ރައީސް ޞާލިޙް
ރައީސް ޞާލިޙް
ދިވެހި އަސްކަރިއްޔާ އަކީ ދިވެހި ރައްޔިތުންގެ ދިފާޢީ އައްޑަނަ ކަމުގައި ރައީސުން ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، މިވަގުތަކީ ވަރުގަދަ އަޒުމެއްގައި ދިވެހި ރައްޔިތުންގެ ޙައްޤުގައި ދިވެހި ސިފައިން ބޮޑެތި ޤުރުބާނީތަކެއް ވަމުން އަންނަ ވަގުތެއް ކަމަށެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދައުލަތުގެ ދިފާއީ އައްޑަނަ ކަމަށާއި ސިފައިންގެ އަޒުމަކީ އެންމެ ފަހު މީހާގެ އެންމެ ފަހު ނޭވާއާ ޖެހެން ދެން ވެސް ގައުމުގެ ހައްގުގައި ގުރްބާންވުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި ކޯވިޑް-19 ގެ ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް ދިވެހި ސިފައިން ނުކުމެ ތިބީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި އަދި ގައުމަށް ޚިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި ސާބިތުވެ ތިބޭކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

"ދިވެހި ސިފައިން އަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު ގައުމުގެ ސަލާމަތް" ޝިއާރުގެ ތެދުކަން. މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ މަތިވެރި ޚިދުމަތްތައް ފެނިގެން ދިޔަ ބޮޑެތި ބައެއް ހާދިސާތައް ފާހަގަ ކުރަށްވަމުން ރައީސް ޞާލިޙް ވަނީ، ވޭތުވެދިޔަ އަހަރު ހިނގި ބޮޑެތި ހާދިސާތަކުގައި ސިފައިން ކުރި މަސައްކަތްތައް ފާހަގަ ކުރަށްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ އަޟްހާ އީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ އިތުރުން މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ރައީސް ފާހަގަ ކުރެއްވި އެވެ.

"ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެއް. އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ސިފައިންގެ ގައުމީ ހިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް. މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

އަދި މި ނާޒުކު ދަނޑިވަޅުގައި ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި ގެންގުޅުއްވާ ކެތްތެރި ކަން ފާހަގަ ކުރައްވައި އެކަމަށް ރައީސް ޞާލިޙް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން