13 ވަނަ އެޕިސޯޑް

==========

[ރަޝްފާ ކާކާ ތިޔަ ވާހަކަ ދައްކަނީ؟] މާއިލް ރަޝްފާ އޮތް އެނދުގެ އެއްފަރާތެއްގައި އިށީނދެ، އޭނާގެ އަތަށް ފިތާލަމުން އެހިއެވެ.

[އޭނާ ވާހަކަ ދައްކަނީ އަހަންނާ...މާއިލަށް އަހަންނަކީ ކާކުކަން ނޭނގުނަސް، އެނދުގައި ތިއޮތް އަންހެނާއާއި މިރޭ ހޮސްޕިޓަލްތެރޭ މަރުވެފައި އޮތް ޒުބޭރާ ދެމީހުންނަށް އަހަންނަކީ ކާކުކަން އެނގޭނެ. އަހަރެންގެ ތަޢާރަފެއް ބޭނުންތަ؟] ރަޝްފާ ދޭންވީ ޖަވާބު އައީ ކޮޓަރީގެ ދޮރުމަތިންނެވެ. އެ އަޑު އައި ދިމާލުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

[ތިޔައީ ކާކު؟ ކޮންތާކު ފިލާއޮވެ ތިވާހަކަ ދައްކަނީ؟] މާއިލް ގުދުވެ އެނދު ތަންދޮށް ބަލާލިއެވެ.

[އަހަންނަކީ މާއިލަށް ހެޔޮއެދޭ....މާއިލްގެ ތިޔަ ލޯބިވާ އަނބިމީހާގެ ފާފައިގެ މޭވާއެއް.] މިފަހަރު ދޮރުމަތީގައި ހުރި ރޫޙު މާއިލަށްވެސް ފެނިލިއެވެ.

[ތިޔަހާ ކުޑަ ކުއްޖަކު...ކިހިނެއް ވާހަކަ ދައްކަނީ؟] މާއިލް ބިރުގަތެވެ.

[އަހަންނަކީ ތިޔަ ރަޙުމް ކުޑަ ފާފަވެރި އަންހެނާއާއި ޒުބޭރާ ކުރި ފާފަތަކުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްވި ފާފައިގެ މޭވާއެއް. ފާފައިގެ ގޮތުގައި މިދުނިޔެއަށް ގެނެސް، ފާފައިގެ ގޮތުގައި މިދުނިޔެއިން ނައްތާލީވެސް ތިޔަ އަންހެނާއާއި ޒުބޭރު. އަހަންނަކީ ކަލޭގެ އަންހެނުން ފާޚާނާ ތަށްޓަށް ފައްތާލި އޭނާގެ ދަރިފުޅުގެ [ރޫޙު]. ރޫޙު ރަޝްފާ ފަޟީޙަތް ކޮށްލިއެވެ. ރަޝްފާ މޫނުމަތީ ދެއަތް އަޅައިގެން އޮވެ، ބާރަށް ރޯން ފެށިއެވެ.

[އެއީ ތެދެއް މާއީ އަހަންނަށް މަޢާފްކުރޭ....] ރަޝްފާ ކުށަށް އިޢުތިރާފް ވަމުން މާއިލްގެ ކިބައިން މަޢާފަށް އެދުނެވެ.

އޭރު ޙަޤީޤަތް އެނގުމުން މާއިލް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.

[މަޢާފޭ! އަހަރެން ރަށުގައި ނެތި އެންމެ ނުވަމަސް ދުވަސްތެރޭ.....] އަނބިމީހާގެ ފާފަވެރި ބޭވަފާތެރިކަން ފާޅުވުމުން، މާއިލްގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ. އަދިވެސް ރޫޙު އެހުރިގޮތަށް ދޮރުމަތީގައި ހުއްޓެވެ.

އެވަގުތު ރޫޙާ ދިމާއަށް ބަލަން އިން މާއިލް ސިއްސައިގެން ދިޔައީ، ރަޝްފާގެ ކަރުތެރެއިން ނުކުތް ބިރުވެރި ފާޑެއްގެ އަޑަކުންނެވެ. އަނބިމީހާއަކީ ބޭވަފާތެރިއެއް ކަމުގައިވިޔަސް، މާއިލަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ޙަރަކާތާއި ހިނގުން ވަރަށް އަވަހެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން އެތަނަށް ގެނެސްފިއެވެ.

ޑޮކްޓަރު އަރުޖުން އައިސް ވަންއިރު، ރަޝްފާ އޮތީ ކަޅި ހުއްޓިފައެވެ. ޑޮކްޓަރުގެ އަވަސް ޙަރަކާތަކާއެކު، އޭނާގެ މެޔަށް ދެތިން ފަހަރަކު ފިއްތާލިއެވެ. އޭނާ ދިގުކޮށް ތިން ނޭވާލިއެވެ. އެހިސާބުން ޑޮކްޓަރުގެ ކަރު އެލުނެވެ. ރަޝްފާ މަރުވީއެވެ. ޒުވާން ޢުމުރުގައި ކުރެވުނު ފާފަތަކެއްގެ ސަބަބުން މިދުނިޔެއިންވެސް ސަޒާ ލިބުމަށްފަހުގައެވެ.

ރަޝްފާ މަރުވެއްޖެކަން ޔަޤީންވީމާވެސް، ޖެހި ބުދެއްހެން މާއިލް ހުއްޓެވެ. ދެލޯ ފެންކަޅިވެފައި ހުއްޓަސް، އެލޮލަކުން ކަރުނައެއް ނުފައިބައެވެ. ރަޝްފާގެ އެންމެ ފަހުގެ ނޭވާއާއެކު ރޫޙުވެސް ގެއްލުނެވެ.

އަނެއް ދުވަހު މެންދުރަށް ފެށުމުގެ ކުރިން ރަޝްފާގެ ކަށުކަމާކެމީގެ ކަންތައް ނިންމުނެވެ. މާއިލް ކެތްތެރިކަމާއެކު، މިހުރިހާ ޙަރަކާތްތަކެއްގައިވެސް ބައިވެރިވިއެވެ. ރަޝްފާއާއި ޒުބޭރުގެ މަރުގެ ސިއްރުތައް އިތުރު އެއްވެސް މީހަކަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް، އެއްރެއެއްގެ އެއް ވަގުތެއްގައި މިދެމީހުން މަރުވުމުން، ރަށުގައި ވަރަށްގިނަ ގޮތްގޮތަށް ވާހަކަ ދެއްކިއެވެ.

ދުވަސްތައް އާދައިގެ މަތިން މާޒީވަމުންދެއެވެ.

މިހާރު ރަޝްފާ މަރުވިތާވެސް އެއްމަސް ފުރިގެން ދިޔައީއެވެ. މިހާރު މާއިލްގެ ހިތުގައި އުފެދޭ ސުވާލަކީ، ދެން ރޫޙެއްގެ ގޮތުގައި ފެންނާނީ ރަޝްފާގެ ރޫޙުބާއެވެ. އެހެންވެ މިހާރު މާއިލް ހުންނަނީ ހިތް ބިރުގެންފައެވެ.

[ކޮންކަމަކާތަ ބިރުގަންނަނީ؟] ޝިޒްނީ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ ޒަހީނާއެވެ.

[އަހަރެންގެ ހިތަށްއަރަނީ، ކުޑަކުޑަ ޝާއިންގެ ޢުމުރުން ފަނަރަ އަހަރަށްފަހު، ދެންވާނީ ކިހިނެއްބާއޭ.] ޒަހީން މިހާރުން ފެށިގެންވެސް ޝާއިންގެ މުސްތަޤްބަލާމެދު ވިސްނަން ފެށިއެވެ.

[ހޮސްޕިޓަލަށް ގެންގޮސް، ލޭ ޓެސްޓް ކުރަންވީނު.] ޝިޒްނީ ލަފާދިނެވެ.

[ތިވެސް ރަނގަޅު ގޮތެއް.] ޒަހީނަށް ޝިޒްނީގެ ޚިޔާލު ކަމުދިޔައެވެ. އެދުވަހު ވާހަކަ ދައްކައިގެން، ހޯމަ ދުވަހު ޓެސްޓް ހެދުމަށް ޝާއިން ހޮސްޕިޓަލަށް ގެންދަން ޒަހީން ހަމަޖެއްސިއެވެ.

[ހޯމަ ދުވަސްވީމަ، ލަހެއް ނޫންތަ؟] ޝިޒްނީއަށް ޒަހީން ކަނޑައެޅި ދުވަސް ކަމުނުދިޔައެވެ.

[ރަނގަޅޭ ލަހެއް ނުވާނެ. އަނެއްހެން އިތުރު ބައްޔެއް ޝާއިންގެ ހަށިގަނޑުގައި ހުރިހެނެއް ހިއެއްނުވޭ.] ޒަހީން ބުންޏެވެ.

[އެންމެ ރަނގަޅު. ޒަހީނަށް ފެންނަ ގޮތެއް.] ޝިޒްނީ ވަރިހަމަކޮށްލިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ މެންދަމުން އަލިވެ ތިނެއްޖަހާ އެހާކަންހާއިރު، ޒަހީނަށް ހޭލެވުނީ، ކޮންމެވެސް މީހަކު ގޮވާ އަޑަށެވެ. އޭނާ ތެދުވެ ވަށައިގެން ހޯދާލިއެވެ. ގާތުގައި ޝިޒްނީއާއި ދަރިފުޅު ޝާއިން ނިދާފައި އޮތެވެ.

[ޒަހީން...އަހަންނޭ...] މިފަހަރުވެސް އިވުނީ އަޑެކެވެ.

[ކާކު...ރާނިޔާތަ؟] ކީއްކުރަން ތިޔައައީ. ރާނިޔާ ބޭނުންވަނީތަ، އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލަން.] ރާނިޔާކަން އެނގުމުން، ޒަހީން ހިތްހަމަނުޖެހުނެވެ.

[އުނހު. އަހަންނަށް ރަނގަޅީ ޒަހީން އުފަލުގައި އުޅުނިއްޔާ.] އޭނާއަށް ޒަހީން ހިތްހަމަނުޖެހިފައިވާކަން އެނގުމުން، އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ.

[ކިހިނެއް އަނެއްކާ ރާނިޔާއަށް އާދެވުނީ؟] ޒަހީން ހަމަޖެހިލިއެވެ.

[މިރަށު މީހުން ފަންޑިތަ ހެދިތާ ސާޅީސް ދުވަސް ވެއްޖެއެއްނު. މިހާރު އެ ފަންޑިތައިގެ އެއްވެސް ބާރެއް ނެތް. އަހަރެން މިފަހަރު މިއައީ ޒަހީނަށް ވިސްނައިދޭން. ޒަހީން ތިޔަ އުޅެނީ ދަރިފުޅުގެ ލޭ ޓެސްޓް ކުރާކަށްނު. ޒަހީން، އެ ޓެސްޓް ހެދުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ހޮސްޕިޓަލުން ހަދާ ލޭގެ ޓެސްޓުން ދަރިފުޅުގެ ފުރާނައަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެއް.] ޒަހީނަށް ވިސްނައި ދިނުމަށްފަހު، ރާނިޔާ ކުއްލިއަކަށް ގެއްލުނެވެ.

ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔުމުގެ ޚިޔާލު، ވަގުތުން އޭނާ ދޫކޮށްލިއެވެ. ކުރާނެ ކަމެއް ނެތެވެ. ފަނަރަ އަހަރު ފަހުން އަނެއްކާވެސް އޭނާއަށް މެންދަމުގެ ހަނދާންތައް އާވާނެއެވެ. އޭނާ ހުންނާނީ އެކަމަށް ވިސްނައިގެންނެވެ. އޭނާ އެކަމަށް ކިތަންމެ ވިސްނައިގެން ހުއްޓަސް، ފަނަރަ އަހަރަށްފަހުގައި އަންނަ މެންދަން ވަގުތުތަކަށް ވިސްނައިގެން ރަށުގެ އެހެން މީހުންނެއް ނޫޅޭނެއެވެ. ޔަޤީނެވެ. މެންދަމުގެ ނިމުންވާނީ ދުނިޔޭގެވެސް ނިމުމަށެވެ.

********************

10 އަހަރު ފަސް

މިއަދަކީ ޒަހީންގެ ދަރިފުޅު ޝާއިންއަށް ފަނަރަ އަހަރު ފުރުނު ދުވަހެވެ. ޝާއިންގެ ފަނަރަ ވަނަ އުފަން ދުވަހާއެކު، ޒަހީންގެ ދެވަނަ ދަރިފުޅު ދުނިޔެއަށް އުފަންވިއެވެ. މިއަދު އެންމެ ބޮޑަށް އުފާވެފައިވާތަން ފެންނަނީ ޝާއިނެވެ. އޭނާގެ ފަނަރަވަނަ އުފަންދުވަހާ ދިމާކޮށް އޭނާއަށް ކޮއްކޮއަކު ލިބުނީތީއެވެ. ޝާއިން ކިތަންމެ އުފާވެފައި ހުއްޓަސް، ޒަހީން އުފަލެއް ނުވެއެވެ.

[ޒަހީން....މިއަދު ހާދަ މޫޑު ސަކަރާތްހެން ހީވެޔޭ. ދަރިފުޅު ލިބުމުން އުފަލެއްވެސް ނުވޭތަ؟] ޒަހީން ތަޙައްމަލް ކުރަމުންދާ ނުތަނަވަސްކަން ޝިޒްނީ ދެނެގަތެވެ.

[މިއަދަކީ ކޮން ދުވަހެއްކަން ޝިޒްނީ ހަނދާނެއް ނެތްތަ؟ ޝާއިނަށް ފަނަރަ އަހަރު ފުރުނީއެއްނު.] ޒަހީން ހަނދާންކޮށްލަދިނެވެ.

[އޭ....ޙަޤީޤަތުގައިވެސް އަހަރެން މިއިންނަނީ ހަނދާން ނެތިފައި. އަޅެ މިރޭ ކިހިނެއްވާނެބޭ؟] ޝިޒްނީ ކަންބޮޑުވާން ފެށިއެވެ.

[ހިއެއްނުވޭ މިގޭތެރެއިން މީހަކަށް ގެއްލުމެއް ވެދާނެހެންނެއް.] ޒަހީން އިރުކޮޅަކު ވިސްނަން ހުރެލާފައި ބުނެލިއެވެ.

[މަންމަމެނަށް އަންގަންވީހެން އަހަންނަށް ހީވަނީ. އޭރުންނެއްނު މަންމަމެނަށް ވިސްނައިގެން އުޅެން އެނގޭނީވެސް.] ޝިޒްނީ ޚިޔާލެއް ދިނެވެ.

[ޝިޒޫ ތިގޮތް އަހަންނަކަށް ކަމަކުނުދޭ. އާނ....މަންމަމެންގެ ހުންނާނީ މުސްކުޅި ޚިޔާލު. އެމީހުން ނުލާހިކު ބިރުގަންނާނެ، މެންދަމަށް މިނިވަން ކުރަންޏާ. އެއްވެސް މައްސަލައެއް ނުޖެހޭނެ.] ޒަހީން ބޭނުންވީ، މީގެކުރިންވެސް ސިއްރު ކުރެވިފައިވާ ގޮތަށް އަދިވެސް މަންމަމެންނަށް ސިއްރުކޮށްފައި ބާއްވާށެވެ.

[ދެން އެނގިދާނެތާ ވާގޮތެއް. އަހަރެމެން މިރޭ ތިބޭނީ ފާރައަށް....] ޒަހީން ގޮތެއް ނިންމިއެވެ.

ޝާއިނަށް ސާދަ އަހަރު ފުރުނު ފަހުން އޭނާއަށް ހުންނަނީ، ވަކި ކޮޓަރިއެއް ދީފައެވެ. ވަކި ކޮޓަރިއެއް ދީފައި ހުއްޓަސް، ޝާއިން ނިދަނީ މާމައާއި ކާފަ ނިދާ ކޮޓަރީގައެވެ.

އެރޭ ވަގުތު ޖެހުމުން ޝާއިން ކޮޓަރިން ނުކުތެވެ.

އެރޭ ބޮޑު ކޮޓަރީގައި ޒަހީން ފާރައަށް ފިލާ ހުއްޓެވެ. ޝާއިން ބޮޑު ކޮޓަރިން ނުކުމެ ވަށައިގެން ހޯދާލިއެވެ. ޒަހީން ފޮތް އަލަމާރިއާ ނިވާވެލިއެވެ. އަވަސް އަވަހަށް ޒަލީން ބަލައިލީ ގަޑިއަށެވެ. ބާރަޖަހާ ބޮޑުވެ ހިނގައްޖެއެވެ. ޝާއިން ގެއިން ނުކުންނަންދެން، ޒަހީން އަލަމާރި ބިއްދޮށުގައި ހުއްޓެވެ. ޝާއިން ނުކުތުމުން އޭނާ އެނބުރި ކޮޓަރިއަށް ވަނެވެ.

[ކޮބާ ކިހިނެއްވީ؟ ޝާއިން ބޭރަށް ނުކުތްތަ؟] ޒަހީން ކޮޓަރިއަށް ވަނުމުން ޝިޒްނީ އެހިއެވެ.

[އަހަރެންގެ ދަރިއަކަށްވިޔަސް ބިރުގެންފި....] ޒަހީން ހުރީ ހާސްވެފައެވެ.

[ކިހިނެއްވީ؟ މީހަކަށް ގެއްލުން ދިންތަން ފެނުނީތަ؟] ޝިޒްނީގެ ހިތް އަވަސްވިއެވެ.

[ނޫން...ވެދާނެ ގޮތް ހިތަށްއަރަނީ.] ޒަހީން އެނދުގެ އެއްފަރާތެއްގައި އޮށޯވެލިއެވެ.

ޝާއިންގެ މިޞްރާބު އެހުރީ ލޮނުޒިޔާރަތްކޮޅަށްކަން ގައިމުވެއެވެ. އޭނާ ހިނގަމުން ދިޔައީ އަތަކަށް ބޯވެސް ތަޅުވާނުލައެވެ. ވައްތަރުވަނީ ކަރަންޓް ދީފައިވާ ބުދަކާއެވެ.

ހިނގަމުން ހިނގަމުން ގޮސް ވަކި ހިސާބަކަށް ދެވުނުތަނާ، ކުއްލިއަކަށް ޝާއިން މަޑުކޮށްލިއެވެ. ޔަޤީނެވެ. ވަގުތު ޖެހުނީއެވެ. އެކަން ޔަޤީންވަނީ އޭނާ އުޅުނު ގޮތުންނެވެ. އޭރު އޭނާއާ ލޮނުޒިޔާރަތްކޮޅާ ދޭތެރޭ ސަތޭކަ ފަންސާސް ފޫޓެއްހާ ދުރުމިންވެއެވެ. ކަންތައްވީ ހީކުރި ގޮތަށެވެ.

ޝާއިނަށް ވަގުތު ޖެހުނީއެވެ. އޭރު އޭނާއަށް މަޑުކޮށްގެން ހުރެވުނީ މުސްކުޅި ފުރައިގެ ދެމަފިރިއަކު އެކަނި އުޅެމުން އަންނަ ގެއެއްގެ ދޮރުމައްޗަށެވެ.

ޝާއިން ބަދަލުވާން ފެށިއިރު ބާރަޖަހާ ބޮޑުވެއްޖެއެވެ.

ފުރަތަމަ އޭނާގެ ހަށިގަނޑަށް އައީ ބާރުގަދަ ލޮޅުމެކެވެ. ހީވީ ހަށިގަނޑު ކުދިކުދިވެދާނެ ހެންނެވެ. އެވަގުތު އޭނާގެ ކަރުތެރެއިން ނުކުތީ، ނާމާން ބިރުވެރި އަޑެކެވެ. އާއެކެވެ. އެ އަޑު ކެނޑުނުއިރު، އޭނާގެ އެ ރީތި ސިފަވަނީ ބަދަލުވެފައެވެ. އަނގައިގެ ދެމިޔަކަނުން ނުކުމެފައި ވަނީ ލޭބޯ ޒާތުގެ ދެދަތެވެ. އަތާއި ފައިގެ އިނގިލިތައް ދިގުވެ، ނިޔަފަތިތައް ތޫނުވެފައިވާއިރު، މިސާލުޖަހާ މީހަކު މިސާލު ޖަހާނީ ތޫނު ހަންޖަރުތަކަކާއެވެ. ދެލޯވެސް ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ.

އޭނާ ދެކޮޅު ހޯދާ ބަލާލިއެވެ. ވެދާނެއެވެ. އޭނާ އެ ބެލީ ވީހާވެސް ކައިރިން އިންސާނެއްގެ ވަސް ޖެހޭތޯއެވެ.

އޭނާ ޖެހިގެން ހުރި ޙަސަންބެމެންގެ ގެޔަށް ވަނީ ކައިރި ހިސާބަކުން މީހަކު ނުފެނުނީމައެވެ.

އޭރު އެގޭ ޙަސަންބެއާއި ޙަސަންބެގެ އަންހެނުން ޙަސީނާއަށް އޮތީ ނިދިފައެވެ.

އެވަގުތު އެގޭގައި ދިއްލާފައި އޮތް ނިދާ ބޮކީގެ ފަނޑުއަލީގެ ތެރެއިން ޝާއިންގެ ސިފަ ފެންނަނީ ވަރަށް ބިރުވެރި ގޮތަކަށެވެ. ފެނުނު މީހަކަށްނަމަ، ބިރުން ވިރިގެންދާފަދަ ނާމާން ސިފައެއްގައެވެ. އޭނާ ފުރްޞަތުގެ ބޭނުން ކުރާކަށް ގިނަ ވަގުތެއް ނުނަގައެވެ. އިންސާނަކަށް ދަހިވެތިވެފައިވާ މިނިކާވަގެއް ފަދައިން، ޙަސަންބެގެ މައްޗަށް އޭނާ ޖެހިގަތީ، އެ ނިކަމެތި މީހާއަށް އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތިއެވެ.

ޙަސަންބެއަކީ ކިތަންމެ ނިދިގަދަ މީހަކަށްވިޔަސް، ޙަސަންބެގެ އަންހެނުން ޙަސީނާއަކީ ބުޅާ ނިދާކަހަލަ ނިދި ނިދާ މީހެކެވެ.

ޝާއިންގެ ފުރަތަމަ ޙަމަލާ އެރީ ޙަސަންބެގެ ނޭވާހޮޅިއަށެވެ. ޙަސީނާއަށް ހޭލެވުނީ އެވަގުތުއެވެ. ފެނިގެންދިޔަ ބިރުވެރި ނާމާން މަންޒަރުގެ ސަބަބުން ނުބައި ޒާތެއްގެ އަޑެއް ކަރުން ނުކުތުމާއެކު، އޭނާ ވަގުތުން އަނބުރައިގެންފިއެވެ.

ޝާއިންގެ ދަތް، ޙަސަންބެގެ ނޭވާހޮޅިއަށް ވަދެގެންދިޔައިރު، ޝާއިންގެ އެތެރެހައްޓަށް ލޭގެ އަސަރު ދިޔުމާއެކު، އޭނާ ނުބައި ޒާތަކަށް ހީލިއެވެ. ވެދާނެއެވެ. މިނިލެޔަކީ އޭނާއަށް ވަރަށް ކަމުދާ އެއްޗަކަށްވީއެވެ. އެކަން އޭނާގެ ތުންފަތަށާއި ދުލަށް ގެނައި ޙަރަކާތުންވެސް އެނގެއެވެ.

އޭނާ ޙަސަންބެގެ ހަށިގަނޑުން ދޫކޮށްލިއިރު، ހަސަންބެގެ ހަށިގަނޑުގައި ފުރާނައެއް ނެތެވެ. މުޅި ހިސާބުގަނޑު ވަނީ ޙަސަންބެގެ ލެއިން ކަޅިވެފައެވެ. ޝާއިން ޙަސަންބެގެ ހަށިގަނޑުން ދޫކޮށްލާ ހިންދެމިލިއިރު، އޭނާގެ މުޅި ދެއަތުގައިވެސް ވަނީ ހުސް ލެއެވެ. އޭނާ ހަމަ ވަގުތުން އޭނާ ބޭނުންވަރަކަށް ދިގުކޮށްލެވޭ ދޫނެރެ، ދެއަތުގައި ހުރިނަމަ ހުރި ލެޔަކާއި، ޙަސަންބެ ވެއްޓިފައި އޮތް ތަނުގައިވާ ލޭތައް، އެ ދުލުން ސާފުކޮށްލިއެވެ.

އެވަގުތު އޭނާގެ ހިތަށް އަރާކަހަލައެވެ. ދުވަހަކުވެސް މިފަދަ މީރު ބުއިމެއް ނުބޮވެއެވެ. ޢަޖައިބެކެވެ. އިންސާނުންގެ ލެޔަކީ ހާދަ މީރު އެއްޗެކެވެ. ޔަޤީނެވެ. މިހާރު އިންސާނުންގެ ލެޔަށް ޝާއިންގެ ހިތުގައިވާ ޝައުޤު ވަރަށް ބޮޑެވެ. މުސްތަޤްބަލުގައި އިންސާނުންގެ ލޭ، އޭނާއަށް ވަރަށް މުހިންމު ވާނެއެވެ.

ޝާއިން ގެޔަށް އައިއިރު ބޮޑު ކޮޓަރީގައި ޒަހީން ހުއްޓެވެ.

[ބައްޕާ....! ހޭލާތަ؟] ޒަހީން ފެނުމުން ޝާއިން ސިހުނެވެ.

[މިއޮއް ދަންވަރު ކޮންތާކުން ދަރިފުޅު ތިއައީ؟] އެނގިހުރެވެސް ޒަހީން އެއްސެވެ. އޭނާ ބޭނުންވީ ޝާއިން ލައްވާ އަމިއްލައަށް އިޢްތިރާފު ކުރުވާށެވެ.

[ހޫނުވާތީ ބޭރަށް ނުކުމެލީ.] ޝާއިން ޖަވާބުދިންލެއް ވަރަށް އަވަހެވެ. ހީވީ އެސުވާލު ޒަހީން ކޮށްފާނެ ކަމަށް އޭނާ ތައްޔާރުވެގެން ހުރިހެންނެވެ. ޝާއިން ދިން ޖަވާބަކީ، ޒަހީނަށް އާ ޖަވާބެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ރާނިޔާވެސް ޒަހީނަށް ދެމުން އައި ޖަވާބަކީ ހަމަ އެއީއެވެ.

[މިރޭ ވަކިން ދަރިފުޅަށް ހޫނުވާންވީ ކީއްވެ؟ މާމަމެން ކޮޓަރީގައި ހުންނާނީ ބައްޕަ އިހަކަށް ދުވަހު ހަރުކުރި ފަންކާއެއް.] ޒަހީން ބޭނުންވަނީ ޝާއިން ލައްވާ ވާހަކަ ދައްކުވާށެވެ.

[ބައްޕާ އަޅުގަނޑު ދެން މިދަނީ ނިދަން.] ޝާއިން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

[ދަރިފުޅާ! އަންނަ އަހަރަކީ ދަރިފުޅުގެ އޯ ލެވެލް އަހަރު. ތިހެން ހޭލާ ހުންނައިރު ފޮތަކަށް ބަލާލާ ނަމަވެސް ރަނގަޅެއްނު.] ޒަހީން ވާހަކަ ދެއްކީ ދަރިފުޅަށް ހެޔޮއެދިގެންނެވެ.

[ބައްޕައަށް ނިމުނީނު އަޅުގަނޑު ފާސްވީމާ.] ޝާއިން ގޮސް ކޮޓަރިއަށް ވަނެވެ.

އަނެއް ދުވަހުގެ މެންދުރެއްހާއިރު ޙަސަންބެގެ މަރުގެ ޚަބަރު މުޅި މާލެތެރެއަށް ފެތުރުނެވެ. ޒަހީންމެނަށްވެސް މިކަން އެނގުނެވެ. ޙަސަންބެގެ މަރާ ގުޅިފައިވަނީ ޝާއިންއާކަން އެނގެނީ، ހަމައެކަނި ޒަހީނާއި ޝިޒްނީއަށެވެ. ކޮންމެ ގޮތެއްވިޔަސް، އެމީހުންނަށް ޖެހޭނީ އެކަންތައް ސިއްރު ކުރާށެވެ.

ހަވީރު ޒަހީންގެ ބައްޕައަށްވެސް ޙަސަންބެގެ އާދަޔާ ޚިލާފު މަރުގެ ޚަބަރު ލިބުނެވެ.

[ދަރިފުޅާ ޙަސަންބެގެ ލޭވެސް ހުސްވެފަޔޯ އޮތީ. ޔަޤީނޭ މިވާނީ އަނެއްކާވެސް މާލެއަށް ޖިންނި އަރައިގެން އުޅެނީ ކަމަށް. އާނ އެހެންޏާ، އިންސާނަކަށް އިންސާނަކާ ދޭތެރޭ އެފަދަ ގޮތަކަށް ހަދާކަށް ނުކެރޭނެއެއްނު.] ރާފިޢު ބޭރުތެރެއިން އިވުނު އަޑުތަކަށް އަލިއަޅުވާލަމުން ވާހަކަ ދެއްކިއެވެ.

[ލޭ ހުސްވެފަޔޭ.....!] ޒަހީނަށް ސިހިފައި ކަހަލަ ގޮތަކަށް އަހާލެވުނެވެ.

[އާނ. މިހާރު މާލެއަށް އަރައިގެން އުޅެނީ ލޭބޯ ޖިންނިއެކޯވެސް ބައެއް މީހުން އެބަކިޔާ.] ރާފިޢު ހުރީ ބިރުގެންފައެވެ. މިހެން ބުނެފައި، ރާފިޢު ގޮސް ވަނީ ކޮޓަރިއަށެވެ. އެއީ ޝާއިންވެސް ސްކޫލުން ނިމިގެން ގެޔަށް އައިސް ވަން ވަގުތެވެ.

[އައްދެ ކާފަ ހާދަ ހާސްވެފަ ހުރިހެން ހީވެޔޭ. އަނެއްކާ ކިހިނެއްވީ؟ ރާފިޢުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ފާހަގަކޮށް، ޝާއިން ސުވާލު ކުރިއެވެ.

[ދަރިފުޅަކަށް ނޭނގޭތަ! ރޭގައި މިރަށުގައި ބިރުވެރި ޙާދިޘާތަކެއް ހިނގައިގެން އެބައުޅެއެއްނު.] ރާފިޢު ހިތުން ޝާއިންއަށް އާޚަބަރެއް ދިނެވެ.

[އަޅުގަނޑަށް އެނގެޔޭ. މިއަދު ސްކޫލް ތެރެއިން ތިޔަކަހަލަ ވާހަކައެއް ދެއްކި އަޑު އެހިން.] ޝާއިން ތެދު ހެދިއެވެ.

[ދަރިފުޅު ބިރެއް ނުގަނޭތަ؟ ކާފަ މިހުންނަނީ ބިރުން ހަލާކުވާވަރުވެފައި.....ހިތަށްއަރާ....] ރާފިޢު އެހިއެވެ.

[ކޮންބިރެއް؟ އަޅުގަނޑު ބިރުގަންނަނީ އަމިއްލަ ނަފްސުދެކެ. ހިތަށްއަރާ ކީއްވެބާއޭ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވެނީ.] ޝާއިން އަމިއްލަ ނަފްސަށް މަލާމާތް ކުރިއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ރާނިޔާވެސް ވާހަކަ ދައްކަމުން އައިގޮތެވެ.

[އަދި ކޮންޓްރޯލް ކުރެވޭނެ. އަދިވެސް މަސައްކަތް ކުރަންވީ.] ލާންސް ކޯޕްރަލް ޖާވީދު ވާހަކަ ދެއްކީ އޭނާގެ މައްޗަށްހުރި ކޯޕްރަލް ޝަހީބާއެވެ.

[ކުރީފަހަރުވެސް އެތައް ބަޔަކު މަރުވިފަހުން އެކަންތައްވެސް ކޮންޓްރޯލް ކުރެވުނީ.] ޝަހީބް ވާހަކަ ދެއްކީ އުއްމީދު ގެއްލިފައިވާ ރާގަކަށެވެ.

[އަދި މިފަހަރުވެސް ކާމިޔާބުވާނެ.] ލާންސްކޯޕްރަލް ޖާވީދުގެ އުއްމީދަކަށް ބަދަލެއް ނާދެއެވެ. އޭނާއަށް ޔަޤީންވާ ކަހަލައެވެ. އޭނާގެ މަސައްކަތަށް ފުރިހަމަ ކާމިޔާބު ލިބޭނެއެވެ.

[ރޭގައި އެމަރުވި މީހާގެ ލޭވެސް ވަނީ ހުސްވެފަޔޯ. އެހެންޏާ އަހަންނަށް ހީވަނީ ކުރީގެ ފަހަރުތަކާ ޚިލާފުހެން.] ޝަހީބް ބުންޏެވެ.

[އަހަންނަށް ހީވަނީ އިންސާނެއްގެ ސިފައިގައި މާލޭގެ ގެއެއްގައި އުޅޭ މީހަކު ކުރާ ކަމެއްހެން.] ޖާވީދަށް ހީވާ އެއްޗެއް ބުންޏެވެ.

[ހީވެގެނެއް ނެތޭ ކާމިޔާބުވާކަށް. ޔަޤީންކޮށްބަލަ.] ޝަހީބް ބުންޏެވެ.

ޖެހިގެން އައި ރޭވެސް ޝާއިން ނުކުމޭތޯ ޒަހީން ފާރަލިއެވެ. ޒަހީން މަޑުކޮށްގެން ހުރީ ކުރީރޭވެސް ފިލާހުރި ފޮތް އަލަމާރި ބިއްދޮށުގައެވެ. އެހެން އޭނާ ހުރެހުރެ ފައިވާޅުވިއިރުވެސް ޝާއިންގެ ހިލަމެއް ނުވިއެވެ. އޭނާއަށް ބަލައިލެވުނީ އަތުކުރީގައި އޮތް ގަޑިއަށެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ބިރުވެރިކަން ސަވާރުވިއެވެ. އޭނާގެ ހަށިގަނޑު ތުރުތުރުއަޅަން ފެށިއެވެ. މުޅިމީހާ ފިނިވެއްޖެއެވެ. އެވަގުތު އޭނާގެ ހިތަށް އަރަމުންދިޔައެވެ.

އަނެއްކާ މިރޭ ޝާއިންގެ ޝިކާރައަކަށްވީ މަންމަ ނުވަތަ ބައްޕަބާއެވެ. މިހެން ހިތަށް އެރުމާއެކު، އޭނާއަށް ހިނގައިގަނެވިއްޖެއެވެ. މަންމަމެން ނިދާ ކޮޓަރިއާ ދިމާއަށެވެ.

އެކޮޓަރިއާ އަރާ ހަމަކޮށް އޭނާ މަޑުކޮށްލިއެވެ. ހީވަނީ އެތެރެއިން އަޑެއް އިވޭތޯ ކަނުލައިގެން ހުރިހެނެވެ. ހީވަނީއެއް ނޫނެވެ. އޭނާ މަޑުކުރީ އެތެރެއިން އަޑެއް އިވޭތޯއެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު، އަޑެއް ނީވުމުން، އޭނާ ކޮޓަރި ދޮރުގައި ހިފާލިއެވެ. އޭނާ ބޮޑަށް ބިރުގަތީ އެހިސާބުންނެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ހަށިގަނޑުގައި ވިންދު ޖަހާހެން އޭނާގެ ހިތްވެސް ތެޅެން ފަށައިފިއެވެ. މިހާރު އޭނާގެ ހީވުންތަކަށް ޔަޤީންކަން ލިބެން ފަށައިފިއެވެ. އެވަގުތު ދޮރުގައި ތަޅައިގަންނަންވެސް ހިތަށް އެރިއެވެ. އެހެނަސް އިތުރަށް ޔަޤީން ކުރަން ކެތްކުރީއެވެ. އެގޮތަށް ވަގުތުކޮޅެއް ވަންދެން ހުރުމަށްފަހު، ދެންވެސް އޭނާއަށް ބަލައިލެވުނީ ގަޑިއަށެވެ. ގަޑިން ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ފަތިސް ވެއްޖެކަން އިޢްލާނު ކުރުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ދޫނި ސޫފާސޫފިތަކުގެ ގޮވުންތަކުގެ އަޑު އިވެން ފެށިއެވެ. ދޭތެރެއަކުން ހާ ގޮވާ އަޑުވެސް އިވެއެވެ.

ޒަހީން މިހާރު މަޑުކޮށްގެން އެހުންނަނީ ފަތިސް ނަމާދު ވަގުތު ޖެހެންދެނެވެ. މަންމަ ދުނިޔޭގައި ހުރިއްޔާ ފަތިސް ނަމާދަށް ތެދުވާނެކަން އެނގޭތީއެވެ. އޭނާ ބޮޑު ކޮޓަރީގައި ހުރި ސޯފާގައި އިނެވެ. އޭނާ ދެން އިންތިޒާރު ކުރަން ޖެހޭނީ ކުޑަ ވަގުތުކޮޅަކަށެވެ. ނަމާދަށް ގޮވާފާނެއެވެ.

މިހާރު އޭނާގެ ދެލޮލަށްވެސް ނިދީގެ އަސަރު ވެރިވާން ފަށައިފިއެވެ. ކޮއްޅަށް ނުހުރެވޭވަރަށް ތާއްޔާޖެހެން ފެށިއެވެ.

ފާއިޒާމެންގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނީ އެވަގުތެވެ.

ތާއްޔާ ޖެހިޖެހި އިން ޒަހީނަށް އެ އަޑު އިވުމާއެކު، ހީވީ ލޮލަށް ވެރިވެފައިވާ ނިދީގެ އަސަރު އެއްކޮށް ފިލައިގެން ދިޔަހެންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. އޭރު މަންމަމެން ކޮޓަރިން މީހަކު ނުކުމެގެން އަންނަ އަޑު އިވެއެވެ. އެ އަޑު ގަދަވާ ވަރަކަށް ޒަހީންގެ ހިތުގެ ހިނގުންވެސް އަވަސްވާން ފެށިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން