އެމްއެސްސީ މެގްނިފިކާ
އެމްއެސްސީ މެގްނިފިކާ
ފަސެންޖަރުން ގޮވައިގެން ދަތުރުކުރި ކްރޫސް ޝިޕްތަކުގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ދަތުރު ކުރިއަށް ނުގެންދެވުމުން އެނބުރި ގައުމަށް އަންނަ އެންމެ ފަހު ކްރޫސް ޝިޕް މިއަދު އިޓަލީއަށް އަންނާނެއެވެ.

"އެމްއެސްސީ މެގްނިފިކާ" ނަމަކަށް ކިޔާ މި ކްރޫސް ޝިޕް އިޓަލީގެ ޖެނޯއާ އިން ފުރީ ފްރާންސާއި ޖަރުމަނުގެ ގިނަ ރައްޔިތުން ހިމެނޭ ގޮތަށް، 1760 ފަސެންޖަރުންނާއެކު މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގައެވެ. އެއިރު ނަމެއް ލިބިފައިނުވާ ނިއުމޯނިއާއެއް ވޫހާން އިން ފެނި 59 މީހަކު ވަނީ އެބަލި ޖެހިފައެވެ. މި ކްރޫސްގެ އެންމެ އިސް ކެޕްޓަނެއްގެ ގޮތުގައި ފަސިންޖަރުންނާއެކު ފުރީ 32 އަހަރުވާންދެން ކްރޫސްތަކުގައި މަސައްކަތްކޮށްފައިވާ ކެޕްޓަން ރޮބަރޓޯ ލިއޮޓާއެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޓްލާންޓިކް ކަނޑު ހުރަސްކުރުމުގެ ކުރިން، ޔޫރަޕުން ފުރުމަށްފަހު، އެ ބޯޓު ބަނދަރުކުރީ ކޭޕް ވަރޑްގައެވެ. އަދި 19 ޖެނުއަރީގައި ބްރެޒިލްގައި ބަނދަރުކުރިއިރު ވައިރަސްވަނީ ޗައިނާއިން ބޭރުވެފައިކަން ކެޕްޓަން ލިއޮޓާއަށް ފާހަގަކުރެވުނުކަމަށާއި، ބަނދަރުކުރާ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާއި ދައްކަން ޖެހޭ ހުރިހާ ވާހަކައަކާއި ހިއްސާކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހިއްސާކުރަމުން ގެންދިޔަކަމަށް އޭނާ ބުނެފައިވެއެވެ. ހާލަތު ގޯސްވާންފެށީ ސައުތު އެމެރިކާއިން ފުރުމަށްފަހުގައިކަމަށް ލިއޮޓާ ބުންޏެވެ.

އެގޮތުން، 21 ފެބްރުއަރީ ގައި ޗިލީން ފުރައިގެން ދެކުނު ޕެސިފިކްގައި އޮންނަ ޕިޓްކެއަރން އަށް 3 ދުވަސްފަހުން އާދެވުނުއިރު، ކްރޫސް ޝިޕްތަކުގެ ވާހަކަ ހަބަރުތަކުން ގޮވަން ފަށާފައިވާކަމަށާއި، ބަނދަރުތަކަށް ކައިރިކުރުމަށް މަނާކުރުމާއި ގުޅިގެން ކަރަންޓީނުކޮށްފައި ހުރި ބޯޓުތަކުން މީހުންވެސް މަރުވާން ފަށާފައިވާކަމަށް ލިއޮޓާ ބުންޏެވެ. އެގޮތުން، 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެއްކަމަށްވާ އައިޓުޓާކީއަށް މެގްނިފިކާ ބޯޓު ލެފުމަށް ހަމަޖެހިފައި އޮތީ މާރޗް 2 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް އާންމުންގެ ތެރޭގައި ބިރުވެރިކަމެއް އުފެދިފައި އޮތުމާއެކު ކްރޫސްތަކުން ގެންނަ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައި އޮންނަ މިރަށުންވެސް ހުރިހާ ކްރޫސްތަކަށްވެސް ބަނދަރުކުރުން މަނާކުރީއެވެ.

އެހެންނަމަވެސް، އެއްވެސް ވައިރަހުގެ ކޭސްއެއް ފެނިފައިނުވާ މެގްނިފިކާއަށް، ކޫކް އައިލެންޑްސްގެ އެހެން ރަށެއް ކަމަށްވާ ރަރޮޓޮންގާގައި ބަނދަރުކުރުމުގެ ފުރުސަތު ލިބުނެވެ. މިއީ ވައިރަހުގެ ސަބަބުން ބޯޓުގެ ދަތުރު ރޭވިފައިވާގޮތަށް ބަދަލު އައި ފުރަތަމަ ފަހަރުކަން ފާހަގަކޮށް ކެޕްޓަން ބުނީ 14 މާރޗްގައި ބޯޓު ތަސްމޭނިއާއާއި ގާތްކުރިއިރު އެތަނުން ވައިރަހުގެ 6 ކޭސްއެއް ފެނިފައިވާކަމަށެވެ. އެހެންކަމުން، އެންމެ ރައްކާތެރިގޮތަކީ ހުރިހާ ފަސެންޖަރުންވެސް ބޯޓުގައި ބޭތިއްބުންކަމަށް ނިންމި ނިންމުމާއެކު، އިތުރަށް ދެވޭނެ ތަނެއް ނެތްކަން ޔަގީންވި ކަމަށް ލިއޮޓާ ބުނެޏެވެ. އެހެންކަމުން، ސިޑްނީގައި މަޑުކުރުމަށްފަހު ކްރޫސްގެ ދަތުރު ނިމުމަކަށް ގެނެސް މެގްނިފިކާ އެނބުރި ގައުމަށް ދާން ދަތުރު ފެށިއެވެ.

ކާބޯތަކެއްޗާއި، ބޭނުންވާ އިތުރު ސާމާނުގެ އިތުރުން، ތެޔޮ އެޅުމަށް އޮސްޓްރޭލިއާގެ ފްރީމެންޓްލްއަށް ކައިރިކުރަން ބޭނުންވި މެގްނިފިކާއަށް އެފުރުސަތު ދިނުމުގެ ކުރިންކޯވިޑް-19 ގެ އަލާމާތެއް ފެނިފައިނުވާ މި ބޯޓުގައި 250 އަށްވުރެ ގިނަ މީހުން ނޭވާލާ ނިޒާމުގެ އުނދަގޫތަކެއް ރިޕޯޓުކޮށްފައިވާކަމަށް ބުނެ، އެއްވެސް ފަސެންޖަރަކު ބޯޓުން ފޭބުމުގެ ފުރުސަތު ނުދިނުމަށްޓަކައި ފްރީމެންޓެލްއާއި ގާތްކުރިއިރު ބޯޓަށް މަރުހަބާކީވެސް ބޯޑަރު ފުލުހުންގެ ޓީމުތަކުންނެވެ. ލިއޮޓާ ބުނީ ބޯޓުގައި އެއްވެސް ފަސެންޖަރަކެއްގެ ކިބައިން ބަލީގެ އަސަރެއްވެސް ފެނިފައިވާ ނުވާއިރު، ވައިރަސް ފެތުރިފައިވާ ތަނަކަށް ކްރޫސްގެ ފަސެންޖަރުން ބޭލުމަކީ އެއްއިރެއްގައިވެސް އޭނާގެ މަޤުސަދެއް ނޫންކަމަށެވެ.

އެއަށްފަހު ބޯޓުން އެނބުރި ގައުމަށް ދިޔުމަށް ކުރަމުންދިޔަ ދަތުރުގައި ބޯޓުގައި މަސައްކަތްކުރާ ސްރީލަންކާގެ، ކެންޑީއަށް ނިސްބަތްވާ ޝެފަކު އޭނާގެ ގައުމަށް ފައިބަން އެދުނެވެ. އަދި އެތައް މަސައްކަތަކަށްފަހު އެންމެ ފަހުން ސްރީލަންކާގެ ސަރުކާރުން އޭނާ އެގައުމަށް ފޭބުމުގެ ފުރުސަތު ދިނެވެ. އަނުރާގެ ވާހަކައަކަށްވީ އޭނާގެ މުޅިއާއިލާވެސް އޮތީ ސްރީލަންކާގައި ކަމަށްވެފައި، އިޓަލީއަށް ދިޔުމަށްފަހު އެނބުރި ގައުމަށް އައުމަކީ ދަތިކަމަކަށް ވާނެކަމަށެވެ. އަނުރާއާއިއެކު، ކޯވިޑް-19 އާއި ގުޅުމެއް ނެތް އެހެން ބަލިމަޑުކަމަކަށް ބޭސްކުރުމަށް ބޭނުންވެފައިވާ އުމުރުން 75 އަހަރުގެ ޖަރުމަނު އަންހެނަކުވެސް ސްރީލަންކާއަށް ފޭބިއެވެ.

މެގްނިފިކާއިން ފަރަންސޭސި ވިލާތުގެ މާރސެއިލްއަށް މިއަދު ބަނދަރުކުރާއިރު، މެގްނިފިކާއަކީ ދުނިޔޭގައި ފަސެންޖަރުން ގޮވައިގެން މިވަގުތު ދަތުރުކުރަމުން އަންނަ 3 ކްރޫސްގެ ތެރެއިން އެއް ކްރޫސްއެވެ. ދެން އޮތް ދެ ކްރޫސް ކަމަށްވާ ލޮސް އެންޖެލެސްގެ ޕެސިފިކް ޕްރިންސެސްއާއި، ބާރސެލޯނާގެ ކޮސްޓާ ޑެލިޒިއޯސާވެސް މިއަދު ބަނދަރުކުރުމަށްވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، މެގްނިފިކާގެ ދަތުރު ނިމޭނީ އިޓަލީގެ ޖެނޯއާއަށް ފަސެންޖަރުން ހުސްކުރުމަށްފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން