މިރޭގެ ޕްރެސްގައި މަބްރޫކް (މ) ގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިރޭގެ ޕްރެސްގައި މަބްރޫކް (މ) ގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތެއް އަދި ނުހިމެނޭ ކަމަށާއި އެފަދަ ފަރާތެއް ބައްޔަށް ފައްސި ވުމަކީ ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ދިވެހިރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އުމުރުތަކަށް ބަލާއިރު، މުޅިންހެން އުޅެނީ 40 ނުވަތަ 40 އިން ދަށުގެ އުމުރު ފުރާގެ މީހުން ކަމަށާއި، އުމުރުން ދޮށީ މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ ކަންބޮޑުވާން ޖެހޭނެކަމަށެވެ. މަބްރޫކް ވިދާޅުވީ އެފަދަ މީހަކު ޕޮޒިޓިވްވެއްޖެނަމަ އެމީހާގެ ހާލު ވަރަށް ގާތުން ބަލަން ޖެހޭނެކަމަށް ދިރާސާތަކުން ދައްކާކަމަށެވެ.

ހަމައެއާއެކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދޮށީ އުމުރުގެ މީހުން ފާހަގަވެފައިވާކަން ހާމަކުރައްވާ މަބްރޫކް ވިދާޅުވީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށެވެ.

މަބްރޫކްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މާލެއިން 3 ކްލަސްޓަރ އެއް ފެނިފައިވާއިރު، ފުރަތަމަ ކްލަސްޓަރ އަކީ މިމަހުގެ 15 ވަނަ ދުވަހު ޕޮޒިޓިވްވި 35 އަހަރުގެ އަންހެން މީހާގެ ކޮންޓެކް ޓްރޭސިންގް ހެދިއިރު ފާހަގަވި ކްލަސްޓަރ އެއްކަމަށެވެ. އެކްލަސްޓަރ ގައި ހިމެނެނީ މި އަންހެން މީހާއާއި، އޭނާގެ 2 އަހަރުގެ އަންްހެން ދަރިފުޅުގެ އިތުރުން ކޭސް 23 ކަމަށްވާ، 42 އަހަރުގެ އަންހެނެކެވެ. އަދި މި 42 އަހަރުގެ އަންހެން މީހާގެ 46 އަހަރުގެ ފިރިމީހާވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ މި ދެމަފިރިންގެ 15 އަހަރުގެ އަންހެން ދަރިއަކުވެސް ވައިރަހަށް ޕޮޒިޓިވްވެފައިކަމަށެވެ. މިއީ ކޭސް 24 އަދި ކޭސް 25 އެވެ. އަދި ކޭސް 26 އަކީ މިކޭސްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 37 އަހަރުގެ އަންހެނެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފުރަތަމަ ކްލަސްޓަރގައި ޖުމްލަ 6 މީހަކު އުޅޭކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ދެވަނަ ކްލަސްޓަރ ފެނިފައިވަނީ ފުރަތަމަ ކްލަސްޓަރ އާއި އެއްވެސް ގުޅުމެއް ނެތް 37 އަހަރުގެ އަންހެނެއްގެ ފަރާތުން މިމަހުގެ 17ވަނަ ދުވަހު ކަމަށެވެ. އެގޮތުން، މާލޭގެ ފްލޫ ކްލިނިކަކަށް ގޮސް ކުރި ޓެސްޓުން ޕޮޒިޓިވްވި މި އަންހެން މީހާއަކީ ކޭސް 27 އެވެ. އެގޮތުން މި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި ކޭސް 30އަކީ 33 އަހަރުގެ އަންހެނެކެވެ. ކޭސް 29 އަކީ، 37 އަހަރުގެ ފިރިހެނެކެވެ. މިއީވެސް ދެވަނަ ކްލަސްޓަރގައި ހިމެނޭ މީހެކެވެ. އަދި ކޭސް 34، 24 އަހަރުގެ އަންހެނަކުވެސް މި ކްލސްޓަރގައި ޕޮޒިޓިވެވެފައިވާއިރު، މިކްލަސްޓަރގައި ހިމެނޭ 33 އަހަރުގެ އަންހެން މީހާގެ 32 އަހަރުގެ، ފިރިމީހާ، (ކޭސް 32) އަކީވެސް މި ކްލަސްޓަރގައި ހިމެނިގެން ޕޮޒިޓިވްވެފައިވާ މީހެކެވެ.

ތިންވަނަ ކްލަސްޓަރ އެއް މާލެއިން ފެނިފައިވަނީ ހަމަ އޭޕްރިލް 17 ވަނަ ދުވަހުއެވެ. ފްލޫ ކްލިނިކަކުން ހެދި ޓެސްޓަކުން ބައްޔަށް ޕޮޒިޓިވްވި 28 ވަނަ ކޭސްއަކީ އުމުރުން 47 އަހަރުގެ ފިރިހެނަކާއި، އޭނާގެ 37 އަހަރުގެ އަނބިމީހާ އާއި އެދެމަފިރިންގެ 8 އަހަރުގެ ކުއްޖެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭގެއިތުރުން މަބްރޫކް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ހިމެނޭކަމަށާއި، އެ އަންހެން މީހާގެ ހާލު ވަރަށް ގާތުން ބަލަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން