ކައުންސިލް އިންތިޚާބުގައި ވޯޓު ގަންނަ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމި އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ޝިއުނާ ދެއްވި ހިތާބެއްގައި ވިދާޅުވީ، ރައްޔިތުންގެ މަންދޫބުން އައްޔަނު ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ލައިސެންސެއް ދިނުން ނޫން ކަމަށާއި، އެންމެންގެ މުސްތަޤްބަލާމެދު ގޮތެއް ނިންމުމަށް ނަޒާޙަތްތެރިކަމާއެކު ވޯޓުދޭން ޖެހޭ ކަމަށެވެ. އަދި ވޯޓު ވިއްކުމުން އެންމެންގެ މުސްތަޤްބަލް ނެތިގެންދާކަން ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، ރާއްޖޭގައި އެކި ދުވަސްވަރު އިންތިޚާބުތައް އޮންނަ އިރު، އިންތިޚާބީ ޙައްޤު ލިބިގަތުމަށްޓަކައި ނަޒާޙަތްތެރިކަމާއެކު އެ ޙައްޤު އަދާކުރުމަކީ އެކަން ކުރަންއޮތް ހަމައެކަނި މަގު ކަމަށެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހުއްޓުވައި، ޤާނޫނީ އިމުގެ ތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. މިކަމާމެދު ކެނޑިޑޭޓުންނާއި ވޯޓު ދޭން ތިބި ޢާއްމު މީހާވެސް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." ޝިއުނާގެ ޚިތާބް ގައި ވެއެވެ.

މީގެ އިތުރުން ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށްވާނަމަ، އެކަމަށް ފާޅުގައި ދެކޮޅުހަދަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ އިންތިޚާބުވާ މީހާ އިންތިޚާބު ވުމަށްފަހު ޢަމަލު ކުރާނީ އޭނާ ބޭނުންވާ ގޮތަށް ކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭރުން ރައްޔިތުންގެ އަޑު ނީވޭނެ ކަން ޝިއުނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު