ހިޔާ މަޝްރޫގެ ފްލެޓްތައް (ފޮޓޯ: ސޯޝަލް މީޑިއާ)
ހިޔާ މަޝްރޫގެ ފްލެޓްތައް (ފޮޓޯ: ސޯޝަލް މީޑިއާ)
ހިޔާ މަޝްރޫގެ ފްލެޓްތަކުގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

"އާއްމުންގެ އެކުވެރި ގުޅުން" ގެ ނަމުގައި ޙަރަކާތްތެރިވާ ޖަމުޢިއްޔާއިން މިއަދު ބުނެފައިވަނީ، އެ މައްސަލަ އޭސީސީ އަށް ހުށައަޅާފައިވަނީ، ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ކަމަށެވެ. މި ސަރުކާރުގެ ފްލެޓް ކޮމިޓީން ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ މަޢުލޫމާތުތައް ރިވިއު ކުރުމަށްފަހު އާ ލިސްޓުތަކެއް އާއްމުކުރިއިރު އެންމެ ގިނަ ބަޔަކަށް ޕޮއިންޓް މަދުވެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބައިންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެޖަމިއްޔާއިން ބުނެފައިވަނީ އެ މިންގަނޑު އިއުލާން ކުރިއިރު، ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާކަމަށާއި، އެހެންކަމުން ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށާއި އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަން ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ފްލެޓް ކޮމިޓީން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވައިލައިފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަންނީ ލަފަޔާއެކު ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށްވެސް އެ އިއުލާނުގައި ބުނެއެވެ.

އަދި، މިހާރު އާންމުކޮށްފައި ވަނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ވަގުތީ ލިސްޓުތައް އިއުލާނުކޮށްފައިވާ ކެޓެގަރީތަކުގެ މިންގަނޑާ ގުޅޭ މަޢުލޫމާތު ކަމަށްވެސް އެ ކޮމެޓީގެ ބަޔާނުގައި ވެއެވެ.

ފްލެޓު ކޮމިޓީން މީގެ ކުރިން ވަނީ، މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ފައިނަލް ލިސްޓު ނެރޭނެކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން