމާ ދިމާކުރުމަށެވެ.

މިހާރު އައިސްފައިވާ ރުޅިމަތީގައި ދިމާވެއްޖެއްޔާ، އޭނާ ބޭނުންވަނީ ހިތުހުރިއަށް ގޮވާލާ ޝަބްނަމް ދެރަކޮށްލާށެވެ. އަދި ފަންޑިތަ ހަދާނޭ ވާހަކަ ބުނެ، ޝަބްނަމް ބިރުގަންނަވާލާށެވެ.

ރިޝްފާން ކޮޓަރިން ނިކުތުމާއެކު، މާޔާ ވާހިޔާއަށް ގުޅިއެވެ. ހީވެއެވެ. ވާހިޔާ ހުރީ އެ ފޯންކޯލްގެ އިންތިޒާރުގައެވެ.

[މާޔާ....ޒައިދު ކޮބާ....އޭރު ދެން އެހުރީ ޒައިދުގެ ވައިފްތަ؟] ފުރަތަމަވެސް ވާހިޔާ ފެށީ ޒައިދުގެ ވާހަކައެވެ.

[ވާހިޔާ ޒައިދު ދަންނަންތަ!؟] މާޔާ އެއްސެވެ.

[ދަންނަންހޭ!؟] ވާހިޔާ ހީގަތެވެ.

[އެކަމަކު...ޒައިދު ބުނި ވާހިޔާ ނުދަންނަމޯ. ފުރަތަމަ ފެނުނީވެސް މިގެއިންނޯ....] މާޔާ ބުންޏެވެ. ހިސާބަކަށް ޙައިރާންވެ ހުރެއެވެ.

[މިހާރު އޭނައެއް ނުދަންނާނެ. އެކަހަލަ ބޭވަފާތެރިންނަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ.] ވާހިޔާގެ އަޑާއި ރާގު ބަދަލުވިއެވެ.

[އަޅެ ވާހީ...ތިވާހަކަ ކިޔައިދޭން މިގެޔަށް އައިސްބަލަ....ރިޝްފާން ފޮނުވަންތަ ބަލާ؟] މާޔާ އެވާހަކަ އަޑުއަހަން ބޭނުންވަނީ ފޯނަކުން ނޫނެވެ.

[އަހަރެން މާދަމާ ތިރަށަށް ދާނަން...ކޮންމެހެން ރިޝްފާން ފޮނުވާނެ ކަމެއްނެތް...] އެއަށްފަހު، ވާހިޔާ ޒައިދުދެކެ އޭނާ ލޯބިވާ މިންވަރާއި، ޒައިދު އޭނަޔާ ދޭތެރޭ ކަންތައްކުރި އިހާނެތި ގޮތުގެ ވާހަކަ ހިސާބަކަށް މާޔާއަށް ކިޔާދިނެވެ.

އޭނާ ފޯނު ބޭއްވީ އެގެޔަށް އަންނާނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހު، އެއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތު ނުބުނުމަށް އެދުމަށްފަހުގައެވެ.

އެދުވަސް ފާއިތުވެދިޔައީ މަސައްކަތް ކޮށްކޮށްވެސް ރިޝްފާނަށް ޝަބްނަމާ ބައްދަލުވާގޮތް ނުވެއެވެ. ވުމާއެކު، ރިޝްފާން ނިންމީ، ދަރި އޭނާގެ ބޮލަށް ޖަހާފައި ޝަބްނަމް ފިލީ ކަމަށެވެ.

ވުމާއެކު، ކުޑަކުޑަ ރިޝްފާ ދުރަށް ގެންގޮސް ޝަބްނަމާ ބެހޭގޮތުން ސުވާލު ކުރަން އޭނާ ޤަޞްދުކުރިއެވެ. ޝަބްނަމް އޭނަޔަށް ފިލައިގެން އުޅުނު ކަމުގަައި ވިޔަސް ރިޝްފާޔާ ބައްދަލުކުރާނެއެވެ.

[ދަރިފުޅަށް އެނގޭތަ، ދަރިފުޅުގެ މަންމަވީ ތަނެއް؟] ކުޑަކުޑަ ރިޝްފާގެ އަތުގައި ހިފައިގެން ގޮސް އަތިރިޔަށް ފައިބަމުން ރިޝްފާން އެހިއެވެ.

[މަންމަ އުޅޭ ތަނެއް ނޭނގޭ. ކޮންމެ ދުވަހަކުވެސް ދެއިރު މަންމަ ކޮއްކޮއާ ބައްދަލުކުރޭ....] ރިޝްފާ ބުންޏެވެ. ހީވީ ދުރުގައި ހުރެގެން އޭނާގެ މަންމަ ކުރި އިޝާރާތަކާއެކު ޖަވާބުދިންހެންނެވެ.

[މިއަދު އެއްވެސް ފަހަރަކު މަންމަ ދުށިންތަ. މިއަދު މަންމަޔާ ބައްދަލުވެއްޖެއްޔާ ބުނާތި....މާޔާ މަންމައަށް އުނދަގޫ ނުކުރާށޭ....އެހެން ނޫނީ ބައްޕަޔަށް ޖެހިދާނެޔޭ ބާރުގެ ބޭނުންކުރަން.] ރިޝްފާން އިންޒާރު ކުރިއެވެ. ރިޝްފާ ބޯޖަހާލިއެވެ. އޭރު ޙަޤީޤަތުގައިވެސް ރިޝްފާއަށް ފެންނަފަށުގައި ޝަބްނަމް ހުއްޓެވެ. ރިޝްފާން ދެއްކި ހުރިހާ ވާހަކައެއްވެސް އޭނާއަށް އަޑުއިވުނެވެ.

[ބައްޕަގެ ހުރިހާ ވާހަކައެއްވެސް މަންމަ އެބަ އަޑުއަހާ. ބައްޕަޔާ ދިހަވަރަކަށް ފޫޓް ދުރުގައި މަންމަ އެބަހުރި....ބައްޕަ މަންމަޔާ ވާހަކަ ދައްކާ....ކޮއްކޮ ދަނީ...] ކުޑަކުޑަ ރިޝްފާ އެކަނި ގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

ރިޝްފާން ވަށައިގެން އެނބުރި ހޯދަން ފެށިއެވެ. ނަމަވެސް، އޭނަޔަކަށް ޝަބްނަމެއް ފެންނާކަށް ނެތެވެ.

[ރިޝްފާން ތިބުނަނީ ކިހިނެއް ބާރުގެ ބޭނުންކުރާނެ ވާހަކަތަ؟ ކޮންމެ ކޮންމެ އިންސާނަކަށް ރިޝްފާން ތިބުނާ ބާރެއް ލިބިފައެއްނުވޭ.] ކުއްލިއަކަށް ރިޝްފާނާ ދާދި ގާތުން އިވުނީ ޝަބްނަމްގެ އަޑެވެ. ހީވީ ސީދާ ކަންފަތްދޮށުން އިވުނު އަޑެއްހެންނެވެ.

[ޝަބްނަމް...ކަލޭ ކޮންކަމެއް ޙާޞިލް ނުވެގެންތަ، ތިފާޑަށް އަހަންނާ ދިމާތިކުރަނީ...؟] އަޑުއައި ދިމާއަށް އެނބުރެމުން، ރިޝްފާން ހަޅޭއްލަވައިގަތެވެ. ނިކަން ބާރަށެވެ.

[ރިޝްފާން އަޑުމަޑުކުރޭ....މިތަނަށް މީހުން އެއްވެދާނެ. އޭރުން މައްސަލަ ވަރަށް ގޯސްވާނެ....އަހަރެން ހަމަ ޢަޖައިބުވެއްޖެ. މިހުރިހާ ދުވަސްވީއިރުވެސް ރިޝްފާނަށް އަހަރެން ޙާޞިލްކުރަން ބޭނުން ލަނޑުދަނޑި ނޭގުނީތީ.] މިފަހަރުވެސް ޝަބްނަމް ނުފެނި އަޑުއައެވެ. ނަމަވެސް، މިފަހަރު އެ އަޑުގައި ތަފާތު އަސަރުތަކެއް ވެއެވެ.

[ތިކަހަލަ ނުލަފާ ރަޙުމްކުޑަ ފަރާތަކާ ދޭތެރޭ ވިސްނާކަށް އަހަރެން ބޭނުމެއް ނޫން.] ރިޝްފާންގެ އަޑު ކުރިޔަށްވުރެންވެސް ބާރުވިއެވެ.

[އަހަރެން ރަޙުމް ކުޑަވާން ޖެހުނީ ރިޝްފާންގެ ސަބަބުންނެއް ނޫންތަ؟ ރިޝްފާން ކީއްވެތަ، އަހަންނަށް ބޭވަފާތެރިވީ؟ ޖަވާބުދީ....ކީއްވެތަ އަހަންނަށް ބޭވަފާތެރިވީ....އަހަރެންގެ ކޮން ކުށެއް އޮތީ......] މިފަހަރު ގަދަފަދަ ވައިރޯޅިޔަކާއެކު، ޝަބްނަމް ފާޅުވެއްޖެއެވެ. އޭނާހުރީ ރޮވޭގޮތްވެފައެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން