މިނިސްޓަރ މަހްލޫފް ހިލޭ ސާބަހަށް ޑެލިވަރީގެ މަސައްކަތުގައި
މިނިސްޓަރ މަހްލޫފް ހިލޭ ސާބަހަށް ޑެލިވަރީގެ މަސައްކަތުގައި
އިހްސާން ފިހާރައިގެ ޑެލިވަރީގެ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރި ހުރިހާ ވޮލަންޓިއަރުން ގޭގައި އެކަހެރި ވުމަށް އެންގެވުމަށް ފަހު ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުވެސް ގޭގައި އެކަހެރިވެ ވަޑައިގެންފިއެވެ.

މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އުސޫލާ އެއްގޮތަށް އެ މަސައްކަތުގައި އުޅުނު ވޮލަންޓިއަރުން މަސައްކަތް ހުއްޓާލައި، ގޭގައި މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

މަހްލޫފް ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވޮލެންޓިއަރެއްގެ ގޮތުން އިހްސާން ފިހާރައިގެ ޑެލިވަރީގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ މި މަސައްކަތް ފެއްޓެވީ ވޮލެންޓިއަރުންނާއެކުގައެވެ. އޭރު ލޮކްޑައުންގައި ތިބި މާލޭގެ ގޭބިސީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑެލިވަރީ ލަސްވުމެވެ. މަހްލޫފް މިމަސައްކަތަށް ނުކުމެވަޑައިގަންނަވަމުން ވެސް ވިދާޅުވެފައިވަނީ އޭނާ މި ނުކުމެ ވަޑައިގަންނަވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށެވެ.

އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީގެކުރިން މިނިސްޓަރ މަހްލޫފް ޑެލިވަރީގެ މަސައްކަތުގައި އުޅުއްވަނީ މަޤްބޫލުކަން އިތުރުކުރެއްވުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. މި ފާޑުކިއުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ޑެލިވަރީ ނިންމާލުމަށްފަހު އެނބުރި ދާނީ ޢާއިލާ ކައިރިއަށް ކަމަށާއި، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން ނޫން ނިޔަތެއް އޭނާގެ ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން