އެމްއެންޑީއެފުން އެސްޓީއޯގެ ޑެލިވަރީގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފުން އެސްޓީއޯގެ ޑެލިވަރީގައި ހަރަކާތްތެރިވަނީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑެލިވަރީތައް ކޮށްދިނުމުގައި ކޮންމެ ޝިފްޓެއްގައި 51 މީހަކު ހަރަކާތްތެރިވާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާކަމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށްދާ ފުރަބަންދުގެ ސަބަބުން ރައްޔިތުންނަށް އެންމެ ބޮޑު ދަތިތަކެއް ދިމާވަނީ ޑެލިވަރީގެ ހިދުމަތް ލަސްވުމުގެ ސަބަބުންކަމަށާއި، އެސްޓީއޯއިން މައުލޫމާތުދީފައިވާގޮތުގައި އެކުންފުނީގެ ޑެލިވަރީތައް ކުރުމަށް ކޮންމެ ދަންފަޅިއެއްގައި 51 މީހަކު ހަރަކާތްތެރިވާނެކަމަށެވެ. ހަމައެއާއެކު، އެސްޓީއޯގެ ޑެލިވަރީތައް ކުރުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރިކަން އެސްޓީއޯއަށް ލިބެމުންދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ލަސްތަކެއް ހުރިނަމަވެސް ޑެލިވަރީގެ ހިދުމަތް އަވަސްކޮށް ފުރިހަމަ ކުރުމަށްޓަކައި އެތައް މަސައްކަތްކެއް ކުރެވެމުން ދާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވީ ޑެލިވަރީކުރުމަށް ފިހާރަތަކާއި ރެސްޓޯރެންޓް ތަކަށް މިހާތަނަށް 2653 ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކާބޯތަކެތި ޑެލިވަރ ކުރާ ރެސްޓޯރެންޓު ފަދަ ވިޔަފާރި ތަކުގެ ތެރެއިން 23 ތަނަކަށް ހުއްދަ ދޫކޮށްފައިވާއިރު، ޑެލިވަރ ކުރުމުގެ 71 ލައިސަންސެއް މި ތަންތަނަށް ދޫކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން