ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ކޯވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށް ދިވެހި ސިފައިންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވާނެ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ކޯވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތްކުރާނެ ކަމަށެވެ.

"އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން ދާނީ މަސައްކަތް ކުރަމުން. ސިފައިން މިގެންދަނީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ގައުމަށްޓަކައި. ރައްޔިތުންނަށްޓަކައި ކޮށްދެމުން ސިފައިން މިގެންދަނީ" ޝަމާލް ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އެއްތަނުން އަނެއް ތަނަށް މީހުން އުފުލުމާއި، ކަރަންޓީން ކޮށްފައިވާ މީހުންގެ ކަންކަން އިންތިޒާމު ކުރުމުގެ އިތުރުން އެކިއެކި ފެސިލިޓީތައް މެނޭޖްކުރުމާއި، އެތަންތަން ތައްޔާރު ކުރުމުގައި ސިފައިން ހަރަކާތްތެރިވާކަން ޝަމާލް ފާހަގަކުރެއްވިއެވެ.

ޖެނެރަލް ޝަމާލް ވަނީ ޢާއިލާތަކާ ވަކިން ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ސިފައިންނަށް ސާބަސް ދެއްވާފައެވެ.

"ޚާއްޞަކޮށް ފާހަގަ ކޮށްލަން ބޭނުން އާއިލާތަކާ ވަކިން. އާއިލާތައް ނުފެނި ސިފައިން އެގެންދަނީ މަސައްކަތް ކުރަމުންކަން." ވީޑިއޯ މެސެޖްގައި ޝަމާލް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ގެންދާ އެއްބަޔަކީ ދިވެހި ސިފައިންކަން ފާހަގަކޮށް ސިފައިންގެ މި ޤައުމީ ޚިދުމަތަށް ގިނަ ބަޔަކު ތަޢުރީފް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެ.

ވޭތުވެދިޔަ އަހަރަކީ ސިފައިންގެއަށް ގިނަ ކުރިއެރުންތަކެއް ލިބުނު ފަޚުރުވެރި އަހަރެއް ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އެގޮތުން ސިފައިންގެ މުޅި އޮޕަރޭޝަނަށް އާ ބަދަލުތަކެއް ގެނައުމާއި ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދާ ކުރުމުގެ އިތުރުން ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން