ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ 105 ގައިދީއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އަދަބު ލުއިކޮށްދެއްވައިފި އެވެ.

ދާޚިލީ ވުޒާރާއިން މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ، ކޯވިޑް-19 ގެ ބިރު ރާއްޖެއަށް އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޖަލުގައި ބަންދުކޮށްފައިވާ މީހުންނާއި، ޖަލުތައް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ އޮފިސަރުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި ޖަލުތަކުގެ އާބާދީ ދަށްކުރުމުގެ ގޮތުން 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދީފައިވާ ކަމަށެވެ.

މިގޮތުން މަޢާފުދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެޅުއްވި މިފިޔަވަޅުގައި ޤައިދީން ކޮށްފައިވާ ކުށުގެ ބާވަތަށާއި، އެމީހުންގެ ފަރާތުން މުޖްތަމަޢަށް އޮތް ނުރައްކަލަށް ބައްލަވާފައިވާނެ ކަމަށް އެ ވުޒާރާގެ ބަޔާނުގައި ވެއެވެ.

ދާޚިލީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ މި ފިޔަވަޅަކީ އަނިޔާކުރުމާއި، ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ އދ ގެ ސަބްކޮމިޓީއިން، އެ ކޮމިޓީގެ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކަށް ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން ދީފައިވާ ލަފަޔާއި، އައިސީއާރްސީ އިން ދިވެހިރާއްޖޭގެ ދާޚިލީ ވުޒާރާއަށް ދީފައިވާ އިރުޝާދާއި، މަސްތުވާތަކެއްޗާއި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާ ބެހޭ އދގެ އޮފީހުން ނެރެފައިވާ ގައިޑްލައިނަށް ރިޢާޔަތްކޮށްގެން އެޅި ފިޔަވަޅެއް ކަމަށެވެ.

އަދި ކޯވިޑް-19 ގެ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ރަސްމީ އިދާރާތަކުގެ އިރުޝާދަށް ބޯލެނބުމަށާއި، އެންމެންގެ ސަލާމަތަށްޓަކައި ސިއްޙީ މާހިރުންގެ އިރުޝާދަށް ތަބާވުމަށް އެ ވުޒާރާއިން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން