ޑރ. މޫސާ އިސްމާއިލް
ޑރ. މޫސާ އިސްމާއިލް
ކޯވިޑް-19 އަށް މާލެއިން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ 80 އަހަރުގެ މީހާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާދެމުންދާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ އިސްމާއިލް ވިދާޅުވީ އުމުރުން 80 އަހަރުގެ އެ ފިރިހެން މީހާ ޑީއެޗް11 އަށް ބަދަލުކޮށްފައިވަނީ އޭނާގެ ހާލަތު ގާތުން ބެލުމަށްޓަކައެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިޝާރާތެއްވެސް ޑޮކްޓަރ ވަނީ ކުރައްވާފައެވެ.

މި މީހާއަކީ ގޭގައި އެނދުމަތިކޮށްފައި އޮންނަތާ ދެ އަހަރުވެފައިވާ މީހެއް ކަމަށާއި، އޭނާއަކީ ޞިއްޙީ ގިނަ މައްސަލަތަކެއް ހުރި އަދި ބަލިތަކެއް ތަހައްމަލު ކުރަމުންދާ މީހެއް ކަމުގައި ޑރ. މޫސަ ވިދާޅުވިއެވެ.

"ދެ އަހަރުވަންދެން ބެޑްރިޑަން، ސްޓްރޯކެއްގެ ސަބަބުން އެހެން ބަލިތައްވެސް އެބަހުރި، ކޮލެސްޓްރޯލް މަތިވުން، ރިކަރަންޓް އެސްޕިރޭޝަން ނިއުމޯނިއާ ޖެހިގެން ކުރިންވެސް އެޑްމިޓް ވެފަ ހުރި ޕޭޝަންޓެއް." ޑރ. މޫސާ އިސްމާއިލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޑީއެޗް 11ގައި ކޯވިޑް-19 ގެ ހަތަރު ބަލިމީހަކަށް ފަރުވާ ދީފައިވެއެވެ. އަދި މިއަދު ޑީއެޗް11އަށް ގެންދިޔަ މީހާއަކީ މި ބަލީގައި މިހާތަނަށް ޑީއެޗް11 އަށް ގެންދިޔަ އުމުރުން އެންމެ ދުވަސްވީ ފަރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން