ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ކޯވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮސިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ގައި ހިމެނޭ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ފަރާތުން ކޮންޓެކްޓް ޓްރޭސިންގައި މައުލޫމާތު ދޭން ދެކޮޅު ހަދާކަން އެޗްޕީއޭއިން ހާމަ ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޝަމީމް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދައްކާ ވާހަކައިން ފުލުހުންގެ ތަހުގީގަށް ހޯދޭ މައުލޫމާތު ދިމާނުވާ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ ދައުވާތަކަށް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށެވެ. އަދި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި އެއަށް ވުރެ އަދަބު ބޮޑު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވެ ޝަމީމް ވަނީ އިންޒާރު ދެއްވާފައެވެ.

"ވަރަށް ފަސޭހަ ޗޮއިސްއެއް މިއޮތީ. އެއީ ތެދު މައުލޫމާތު ދިނުން ނޫނީ ޖަލަށް ދިއުން،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާއަށް ދައުވާ ކުރަން ހަމައެކަނި ބޭނުންވާނީ ދޮގު ހެދިކަމުގެ ހެއްކެވެ. އެހެންވެ، އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވިދާޅުވެ، އެ މީހާއަށް އޮތް ހަމައެކަނި ގޮތަކީ ތެދު މައުލޫމާތު ދިނުން ކަމަށާއި އެހެން ނޫންނަމަ ދާން ޖެހޭނީ ޖަލަށް ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެއްބާރުލުން ނުދޭ ނަމަ އެމީހާގެ މައުލޫމާތު ލަސްވެގެން މިރޭ އާންމު ކުރާނެ ކަމަށެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ނުދޭ މީހުންގެ ނަން ހާމަ ކުރަން ނިންމާފައިވަނީ އެމީހުންނާއި ގުޅުން ހުރި މީހުން ހޯދުމަށެވެ. ނަން އާންމު ކުރުމާއި އެކު އެމީހާއާއި ގުޅުން ހުރި ނުވަތަ އެޗްޕީއޭއިން ކަނޑައަޅާ މުއްދަތެއްގައި ދިމާވެ މުއާމަލާތް ކޮށްފައިވާ މީހުން އެޗްޕީއޭއަށް އަންގަން ޖެހެ އެވެ.

މިހާތަނަށް ރާއްޖެއިން 52 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު މާލެއިން މިއަދު އެކަނިވެސް މިހާތަނަށް 16 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އަދި މާލެއިން ބޭރުން ހއ. އުލިގަމުންވެސް ވަނީ މި ބައްޔަށް ދިވެއްސަކު ފައްސިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން