ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް މައްސަލަ ކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް އިން އޮތީ ލޯކަލް ކައުންސިލް އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އިންތިހާބު ބާއްވަން ޖެހޭނީ ހަމަހަމަކަމާއި އެކުގައި ކަމަށާއި، ވާދަވެރި އިންތިހާބެއް ބާއްވާއިރު، އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ ފުރުސަތު ނެތް ކަމަށާއި، ކޮވިޑުގެ ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް ގޭބަންދުގައި ބައިތިއްބައިގެން ސަރުކާރުން ބޭނުންވާ ނަތީޖާ ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ރަށްރަށަށް އެކިއެކި ނަންނަމުގައި ދަތުރުކުރޭ. އެބޭފުޅުން ކެމްޕެއިން ކުރަމުން އެބަ ގެންދޭ. އެހެންވީމާ އަޅުގަނޑުމެން މިހާރު މަޝްވަރާ ކުރަމުން މި ގެންދަނީ އަޅުގަނޑުމެންގެ ޤާނޫނީ ޓީމާ އެކީގައި ހަމަހަމަ ފުރުސަތު ނުލިބޭތީވެ މި މައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދެއްވި މެސެޖުގައި އެދިވަޑައިގެންނެވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުން މިސަރުކާރަށް ނޫނެކޭ ބުނަން ކަމަށެވެ.

އޭގެ އިތުރުން އަދުރޭވަނީ، އިދިކޮޅު އިސްފަރާތްތަކަށް ރަށްތަކަށް ދަތުރު ނުކުރެވުނު ކަމުގައި ވިޔަސް ރަށްތަކުގައި ތިއްބެވި ފަރާތްތަކުން ކެމްޕެއިން ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށްރަށުގައި ފޯރީގައި ކެމްޕޭން ކުރެއްވުމަށާއި، ކިރިޔާ ފުރުސަތެއް ލިބުނަސް އިދިކޮޅު ފަރާތްތަކުން ރަށްތަކަށް ދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދި ކެމްޕޭންކުރުމުގެ ފުރުސަތު ނުލިބުނަސް މި އިންތިޚާބުގައި ވާދަކުރާނެ ކަމަށާއި، އިންތިޚާބު ބޮޑުތަނުން ކާމިޔާބުވެސް ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން