ހަވީރަށް ފިނިޖެހުމުން، ޝާއިން ހަވާއާ ބައްދަލުކުރުމަށް އެގެޔަށް ދިޔައެވެ. އޭރު ވަދީފާގެ ކަށުކަމާކެމީގެ ކަންތައް ނިމި، މުޅި ގެވެސް ވަނީ އަމާންވެފައެވެ. ހަތަރު ފަސް އަންހެނުން ގޭތެރޭގައި ހޭލަމޭލަވާތަން ފެނެއެވެ.

ދޮރާށި ހުޅުވާލުމަށްފަހު، ޝާއިން ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ބޭރަށް ނުކުތީ އެތަނުން އަންހެނެކެވެ.

[ކީއްކުރާ ކުއްޖެއް؟] އެ އަންހެން މީހާ އެހިއެވެ.

[ހަވާއާ ބައްދަލުކޮށްލަން.] ޝާއިން ވާހަކަ ދެއްކީ ކެރިގެން ހުރެއެވެ.

[މަޑުކޮށްލާ....އަންނާނަން.] އެމީހާ އެތެރެއަށް ވަނެވެ. ޝާއިން މަޑުކޮށްލިއެވެ. މާގިނައިރުތަކެއްނުވެ، ހަވާ ނުކުތެވެ. ޝާއިން ފެނުމާއެކު ހަވާއަށް ރޮވުނެވެ.

[ހަވާ....] ޝާއިން މަޑުމަޑުން ގޮވާލިއެވެ. ހަވާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފަށައިފިއެވެ.

[ހަވާ....ކިހިނެއްވީ....ހުއްޓާލަބަލަ. ކީއްވެ ތިރޮނީ؟] ޝާއިން އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިއެވެ. ހަވާ ރޮމުން ތިރިވެ، ބިންމަތީގައި ދޮންމަންމަގެ މަރުގެ ވާހަކަ ލިޔުނެވެ.

[އޭނ! މަރުވިއްޔޭ ކިހާދެރަދޯ. އެކަމަކު ހަވާއަށް މާރަނގަޅެއްނު ހަވާ ދެރަވޭތަ؟] ޝާއިން ބޭނުންވީ، ހަވާގެ ހިތް ދޮންމަންމައަށްޓަކައި ސާފުތޯ ބަލައިލާށެވެ. ހަވާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[އެއީ ކީއްވެ؟ އޭނާ ހަވާއަށް ވަރަށް އަނިޔާކުރެއެއްނު.] ޝާއިން ހަވާއަށް ހަނދާންކޮށްލަދޭ ކަހަލަ ގޮތަކަށް ބުންޏެވެ.

[އާނ....އަނިޔާކުރޭ. އަހަރެން ދެރަވަނީ ބައްޕަ ހިތާމަކުރާތީ.] ހަވާ ބިންމަތީގައި ޖަވާބުގައި ލިޔެލިއެވެ.

[ދެތިން ދުވަހުން ބައްޕަ ހަމައަކަށް އެޅިދާނެ! އަޅާނުލާ.] ޝާއިން ނަޞީޙަތް ދިނެވެ.

[ހަވާ....އަހަރެންގެ ހިތަށްއަރާ....އަހަންނާ ހަވާއާ ދެމެދު މިވާ ގުޅުން މިއަށްވުރެ ހަރުދަނާ ގުޅުމަކަށް ހެދިދާނެ ބާވައޭ.....އަނެއްކާ މިގުޅުން ހަރުދަނާ ކުރަން ހަވާ ޤަބޫލުތަ؟] ފުރަތަމަ ދުވަހުވެސް އޭނާ އެދޭގޮތް ހާމަކުރިއެވެ. ހަވާ ޤަބޫލުކަން އަންގައިދޭ ކަހަލަ އިޝާރާތެއް ކުރިއެވެ. އެވަގުތު ޝާއިނަށް ބަޔާންކުރަން ދަތި އުފަލެއް އިޙްސާސްވެގެން ދިޔައެވެ.

[ހަވާ....އަހަރެން ވަރަށް އުފާވެއްޖެ. މިދުވަހަކީ ހަވާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަހަރެން ދެކެން ބޭނުންވީ ދުވަހެއް.] ޝާއިނަށް ހަވާގެ ތުނިތުނި ދެ އަތްތިލައިގައި ހިފާލެވިއްޖެއެވެ. ހަމައެޔާއެކު، ހަވާގެ ފުރަތަމަ ފެނިލުމާއެކު، އޭނާގެ ހަށިގަނޑުގައި ދަތުރުކުރަމުންދިޔަ ޖަޒްބާތީ އޮޔަށް ބެހެން ފެށިއެވެ.

މަޑުމަޑުން ހަވާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދެވިއްޖެއެވެ. ޔަޤީނެވެ. އެވަގުތު ނިކަމެތި ހަވާވެސް ލޯބީގެ ޖުމްލަތަކުން ޝާއިންގެ ހިތް އުފާކޮށްދޭން ބޭނުންވާނެއެވެ. އެކަން އޭނާގެ ތުންފަތަށް ގެންނަ ޙަރަކާތުން އެނގެއެވެ.

މިއުފާވެރި ބައްދަލުވުމަށްފަހު، ޝާއިން ގެޔަށް އައީ އިރުއޮއްސި ހަތެއް ޖަހަން އުޅެނިކޮށެވެ. އޭރު ބޮޑު ކޮޓަރިތެރޭގައި ޒަހީން މިއަދު ނޫސް ހިފައިގެން އިނެވެ.

[ބައްޕާ....] ޒަހީން އިން ސޯފާގެ އެއްކޮޅުގައި ޝާއިން އިށީންނަމުން ގޮވާލިއެވެ.

[ކިހިނެއްވީ؟ ދަރިފުޅު ކަމެއް ބޭނުންވީތަ؟] ޝާއިނަކީ މީގެކުރިން އެގޮތަށް ޒަހީނަށް އިސްވެ ގޮވާ ކުއްޖަކަށް ނުވުމުން، އޭނާއަށް ޝާއިން ކޮންމެވެސް ކަމެއް ބޭނުންވެފައިވާކަން އެނގުނެވެ.

[އާނ.....ބައްޕާ...އެކަމަކު ލަދުގަނޭ....] ޝާއިން ލަދުގަތެވެ.

[ދަރިފުޅު ބޭނުންވަނީ ކޮންކަމެއްތަ؟ ބައްޕަ ދަރިފުޅުގެ އެއްވެސް ކަމަކަށް ހުރަހެއް ނާޅާނަން. އަވަހަށް ބުނޭ، ބޭނުން ކަމެއް. މިއީ ދަރިފުޅުގެ ބައްޕައެއްނު. ދެން ކޮންކަމަކާ ލަދުގަންނަންވީ؟] ޒަހީން ބޭނުންވަނީ، އެންމެ ކަމެއްގައި ނޫނީ ހުރިހާ ކަމެއްގައިވެސް ދަރިފުޅަށް އެހީވެދޭށެވެ.

[އަޅުގަނޑު.....] ޝާއިން ބުނަން އުޅެފައި ހުއްޓާލިއެވެ. ޔަޤީނެވެ. އޭނާގެ ޢުމުރު ހަގުކަމުން ލަދުގަންނަނީއެވެ.

[އަވަހަށް ބުނޭ، ދަރިފުޅު ތިޔައީ ކެރޭ ކުއްޖެއްނު.....] ޒަހީން ބުންޏެވެ.

[ބައްޕާ! އަޅުގަނޑު ބޭނުންވަނީ ބައްޕަމެންނަށް ޅީދަރިއަކު ހޯދައިދޭން....ވަރަށް އަވަހަށް....އެހެންވެ ލަދުގަންނަނީ. އެކަމަކު ބައްޕާ އެއީ ނުކުޅެދޭ މަންމަން ކުއްޖެއް....] ޝާއިން އިސްޖަހާލިއެވެ.

ޒަހީން އިރުކޮޅެއް ވަންދެން ވިސްނަން އިނެވެ. ދެން ހިނިތުންވެލާފައި ޝާއިނަށް ބަލައިލިއެވެ. ޒަހީން ފުރަތަމަ އެ ވިސްނީ، އޭނާގެ ޙަޔާތުގެ ފުރަތަމަކޮޅަށެވެ.

އޭނާގެ ދަރިފުޅު ފަދައިން އޭނާވެސް ފުރަތަމަ ގުޅުނީ ނުކުޅެދޭ މީހަކާއެވެ.

[ދަރިފުޅާ.....ބައްޕަގެ އެއްވެސް މައްސަލައެއް ނެތް. ތިޔަ ވާހަކަ މަންމަ ގާތުވެސް ބުނެލާ....އޭރުން މަންމަވެސް ޚިޔާލެއް ދީފާނެއެއްނު.] ޒަހީން ޝާއިންގެ މޫނަށް ބަލަން އިނދެ ބުންޏެވެ.

[ނޫން...ބައްޕާ! މަންމަ ގާތު އެވާހަކަ ދައްކާކަށް އަޅުގަނޑަކަށް ނުކެރޭނެ.] ޝާއިން ބުންޏެވެ.

[އެނމެ ރަނގަޅު. ބައްޕަ އެވާހަކަ ދައްކާނަން.]

[ދެބަފައިން ހާދަ ވާހަކަ ދިގޭ. ކޮން ވާހަކަތަކެއް ދައްކާނެ ވާހަކައެއްތަ؟] އެވަގުތު އެތަނަށް އައިސް ވަން ޒަހީންގެ މަންމަ ފާއިޒާ، ވާހަކައިގައި ބައިވެރިވެލިއެވެ.

[ދަރިފުޅަށް މާމަ ގާތު ބުނަން ކެރޭނެއެއްނު.] ޒަހީން ޝާއިންގެ ބުރަކަށީގައި ފިރުމާލިއެވެ. ޝާއިން ލަދުވެތި ހިނިތުންވުމަކާއެކު، މާމަގެ މޫނަށް ބަލާލުމަށްފަހު، އިސްދަށަށް ޖެހިއެވެ.

[މަންމާ! ޝާއިން އަންހެން ކުއްޖަކު ގެންނަނިއްޔޯ. އަހަރެން ބުނެފިން، މައްސަލައެއް ނެތޭ.] ޒަހީން މަންމައަށް ކިޔައިދިނެވެ.

[ޒަހީން...އެކަމަކު މިއީ ޝާއިނަށް އެންމެ ސޯޅަ އަހަރެއްނު. އަހަންނެއް ތިޔަކަމާ ދޭތެރޭ އެއްޗެކޭ ބުނާކަށް ނެތިން....] އެއީ ފާއިޒާ ރުހޭ ކަމަކަށް ނުވިއެވެ. އެހެނަސް އޭނާ އެކަމާ ދެކޮޅެއް ނަހަދައެވެ.

[މަންމާ....އެހެން ކުދިންނާ މަގޭ ޝާއިނާ ވަރަށް ތަފާތުވާނެ. އާނ....އޭނާއަށް އަންބަކު ބެލެހެއްޓިދާނެ.] ޒަހީން ހުރީ ޝާއިންގެ ކޮޅަށެވެ. ބައްޕަގެ ތަޢުރީފީ ޖުމްލައިގެ އަޑު އިވުމުން، ޝާއިން ހިނިތުންވެލަމުން ގޮސް، އޭނާގެ ނިދާ ކޮޓަރިއަށް ވަނެވެ.

ޖެހިގެން އައި ދުވަހު ހަވާގެ ބައްޕަގެ ރުހުން ހޯދުމަށް، ޝާއިންގެ އެދުމުގެ މަތިން ޒަހީން ދިޔައެވެ.

[އަހަރެންގެ ދަރިފުޅާތަ؟ ހަވާ އެއީ ނުކުޅެދޭ ކުއްޖެއްނު.] ހަވާގެ ބައްޕަ ނަސީމަށް ޤަބޫލުކުރަން ދަތިވިއެވެ.

[އާނ...އެ ދެކުދިން ލޯބިވަންޏާ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.] ޒަހީން ހުރީ ހިތްހަމަޖެހިފައެވެ.

[އަހަރެންގެވެސް އެއްވެސް މައްސަލައެއް ނެތް. ލޯބިވެގެން އުޅޭ ދެކުއްޖަކަށް ހުރަސް އެޅުމުގެ ބޭނުމެއް ނެތެއްނު. އެހެން ނޫނަސް މިހާރަކަށް އައިސް ލޯތްބަށްޓަކައި ބައެއް ކުދިން މިދުނިޔެ ދޫކޮށްފައިވެސްވޭ.] ނަސީމް ވާހަކަ ދެއްކީ، އޭނާއަށް ލިބިފައިވާ ތަޖްރިބާގެ އަލީގައި ކުރިމަގަށް ވިސްނައިގެންނެވެ.

މާގިނަ ދުވަސްތަކެއްނުވެ، ދެ ޢާއިލާގެ ރުހުން ލިބި، ޝާއިނާއި ހަވާގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެންޏަށްފަހު، ހަވާގެ ދިރިއުޅުން ޝާއިނާއެކު ޝާއިންގެ ގެޔަށް ބަދަލުވިއެވެ.

[ހަވާ....މިރެއަކީ ކިހާ އުފާވެރި ރެއެއް....އެކަމަކުވެސް ހަމަ ތިކުރަނީ ހިތާމައެއްނު.] ކައިވެނީގެ ފުރަތަމަރޭ، އަނބިމީހާގެ މޫނުމަތިން ފެންނަންޖެހޭ އުފާވެރިގޮތް ނުފެނުމުން، ޝާއިން ޝަކުވާގެ ރާގަކަށް ބުންޏެވެ. ހަވާ ގަދަކަމުން ހިނިތުންވުމުގެ އަސަރު މޫނުމައްޗަށް ގެނައެވެ. ޝާއިން ހަވާއާ އިތުރަށް ވާހަކަ ނުދައްކާ، ހަވާ ގެނެސް އޭނާގެ ހަށިގަނޑާ ގާތްކޮށްލިއެވެ. އޭނާ ކިތަންމެ ގިނައިން ވާހަކަ ދެއްކިޔަސް، ހަވާއަކަށް ޖަވާބެއް ނުދެވޭނެކަން އޭނާއަށް އެނގެއެވެ.

އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޝާއިންއާއި އޭނާގެ ބައްޕަ ޒަހީން ވާހަކަ ދައްކަން ބޮޑު ކޮޓަރީގައި ތިއްބެވެ. ދުރުގައި ޝާއިންގެ އަންހެނުން ހަވާވެސް އެމީހުން ދައްކަމުން ގެންދާ ވާހަކަތަކަށް ސަމާލުކަންދީގެން އިނެވެ.

[ދަރިފުޅާ....މިހާރަކަށް އައިސް ދަރިފުޅު އެއްގޮތަކަށްވެސް ދުވާލު ބޭރަށް ނުނުކުންނަމެއްނު. މުސްތަޤްބަލަށް ވިސްނާފައި، މިހާރު ވަޒީފާއެއްވެސް ހޯދަން ވެއްޖެއެއްނު.] ޒަހީން ވާހަކަ ދެއްކީ ޝާއިނަށް ވިސްނައިދެމުންނެވެ.

[އާނ....ވަރަށް އަވަހަށް ވަޒީފާއެއް ހޯދައިގެން ދާނަން. އެކަމަކު ބައްޕާ ދުވާލު ބޭރަށް ނުކުމެ އުޅެން ހާދަ އުނދަގުލޭ......ދުވާލުވެސް އަވިނުދޭނަމަ ރަނގަޅު.] އެއީ ތެދެކެވެ. އިރުގެ ދޯދި ޖެހުމުން، ޝާއިންގެ ހަށިގަނޑުން ފޮޅު ނަގާނެއެވެ. ގިނައިރު އަވީގައި ހުންނަން ޖެހިއްޖެނަމަ، އޭނާގެ ފުރާނައަށްވެސް ގެއްލުންވާނެއެވެ. އޭނާއަށް ފަނަރަ އަހަރު ފުރުނުފަހުން ދުވަހަކުވެސް އޭނާ ދުވާލު ގަޑީގައި ބޭރަށް ނުނުކުމެއެވެ. ދުވާލު ނުކުތަސް ނުކުންނަނީ އިރުއޮއްސެން ކައިރިވީމައެވެ.

[އެއީ ކީއްވެ؟ ކުރީގައިވެސް ދަރިފުޅު ނުކުންނަމެއްނު.] ޒަހީން އެހިއެވެ.

[އަޅުގަނޑުގެ މަންމަ ބުނުއްވީ، އިރުގެ ހޫނު އަޅުގަނޑުގެ ފުރާނައަށްވެސް ނުރައްކަލޯ.] ޝާއިން އޮޅުންފިލުވައިދިނެވެ.

[ކޮން މަންމައެއް؟] ޒަހީނަށް ކުއްލިއަކަށް އަހާލެވުނެވެ.

[އަޅުގަނޑުގެ އިތުރު މަންމައަކުވެސް ހުންނަވަނީތޯ؟] ޒަހީނަށްވީގޮތުން ޝާއިންގެ ހިތުގައިވެސް ސުވާލުތައް އުފެދުނެވެ. ކުއްލިއަކަށް ޒަހީނަށް ވިސްނުނެވެ. ޝިޒްނީއަށް ހެދިގެން ރާނިޔާ ޝާއިންއާ ބައްދަލުކޮށް ހަދާނެއެވެ.

[އުނހު، ބައްޕަ މިބުނީ ދަރިފުޅުގެ މާމަވެސް ހިމަނައިގެނޭ.] ޒަހީން އޮޅުވާލިއެވެ.

[ހާދަ ފޯރިއަރުވާލާފައި، ކޮންހާ ވާހަކަތަކެއްތަ ތިޔަ ދައްކަނީ؟] އެވަގުތު ކުޑަ ދަރިފުޅު ދުންޔާ އުރާލައިގެން އައި ޝިޒްނީ، ޒަހީންމެން ދައްކަމުންދިޔަ ވާހަކައިގައި ބައިވެރިވެލިއެވެ.

[މަންމަ ބުނުއްވީމެއްނުންތޯ، އަޅުގަނޑަށް އިރުގެ ހޫނު ނުރައްކާވާނެޔޭ؟] ޝާއިން ޒަހީނަށް ޔަޤީންކޮށް ދިނުމުގެ ގޮތުން އެހިއެވެ.

[މަންމަ ކޮންއިރަކު ބުނި ވާހަކައެއް ތިޔައީ؟] ޝިޒްނީ ޙައިރާންވިއެވެ. ޒަހީން ޝިޒްނީއާ ދިމާއަށް ލޯއަޅާލިއެވެ. އެވަރުންވެސް ޝިޒްނީއަކަށް ނުވިސްނުނެވެ. އެންމެފަހުން މަޥްޟޫޢު ބަދަލުކޮށްލުމުގެ ޤަޞްދުގައި، ދުރުގައި އިން ހަވާއަށް ޒަހީން ގޮވިއެވެ.

[ދަރިފުޅާ އައިސްބަލަ! އަދިވެސް ހާދަ ބީރައްޓެހިވެގެން ތިޔައުޅެނީ. ދަރިފުޅު ތިޔައީވެސް މިހާރު މި ބައްޕައާއި މަންމަގެ ދަރިއެކޭ.] އޭރުވެސް ހަވާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާ ހިތާމަކުރަނީ ވާހަކަ ނުދެއްކިގެންކަން ޔަޤީންވެއެވެ. ހަވާ މަޑުމަޑުން ގޮސް ޒަހީންގެ ގާތުގައި އިށީނެވެ. ޒަހީން އޯގާތެރިކަމާއެކު ފުރަތަމަފަހަރަށް ޅީދަރިފުޅުގެ ބުރަކަށީގައި ފިރުމާލަދިނެވެ.

[އަހަރެންވެސް މިއައީ މި ގެޔަށް އަންހެން ކުއްޖަކު އިތުރުވި ޚަބަރު ލިބިގެން.] ހުޝާމް އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

[ރަނގަޅެއްނު. މިހާރު އަހަރެން ދެކެމުން އަންނަ ހުވަފެނަކީ އަހަރެން ކާފައަކަށްވާ ތަން. އެދުވަހަކީ އަހަރެން ވަރަށް އުފާކުރާނެ ދުވަހެއް...] އުފާވެފައި ހުރި ޒަހީން ބުންޏެވެ.

[ކޮބައިތަ ހުޝާމްގެ ދޮށީ މަންޖެ. އެމަންޖެ ސްކޫލް ނިމޭކަށް ނޫޅޭތަ؟] ދެންވެސް ވާހަކަ ދެއްކީ ޒަހީނެވެ.

[އަދި ދެ އަހަރު އެބައޮތް. މާގިނަ ވާހަކަ ދައްކާކަށް ހުރެވޭކަށް ނެތޭ. މިދަނީ ކުޑަމަންޖެ ބަލާ ސްކޫލްދޮށަށް.] ހުޝާމް ހިނގައިގަތެވެ.

*********************

ޖެހިގެން އައި ބުދަ ދުވަހުގެ ރެއެވެ. ޝާއިންގެ އޯގާތެރި ބީހުންތަކަށްފަހު، ހަވާއަށް ނިދުނީ މެންދަމަކަށް ފެށެން ކައިރިވެފައި ވަނިކޮށެވެ. ޝާއިން އޮތީ ހަވާ ނިދުނީކަން ގައިމު ވަންދެނެވެ. ޝާއިން ހަވާއަށް ބަލަން އޮވެފައި، އެނދުން ތެދުވިއެވެ. އެވަގުތު އެނދަށް އެރި ލޮޅުމަކާއެކު، ހަވާ ދެފަރާތަކަށް ފުރޮޅިލިއެވެ.

ޝާއިން ދުވެފައި ގޮސް ކޮޓަރިން ނުކުތެވެ.

ހަވާއަށް ލޯ ހުޅުވާލެވުނީ ޝާއިން ދޮރު ލެއްޕިތަނާއެވެ.

ހަވާ ހީކުރީ ޝާއިން ނުކުތީ ފާޚާނާއަށް ދާން ކަމަށެވެ. އެވަގުތު އޭނާވެސް އޮތީ ފާޚާނާއަކަށް ދާން ޖެހިފައެވެ. އެހެންވެ އޭނާވެސް ކޮޓަރިން ނުކުތެވެ.

އަނދިރިވެފައިވާ ބޮޑު ކޮޓަރިތެރޭ ޝާއިން ކުރިއަށް ހިނގާފައި ދަނިކޮށް ހަވާއަށް ފެނުނެވެ. އޭނާގެ މިޞްރާބު ހުރިގޮތުން، އޭނާގެ މަންޒިލަކީ ފާޚާނާ ނޫންކަމާއި، ގެއިން ބޭރުން އެހެން ކޮންމެވެސް ތަނެއްކަން ހަވާއަށް އެނގުނެވެ. ހަވާ ފަހެއް ނުޖެހުނެވެ. އިރުކޮޅަކު ޝާއިން ހަދާ އެއްޗެއް ބަލަން ހުރުމަށްފަހު، ފަހަތުން ކުރިއަށް ހިނގައިގަތެވެ. ޝާއިން ދޮރާއްޓާ ހަމައަށް ގޮސް، ފަސްއެނބުރި ބަލާލިއެވެ. ވެދާނެއެވެ. ހަވާ އޭނާގެ ފަހަތުން ނުކުންނަކަން އޭނާއަށް އެނގުނީއެވެ. ނުވަތަ ޝައްކު ކުރެވުނީއެވެ.

ހަވާ އަވަސް އަވަހަށް ފޮތް އަލަމާރިއާ ނިވާވެލިއެވެ. ޝާއިން ނުކުމެގެން ހިނގައިގަތެވެ. އެހިސާބުން ހަވާގެ ޚިޔާލު ބަދަލުވިއެވެ. ފިރިމީހާއަށް ފާރަލާހިތް ކެނޑުނެވެ.

ގިފިއްޔަށް ވަދެ ފާޚާނާ ކޮށްލައިގެން ކޮޓަރިއަށް ވަދެ އޭނާ އޮށޯވެލިއެވެ. އެވަގުތު އޭނާގެ ހިތަށް އަރަމުންދިޔައެވެ. ޝާއިން އެދިޔައީ ކޮންތަނަކަށްބާއެވެ؟ އަނެއްކާ ޝާއިން އަހަންނަށް ސިއްރުން ކޮންކަމެއް ކުރަނީ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއެކު، އޭނާގެ ދެލޮލަށް ކަރުނަތައް ގިނަވެގަތެވެ. އޭނާއަށް ހީވާކަހަލައެވެ. ޙަޔާތުގެ ކުރީގައި ލިބުނުފަދަ ހިތާމަތަކެއް ލިބެން އުޅެނީއެވެ. އޭނާއާ ކުރިމަތިވެފައިވާ ހިތާމަތަކަކީ، ނިމުމެއްނެތް ހިތާމަތަކެކެވެ. ޝާއިން އެނބުރި އައިސް ކޮޓަރިއަށް ވަންއިރު، އެކެއްޖަހާ ބޮޑުވެއްޖެއެވެ. އަދިވެސް އޮތްގޮތަށް ހަވާ ހޭލާ އޮތެވެ.

[އަހަނ! ހަވާ! ހޭލެވުނީތަ؟] ޝާއިން ލައިގެން ހުރި ގަމީސް ބާލަމުން ވާހަކަ ދެއްކިއެވެ. ހަވާ އޮތްގޮތަށް އޮތީއެވެ. އޭނާ ޝާއިނާ ކިތަންމެ ސުވާލުތަކެއްވެސް ކުރަން ބޭނުމެވެ. މިރޭ ޝާއިން ނުކުމެގެންދިޔަ ތަނެއްވެސް އޭނާ ހޯދަން ބޭނުމެވެ. އެހެނަސް އޭނާއަކަށް މިއަދަކު އެފުރްޞަތެއް ނެތެވެ. އޭނާއަކީ މަންމަނެކެވެ. މިހެން ހިތަށް އެރުމާއެކު، އޭނާއަށް ގިސްލެވެން ފެށުނެވެ.

[ހަވާ....ރޮނީތަ؟] ޝާއިން ބޭލި ގަމީސް، އެއްފަރާތެއްގައި ބޭއްވުމަށްފަހު، ހަވާ އޮތް އެނދާ ދިމާއަށް ދުއްވައިގަތެވެ.

[އަޅެ ބުނެބަލަ ކިހިނެއްވީ؟] ހަވާ ހުއްޓާނުލާ ރޯން ފެށުމުން، ޝާއިން ފެންކަޅިވެއްޖެއެވެ.

[އަހަރެން ނުކުތްއިރު ހަވާ އޮތީ ނުލާހިކު ރަނގަޅަކަށްނު. އަނެއްކާ ތަނަކަށް ތަދުވަނީތަ؟] ޝާއިން ހަވާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އޯގާތެރިކަމާއެކު ފޮހެލަދިނެވެ. ޝާއިންގެ ސުވާލުތައް ގިނަވާން ފެށުމުން، ހަވާ ރުއިން ހުއްޓާލިއެވެ. ޝާއިން ސުވާލުތައް ކުރުމުން، ހަވާއަށް ކުރި އަސަރު އަދި ވަކިން މާބޮޑެވެ. ނަމަވެސް އޭނާ ކެތްތެރިވިއެވެ.

ހެނދުނު ތެދުވެ، ހަވާ އޭނާގެ ޙަޔާތުގެ ޑައިރީ ފޮތަށް ޞަފްޙާއެއް އިތުރުކުރިއެވެ. އެހެނަސް މިކަމެއް ޝާއިނަކަށް ނޭނގެއެވެ. ހަވާ ކޮންމެ ދުވަހަކުވެސް ޑައިރީ ލިޔަނީ، ޝާއިން ނުހުންނަ ވަގުތު ބަލާފައެވެ.

މިގޮތަށް ދުވަސްތައް، އޭގެ ޠަބީޢީ އާދައިގެ މަތިން ފާއިތުވަމުންދެއެވެ. ފާއިތުވި ކޮންމެ ބުރާސްފަތި ވިލޭރެއަކީވެސް ކޮންމެވެސް މީހެއްގެ ބަދުނަޞީބަކަށްވިއެވެ.

އިއްތިފާޤަކަށްވެސް ވެދާނެއެވެ. ޝާއިން މެންދަމުގެ ވަގުތުގައި ބޭރަށް ނުކުތް ހުރިހާ ރެޔަކުވެސް ހަވާއަށް ހޭލެވެއެވެ. ޝާއިން ކޮންމެ ރެޔަކު އެދަނީ ކޮންތަނަކަށްތޯ ބަލަން ހަވާ ވަރަށް ބޮޑަށް ބޭނުމެވެ. ނަމަވެސް އޭނާއަކީ ފެށުނީއްސުރެން މަންމަން ކުއްޖަކަށް ނުވުމުން، މަންމަން ބަހުރުވައަކުން ވާހަކަ ދައްކާކަށްވެސް ނޭނގެއެވެ. ކިތަންމެ ކުޑަކަމެއް ޖެހުނަސް، އޭނާއަށް ޖެހެނީ ލިޔާށެވެ. އޭނާ އޭނާގެ ހަޔާތް ބަނަވިފަހުން ޑައިރީ ލިޔަން ފެށީ އެހެންވީމައެވެ. މިހާރުވެސް އޭނާ އެދަނީ، އެ ޑައިރީއަށް ޞަފްޙާތައް އިތުރު ކުރަމުންނެވެ. އޭނާ ޝާއިނާ ކުރަންޖެހޭ ޝަކުވާތަކެވެ. ހިތުގައި އުފެދޭ ޝައްކުތަކެވެ. ޝާއިންދެކެ ލޯބިވާ މިންވަރެވެ.

[އަހަންނަށް ހީވަނީ މިހާރަކަށް އައިސް ހަވާ ކޮންމެވެސް ކަމަކާ ހިތާމަކުރާހެން. ގިނައިރު ނުވެސް ކައި ހުންނަނީ.] ޝިޒްނީ ވާހަކަ ދެއްކީ ޒަހީނާއެވެ.

[އެ ވާނީ އެދެކުދިންގެ މައްސަލައަކަށް. ޝިޒްނީ އަހަންވީނު، ވެގެން އުޅޭގޮތެއް.] ޒަހީން ބުންޏެވެ.

[ކިހިނެއް އަހާނީ...އަހާލާއިރަށް އެމަންޖެ ރޯން ފަށާނީ. ވެދާނެ ވާހަކަ ނުދެއްކޭތީ ކުރާ ހިތާމަތަކަކަށްވެސް.] އެއީ ޝިޒްނީ ލަފާކުރާގޮތެވެ.

[އެކަމަކު އެގޮތަށް ހިތާމަކުރަން، އަޅާނުލާ ދޫކޮށްގެން ނުވާނެއެއްނު.] ޒަހީން ކުޑަދަރިފުޅު ދުންޔާ އުރާލަމުން ވާހަކަ ދެއްކިއެވެ.

[އަހަންނަށް ހީވަނީ ރާނިޔާ ޝާއިނާ ބައްދަލުކުރާނެހެން. އޭނާވެސް ބޭނުންވާނެއެއްނު، އޭނަގެ ދަރިފުޅާ ބައްދަލުކުރަން.] ޝިޒްނީ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އޭނައެއް ނުކުރާނެ. އޭނަ ދިޔައީ ޝިޒްނީއާ ޝާއިން ޙަވާލުކޮށްފައެއްނު.] ޒަހީން ހަނދާންކޮށްލަދިނެވެ.

[އާނ ތިޔަ ބުނީވެސް ތެދެއް. އެކަމަކު އެހެން ބުންޏަކަސް، އަހަރެންގެ ސިފައިގައި ހުރެ، ފަހަރެއްގައި ބައްދަލުކޮށްފާނެއެއްނު.] ޝިޒްނީއަށް ވިސްނުނީ ޙަޤީޤަތަށެވެ.

[ކޮންކަމަކާ ތިޔަ ވިސްނަނީ؟ އަވަހަށް ނިދޭތޯ އުޅޭ. އޭރުން ހިތާމަތަކާ ދުރުގައި ވަގުތުކޮޅެއް ހޭދަވީނު.] މެންދަމަކަށް ފެށެން ކައިރިވުމުން، ޝާއިން ވާހަކަ ދެއްކީ ހަވާއާއެވެ. ހަވާ އޮށޯވެ ދެލޯ މަރާލިއެވެ. ހީވަނީ އޭނާ ބޭނުންވަނީ ،ޝާއިން ދާން އުޅޭ ތަނަކަށް ދިޔަދޭށެވެ. އެއަށްފަހު، ޝާއިންގެ ފަހަތުން ނުކުމެ އޭނާއަށް ފާރަލާށެވެ.

ހަވާ މޯޅިއަކަށް ދެމިލާފައި ދެލޯ މަރާލިއެވެ.

ޝާއިން ހުރީ އެ ފުރްޞަތަށް ބަލަބަލައެވެ. އޭނާ ހިތުން ހަވާއަށް ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނުކުތެވެ. ޝާއިން ގެއިން ނުކުންނަންދެން، ހަވާ ނުތެދުވެ އޮތެވެ. އޭނާ ތެދުވީ ޝާއިން ގެއިން ނުކުންނަހާއިރު ކޮށްފައެވެ.

އޭނާ ނުކުތްއިރު، ޝާއިން ހުރިސީދަލަށް ހިނގާފައިދެއެވެ. ހަވާ މަޑުމަޑުން މަގުމަތީގައި ޕާކް ކޮށްފައިވާ ވެހިކަލްތަކާ ނިވާވަމުން، ޝާއިންގެ ފަހަތުން ހިނގަން ފަށައިފިއެވެ. މިރޭ އޭނާގެ ހިތުގައިވާ ޢަޒުމަކީ، ޝާއިން ދަންވަރުދާ ތަނެއް ބެލުމެވެ.

ވަކި ހިސާބަކަށް ގޮސް، ޝާއިން ފަސްއެނބުރި ބަލާލިއެވެ. ޕާކް ކޮށްފައި އޮތް ކާރަކާ ހަވާ ނިވާވެލިއެވެ. ފަހަތުން ހަވާ އަންނަކަން ޝާއިނަށް އެނގުނީ ކަމަށްވެސް ވެދާނެއެވެ. އޭނާ ވަށައިގެން ހޯދަން ފަށައިފިއެވެ. އޭރު މެންދަމަކަށް ފެށިގެން ކުރިއަށް ދަނީއެވެ. ޝާއިންގެ ހަށިގަނޑަށްވެސް އެނގުންވާން ފަށައިފިއެވެ. ހަވާ ދުރުގައި ހުރެގެން ޝާއިންގެ ޙަރަކާތްތަކަށް ބަލަމުންދިޔައެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުންދެއެވެ.

ޝާއިން މަޑުކޮށްގެންހުރީ އެދިމާލުގައި ހުރި ގެއެއްގެ ދޮރާށި ކައިރިއަށެވެ. މެންދަން ވަގުތު ކުރިއަށްދާ ވަރަކަށް، ޝާއިންގެ ހަށިގަނޑު ދިޔައީ ބަދަލުވަމުންނެވެ. އަނގައިގެ ދެމިޔަކަނުން ބޮޑު ދެދަތް ނުކުމެ، މީހާގެ ސިފަ ބިރުވެރި ނާމާން ގޮތަކަށް ބަދަލުވިއެވެ. ހަވާ ބަލަން ހުއްޓައެވެ. ހަވާގެ ކަރުތެރެއިން ނުކުމެގެން ދިޔައީ ބާރު އަޑެކެވެ. އެއީ އޭނާގެ މަންމަ މަރުވިފަހުން، އޭނާގެ އަޑު ނުކުތް ފުރަތަމަ ފަހަރެވެ. އޭނާ ބިރުން އައިކޮޅަށް ދުއްވައިގަތެވެ. ޝާއިން އެމަންޒަރު ދުއްޓެވެ. އެހެނަސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާވަނީ ވެފައިވާ ހައިހޫނުކަން ފިލުވުމަށްޓަކައި ޖެހިގެން ހުރި ގެޔަށެވެ.

ހަވާ ރޮމުން ދުވެފައި އައިސް ގެޔަށް ވަދެވުނީ ކިރިޔާއެވެ. އޭނާ އަނބުރައިގަތެވެ. ހަމައެއާއެކު، އޭނާ ބޮޑު ކޮޓަރިތެރެއަށް ވެއްޓިއްޖެއެވެ.

ޝާއިން ގެޔަށް އައީ އެކެއްޖަހާ ބޮޑުވި ފަހުންނެވެ. ބޮޑު ކޮޓަރިތެރެއަށް ވެއްޓިފައި އޮތް ހަވާ ފެނުމުން ޝާއިން ހުއްޓުން އެރިއެވެ. ހުރި ފިޔަވަޅުމަތީ ހުރެފައި ވަށައިގެން ހޯދާލިއެވެ. މަންމައާއި ބައްޕަ ހޭލާ އުޅޭތޯއެވެ. ދެން އޭނާ ދުއްވައިގަތީ ހަވާއާ ދިމާލަށެވެ.

[ހަވާ.] ޝާއިން ދެއަތް މައްޗަށް ހަވާ އުފުއްލާލަމުން، ހަވާއަށް ގޮވާލިއެވެ. އޭނާ އެގޮތަށް ދެތިންފަހަރަކު ގޮވިއެވެ. ހަވާ ލޮލެއް ނުހުޅުވިއެވެ.

[ހަވާ، އަޅެ ލޯ ހުޅުވަބަލަ ކިހިނެއްވީ؟] ޝާއިނަށް ރޮވޭގޮތްވިއެވެ. ދެން ހަވާ އުފުލާލައިގެން ޝާއިން ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ އެނދުގައި ބާއްވާލަމުން ބޮލުގައި ހިފާ ތަޅުވާލިއެވެ.

[ހަވާ....ލޯ ހުޅުވަބަލަ. ހަވާ ކީއްކުރަން ނުކުތީ...؟] ޝާއިން ރޮމުން ހަވާއަށް ގޮވަމުން ދިޔައެވެ. އެވަގުތު ހަވާގެ އެސްފިޔަތަކަށް ޙަރަކާތެއް ގެނައިހެން ހީވިއެވެ.

[ހަވާ....] ޝާއިން އަނެއްކާވެސް ގޮވާލިއެވެ. ހަވާ ލޯ ހުޅުވާލިއެވެ.

[ހަވާ....ކިހިނެއްވީ ބުނެބަލަ.] ޝާއިން ހަވާގެ އަތުގައި ހިފެހެއްޓިއެވެ. ހަވާ ގިސްލަމުން، އަނެއް ފަރާތަށް އެނބުރިލިއެވެ. ވީގޮތް ޝާއިނަށް އެނގޭތީ، އޭނާ އިތުރަށް ހަވާއާ ސުވާލެއް ނުކުރެއެވެ. އެނދުގެ އެއްފަރާތެއްގައި އޮށޯވެލިއެވެ. އޭނާ މިރޭ ކިތަންމެ ވަރަކަށް ނިދަން އުޅުނަސް ނުނިދޭނެއެވެ. މާދަމާ ހަވާ ކަންތައް ކުރާނެ ގޮތަކާމެދު އޭނާއަށް ޚިޔާލު ކުރެވެނީއެވެ.

އޭނާ އެއް އަތް ނިތްކުރީގައި ބާއްވައިގެން، އެނބުރެމުންދާ ފަންކާއާ ދިމާލަށް ބަލަން އޮތެވެ. އޭރު ހަވާގެ ގިސްލުމުގެ އަޑުވެސް އިވިއިވި ހުއްޓެވެ.

ކުއްލިއަކަށް އެހެން އޮވެފައި، ޝާއިން ތެދުވިއެވެ. އޭނާއަށް އެ އެނދުގެ ސައިޑް ކަބަޑް މަތީގައި އޮތް ހަވާގެ ޑައިރީ ފެނުނެވެ. އޭރު ހަވާގެ ގިސްލުމުގެ އަޑުވެސް ކެނޑިއްޖެއެވެ.

ޝާއިން އެ ޑައިރީ ނެގިއެވެ. އެއަށްފަހު ހަވާއަށް ބަލާލިއެވެ. ހަވާ އަދިވެސް އޮތީ ޝާއިނަށް ނުފެންނަ ގޮތަށް މޫނު އަނބުރައިގެންނެވެ.

[އަހަރެންގެ ވޭނީ ޙަޔާތަށް ނިމުމެއް ނެތީބާ؟] ޝާއިން ހަމަ އެގޮތަށް ބަދަލުވުމަށްފަހު، ފުރަތަމަ ލިޔުނު ޖުމްލަ ކިޔާލިއެވެ. އެޖުމްލައަށްފަހު އޭނާ އިތުރަށް އެ ޑައިރީ ކިޔާލުމަށް ޝައުޤުވެރިވިއެވެ.

އޭނާ ޑައިރީ ހިފައިގެން އެނދުން ތެދުވެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެ، އެ ޑައިރީ ރަނގަޅަށް ކިޔަން ފެށިއެވެ.

[އަހަންނަށް ހީވިއެވެ. އަހަރެންގެ ވޭނީ ޙަޔާތަށް ނިމުން އައިސް، އުފާވެރި ޙަޔާތަކަށް ބަދަލުވަނީއެވެ. އެހެނަސް މި ހީވި ހީވުންވީ އިދިކޮޅަށެވެ. އަހަންނަކަށް އުފަލެއް ނުލިބެއެވެ. ފިރިމީހާ ކޮންމެ ރެޔަކު ދަންވަރު ކޮންމެވެސް ތަނަކަށް ނުކުމެގެންދާކަން އެނގުމުން، ވަރަށް ދެރަވިއެވެ. އަހަރެން ހީކުރަނީ ފިރިމީހާ އެހެން ކޮންމެވެސް އަންހެން ކުއްޖެއްގެ ގާތަށް ދަނީ ކަމަށެވެ. އަހަންނަކީ ވާހަކަ ނުދެއްކޭ މަންމަނަކަށްވީތީ ކަމަށްވެސް ވެދާނެއެވެ. އަހަރެންގެ ފަރާތުން ލޯބީގެ ޖުމްލައެއް އަޑު ނީވޭތީ ކަމަށްވެސް ވެދާނެއެވެ. އަހަރެންގެ ފިރިމީހާއާ ސުވާލުކުރަން ބޭނުންވެއެވެ. ފިރިމީހާ ދަނީ ކޮން ތަނަކަށްތޯ ބަލާށެވެ. އެހެނަސް ކޮންމެ އުއްމީދަކީ ފުރިހަމަވާ އެއްޗެއް ނޫނެވެ. އެހެންމެ އަހަންނަށްވެސް ގިނަ އުއްމީދުތަކެއް ފުރިހަމައެއް ނުވިއެވެ.

އަހަރެން އުއްމީދު ކުރީމެވެ. ޝާއިނާ ކައިވެނި ކުރުމަށްފަހު، އުފާތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް އާހް....އެވެ. ދައްކާ ވާހަކަތަކުންނާއި ފިރުމުންތަކުން އުފާކޮށްދޭން އުޅޭހެންވެސް ހީވެއެވެ. އެހެނަސް އެއީ ހީއެކެވެ. ފިރިމީހާ އަހަންނަށް ދައްކަމުން އައީ ދަޅަތަކެކެވެ. ކޮންމެ ރެޔަކު އޭނާ އަހަންނަށް ނިދެންދެން އިންތިޒާރު ކުރެއެވެ. އަހަންނަށް ނިދުމުން، ދަންވަރު އެދާ ތަނަކަށް ދެއެވެ.

އަހަންނަށް ޔަޤީންވެއެވެ. ފިރިމީހާ އިތުރު އަންހެން ކުއްޖެއްގެ ގާތަށް ދަނީއެވެ. އަހަންނަށް ނުދެވޭ ލޯބި ހޯދުމަށެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން