އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ޝަކުވާ ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ވާހަކަ ނުދެއްކޭ މަންމަނެކެވެ.

އަހަރެން އުއްމީދު ކުރަމެވެ. އަހަންނަކީ ކުޑަ ދުވަސްކޮޅެއްގެ މެހްމާނަކަށް ވިޔަސް، ފިރިމީހާ އެކަމާ ނުވިސްނާނެ ކަމަށެވެ. އާއެކެވެ. ފިރިމީހާ ހަނދާން ހުންނާނެއެވެ. އަހަންނަކީ [ހާރޓް ޕޭޝަންޓް] އެއް ކަމެވެ. ޔަޤީން ކުރަމެވެ. ފިރިމީހާ މިހާރު ކޮންމެ ރެޔަކު ދަންވަރު ބައްދަލުކުރަންދާ އަންހެން ކުއްޖާއާ ކައިވެނި ކޮށްގެން، އުފާވެރި ޙަޔާތެއް ވޭތުކުރާނެ ކަމަށެވެ.]

ޝާއިން އިތުރަށް ނުކިޔާ ހުއްޓާލިއެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެންފިއެވެ.

[ނޫން....ނޫން ހަވާ ތިޔައީ ކުށް ހީއެއް.] ޝާއިނަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ ޑައިރީ އޮތްތާ ބޭއްވުމަށްފަހު، ހަވާގެ މަގަތުގައި އިށީނދެ، ހަވާގެ މޫނު އޭނާއާވީ ފަރާތަށް އަނބުރާލިއެވެ. އެވަގުތު ހަވާ އޮތް ޙާލު ފެނުމުން، ޝާއިންގެ ކަރުބުޑުން ނުކުތީ ބާރު ހަޅޭކެއްގެ އަޑެވެ.

ހަވާގެ ދެލޯ އޮތީ މެރިފައެވެ. އަނގައިގެ ދެމިޔަކަނުން ފައިބަމުންދަނީ ލެޔެވެ.

[ހަވާ...މަންމާ....އަހަރެންގެ ހަވާ....] ޝާއިން ރޮމުން މަންމައަށް ގޮވަން ފަށައިފިއެވެ. އެ އަޑަށް ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި ތިބި ޒަހީނާއި ޝިޒްނީއަށް ހޭލެވިގެން ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.

[ދަރިފުޅާ ކިހިނެއްވީ؟] ޒަހީން ކޮޓަރިއަށް ވަންނަމުން އެހިއެވެ. އޭރުވެސް ޝާއިން ރޮމުން ހަވާގެ ހަށިގަނޑު ޙަރަކާތް ކުރޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.

[ބައްޕާ....ހަވާއަށް މިއޮތީ ކިހިނެއްވެފަ. ބައްޕަ ބައްލަވާ....] ޝާއިން ރޮމުން ހަވާގެ ހަށިގަނޑުގައި ތަޅަން ފެށިއެވެ. ހަވާ މިހާރު އެވަނީ އެގޮތަށް ތަޅައިގެން އަސަރުކުރާ ވަރަށްވުރެން މާދުރަށް ދަތުރުކޮށްފައެވެ. އާއެކެވެ. ހަވާ އެވަނީ ދެމިއޮތުމުގެ ޢާލަމުގައެވެ. ޒަހީން ބެލީ ހަވާ ނޭވާލާތޯއެވެ. އޭނާއަށް ޔަޤީން ނުކުރެވުނީމައެވެ.

[ދަރިފުޅާ ހިތްވަރުކުރޭ.....] ހަވާ މަރުވެއްޖެކަން ޔަޤީންވުމުން، ޒަހީން ޝާއިނަށް ހިތްވަރު ދޭން ފެށިއެވެ.

އޭރު ޝިޒްނީވެސް ރޮނީއެވެ.

[ބައްޕާ....މަންމާ....އަހަރެން މަރާލާ....އަހަންނެއް މިދުނިޔެއަކު ނުހުންނާނަން...އަހަންނަށް މިދުނިޔެއަކުން އުފަލެއް ނެތް....] ހަވާގެ ފުރާނަ ނެތް ހަށިގަނޑުގައި ޝާއިން އޮޅުލަ އޮޅުލާފައި ރޮމުން ދިޔައެވެ.

[ނޫން...ދަރިފުޅާ....ހިތްވަރުކުރޭ....] ޒަހީނަށްވެސް ރޮވިއްޖެއެވެ.

[ނޫން...ބައްޕާ....އަހަރެން ބޭނުންވަނީ ހަވާއާއެކު ދާން...އަހަރެން މަރާލަދީ....ބައްޕަމެންނަށްވެސް އެނގެއެއްނު، އަހަންނަކީ މުޖްތަމަޢަށް ނުރައްކަލެއްކަން...ހަވާ! ލޯ ހުޅުވާލަބަލަ.....] ޝާއިން މޮޔައަކު ފަދައިން ވާހަކަ ދައްކަމުން، ކޮޓަރިއަށް ވަންނަ ދޮރާ ދިމާއަށް ދުއްވައިގަތެވެ.

[ދަރި......ދަރިފުޅާ....ކޮން.....ތަނަކަށް؟] ޝާއިން ކޮޓަރިން ނުކުންނަން ދުއްވައިގަތުމުން، ޒަހީން ގޮވާލިއެވެ. ނަމަވެސް، ޝާއިން އެ އަޑެއް ނާހައެވެ. އޭނާ ރޮމުން ގިސްލަމުން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ހީވަނީ އޭނާ ބޭނުންވަނީ އަމިއްލައަށް މަރުވާންހެންނެވެ. އެހެން ހީވަނީ އޭނާ އެނބުރި ކޮޓަރިއަށް އައިއިރު، އަތުގައި ތޫނު ވަޅިއެއް އޮތީމައެވެ.

[ދަރިފުޅާ...ނުރޮއި ހުއްޓާލާ. ރުއިމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް. އަވަހަށް ހިނގާ! ހަވާ ހޮސްޕިޓަލަށް ގެންދަން.] ޒަހީން ޝާއިނަށް ނަޞޭޙަތްތެރިވިއެވެ.

[ނޫން ބައްޕާ؟ ހޮސްޕިޓަލަށް ގެންދިޔަކަސް، ހަވާ އެނބުރި ނާންނާނެ. އަހަރެން ބޭނުމީ ހަވާއާއެކު ދާން. ބައްޕާ އަހަރެންގެ ފުރާނަ ނެތިދިޔުމަށް ފުރްޞަތުދީ.] ޝާއިން ރޮމުން، އޭނާ ގެނައި ވަޅި މެޔާ ދިމާލަށް އަމާޒުކޮށްލިއެވެ.

އެވަގުތު އެގެޔަށްވެސް ހީވީ ބާރުގަދަ ބިންހެލުމެއް އައިހެންނެވެ. ޝާއިންގެ އަތުން ވަޅި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

[ނޫން...ނޫން....ދަރިފުޅާ....ދަރިފުޅު ތީ ހިތްވަރު ދެރަ ކުއްޖަކަށް ނުވާނެ.] ދޮރުމަތިން ޝިޒްނީގެ އަޑާ ވައްތަރު އަޑަކުން ވާހަކަ ދެއްކި އަޑު އިވުނެވެ.

ޝާއިނާއި ޒަހީނަށް ސިއްސައިގެން ގޮސް ބަލައިލެވުނީ ދޮރާ ދިމާލަށެވެ.

ދޮރުމަތީގައި އެހުރީ ރާނިޔާއެވެ. ޝިޒްނީއާއި ޒަހީން ރާނިޔާ ފެނުމުން ހައިރާން ނުވިޔަސް، ޝާއިން ޙައިރާންވިއެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެތަނުން މަންމައަކީ ކާކުބާއެވެ؟

[ދަރިފުޅާ.....އަދި ހިތްވަރުކުރޭ. ދަރިފުޅު ތިޔައުޅެނީ އަމިއްލައަށް މަރުވާކަށްނު؟ އެއީ އެއްގޮތަކަށްވެސް ކޮށްގެންވާވަރުގެ ކަމެއް ނޫން.] ރާނިޔާ އެތެރެއަށް ވަދެގެން ގޮސް، ޝާއިންގެ ބުރަކަށީގައި ފިރުމާލަދިނެވެ.

[ތިޔަތަނުން އަހަރެންގެ މަންމައަކީ ކޮބާ؟] ޝާއިން ރޮމުން އެހިއެވެ.

[ދަރިފުޅާ! ދަރިފުޅުގެ އަޞްލު މަންމައަކީ ތިޔައީ....] ޖަވާބު ދިނީ ޒަހީނެވެ.

[މަން.....މާ!] ޝާއިން ރާނިޔާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

މެންދުރަށް ފެށުމުގެ ކުރިން ހަވާގެ ކަށުކަމާކެމީގެ ކަންތައް ނިމި، ޝާއިން އިނީ ހަވާގެ މަހާނަދޮށުގައި ކުޑަ ކަކޫ ޖައްސައިގެން، މަހާނައިގެ ފަސްގަނޑު އެއްވަރު ކުރާށެވެ.

އެދުވަހަކީ ވަރަށް އަވިގަދަ ދުވަހެކެވެ. މިއަދަކު އެ އަތްވަކަށްވެސް ޝާއިން ބިރެއްނުގަނެއެވެ.

[ހަވާ ކީއްވެ، އަހަރެން ދޫކޮށްފަ ދިޔައީ؟] ޝާއިން ރޮމުން މަހާނައިގެ ކޮޅުގައި ބޯޖައްސާލިއެވެ. އޭރު ދުރުގައި މަންޒަރު ބަލަން ޒަހީނާއި ޝިޒްނީ އަދި ރާނިޔާވެސް ހުއްޓެވެ. ރާނިޔާ ފެންނަނީ ހަމައެކަނި ޒަހީނަށެވެ.

[ޒަހީން ދަރިފުޅަށް ވިސްނައިދީ! މިހާރު އެ ދޭ އަވިން ދަރިފުޅުގެ ފުރާނައަށް ގެއްލުންވާނެ.] ރާނިޔާ ވާހަކަ ދެއްކީ އެކަނި ޒަހީނަށް އިއްވައިގެންނެވެ.

[ދަރިފުޅާ ޝާއިން، ދަރިފުޅުގެ މަންމަ ބުނި ވާހަކަ ހަނދާން ނެތުނީތަ؟ އިރުގެ ހޫނަކީ ދަރިފުޅަށް ނުރައްކާ އެއްޗެކޭ. އަވަހަށް އާދޭ.] ޒަހީން ޝާއިނަށް ހަނދާންކޮށްލަދިނެވެ.

[ނޫން... ބައްޕާ....އަހަރެން މިދުނިޔޭގައި ހުންނާކަށް ބޭނުމެއް ނޫން. މިދުނިޔެއިން އަހަންނަށް އުފަލެއް ނެތް. އަހަންނަކީ ކާކުކަން އެނގުމުން، ކޮންމެ މީހަކުވެސް އަހަންނަށް ނަފްރަތު ކުރާނެ.] ޝާއިން މަހާނައިގެ އުސްގަނޑުގައި ބޯއަޅާލިއެވެ. އޭރު އިރުގެ ހޫނަށް ނުރައްކާތެރި އޭނާގެ ހަށިގަނޑުގެ އެތަން މިތަނުން ފޮޅެމުން، އެ ހަށިގަނޑު އެއްކޮށް ލެއިން ކަޅިވަމުންދާތަން ޒަހީންމެނަށް ފެނުނެވެ.

[ޝާއިން...] ޒަހީން އަޑުގެކޮޅަށް ޝާއިނަށް ގޮވާލައިފިއެވެ. އެހެނަސް ޝާއިންގެ އިޝާރާތެއް ނުވިއެވެ. ހަމަ އޮތްގޮތަށް އޮތީއެވެ. އޭރު ދުރުގައި ހުރި ރާނިޔާގެ ލޮލުންވެސް ކަރުނަ އޮހެނީއެވެ. އޭނާއަށް އެނގެއެވެ. އޭނާގެ ދަރިފުޅު ދެން ސަލާމަތް ނުވާނެކަމެވެ.

[ޒަހީން އިހަށްނުދޭ. ކޮންމެ ގޮތެއް ހެދިޔަސް، އަހަރެމެންނަށް އޭނާ ސަލާމަތެއް ނުކުރެވޭނެ.] ޒަހީން ދުއްވައިގަތުމުން، ރާނިޔާ ހިފެހެއްޓިއެވެ.

ޒަހީން މަޑުޖެހިލިއެވެ.

[ޒަހީން! ޒަހީނަށް ލިބިފައިވާ އަހަރެންގެ ހަމައެކަނި ހަނދާންތައްވެސް އެދިޔައީ.] ރާނިޔާ ރޮމުން ވާހަކަ ދެއްކިއެވެ. އޭރު ރާނިޔާ ޝިޒްނީއަށްވެސް ފެނެއެވެ. ޝިޒްނީވެސް، މައެއްގެ ކުލުނު ޖެހިފައިވާތީ، ޝާއިން ހަލާކުވެގެންދާތަން ފެނުމުން ރޮނީއެވެ.

[އޭނ....ތިޔަ ބުނީ ޝާއިން....؟] ޒަހީންގެ އަޑު ކެނޑުނެވެ.

[އާނ...ޝާއިން އެ މަރުވަނީ....] ރާނިޔާއަށް ގިސްލެވުނެވެ. ޒަހީނަށް ބަލައިލެވުނީ ޝާއިނާ ދިމާއަށެވެ. އޭރު ސިފަ ނޭނގޭވަރަށް، ޝާއިންގެ މޫނުމަތިވެސް ވަނީ ފޮޅިފައެވެ.

ޒަހީން ރާނިޔާގެ އަތް ފޮޅުވާލަމުން، ޝާއިން މަހާނަމަތިން ނެގިއެވެ. ތެދެކެވެ. ރާނިޔާ ބުނި ފަދައިން، ޝާއިންގެ ހަށިގަނޑުގައި ދިރުމެއް ނެތެވެ.

[އަހަރެންގެ ދަރިފުޅު އަހަރެން ގެންދާނަން.] ރާނިޔާ ޝާއިން އޭނާގެ ދެއަތް މައްޗަށް އުފުލާލިއެވެ. ހަމައެއާއެކު، ރާނިޔާ ޝާއިނާއެކު ގެއްލުނެވެ. ޒަހީންގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަމުން، ޝިޒްނީގެ އަތުގައި ހިފައގެން ސަހަރާއިން ނުކުންނަން ހިނގައިގަތެވެ.

ޔަޤީނެވެ. ރާނިޔާއާއި ޝާއިން ގެއްލުނަސް، މެންދަމަކަށް ނިމުމެއް ނާންނާނެއެވެ. ކޮންމެ ރެއެއްވެސް ފާއިތުވެދާނީ، ނާމާން ނުވަތަ އުފާވެރި މެންދަމަކަށްފަހުގައެވެ. އިންތިޒާރު ކުރާށެވެ. ކުރިމަގުގެ މެންދަންތަކަށެވެ. ނާމާންވެސް ވެދާނެއެވެ.

ގައިމެވެ. ނާމާން ނުވިޔަސް، މެންދަމަކަށް ނިމުމެއް ނާންނާނެއެވެ. މެންދަމުގެ ނިމުންވާނީ ދުނިޔޭގެވެސް ނިމުމަށެވެ.

-ނިމުނީ -

މޫސާ ސާޢިދު

ސ. މަރަދޫ ހަބަރުމާގެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން