އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
2021 އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އަމާޒަކީ ރައީސް ޔާމީން މިނިވަން ކުރުމާއި، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މީލާދީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ޙުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ދިވެހި ޤައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް އެކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ.

އަދި ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަކަން އުފަލާއެކު ފާހަގަކުރާކަމަށް އެ ބަޔާނުގައި ވެއެވެ. މީގެއިތިތުން ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

"އިރާދަކުރެއްވިއްޔާ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، އެ ކޯލިޝަންގެ އަމާޒް ޙާސިލްކުރުމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށެވެ.

2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށް ވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރަކަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައި ކަމަށާއި، މިހިތްދަތިކަމާ، ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މިސަރުކާރުގެ ނާޤާބިލްކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.

އަދި މުޅި ނިޒާޅު ކޮރަޕްޝަންގެ ހާއްޔަކަށްވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ހިންގާފައިވާ ކަމަށާއި، އެހެންކަމުން ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދިރިއުޅުމުގެ ޙާލަތުމިވަނީ ދަށަށްގޮސްފައި ކަަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ވެފައިވާ ވަޢުދުތައް ފުއްދުމަށް އިދިކޮޅު ކޯލިޝަނުން ވަނީ މިސަރުކާރަށް ގޮވާލާފައެވެ. އަދި ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދިނުމަށާއި، ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ވީ އެންމެ އަވަހަށް ޙައްލުކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން