ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ
ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ
ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުން ރައްޔިތުން ސަލާމަތްކުރުމުގައި ސިފައިން ކުރަމުން ގެންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށާއި ސިފައިންގެ ޚިދުމަތް ރަން އަކުރުން ފަވާލާކަމުގައި ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިފާޢީ ވަޒީރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ކޯވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދޭން ސިފައިންގެ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުއްވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރެއާއި ދުވާލު، ވަރުބަލިކަމެއް ނެތި ސިފައިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެ މީހުންގެ ޚިދުމަތް ރަން އަކުރުން ފަވާލަން. ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމަކުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް އެންމެ ކުރީ ސަފުގައި ވާރެ އާއި އަވީގައި ސިފައިން ހަރަކާތްތެރި ވަމުން ދާކަން ރައްޔިތުން ހެޔޮ ހިތުން ބަލައިގަނޭ،" ވަޒީރު ވިދާޅުވި އެވެ.

ސިފައިންގެ މިއަހަރުގެ ޝިއާރަކީ "ސިފައިންގެ ހިތްވަރު، ގައުމުގެ ސަލާމަތް" ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެއީ ރައްޔިތުންގެ ޝުއޫރު ކަމަށެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް ސިފައިން ދައްކަމުން އަންނަނީ ނަމޫނާއެއް ކަމަށް ދިފާއީ ވަޒީރު މާރިޔާ ވިދާޅުވި އެވެ.

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ އެންމެ ފަހު މީހާއާ ހަމައަށްވެސް ސިފައިން ޤުރުބާން ވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ މުނާސަބާގައި ސިފައިންގެ ވެރިޔާ އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިފައިންކޮށްދެއްވާ މަސައްކަތްތަކަށްޓަކައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން