ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި މައްސަލައިގެ ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތު ބަލައިގަތުމަށް އިއުތިރާޟުކުރާކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ އިސް ގާޒީ މުހައްމަދު ޝަކީލް ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހެކި ހުށަހެޅުމަށް އަޑުއެހުމެއް އޮންނާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި މި މައްސަލާގައި އެންމެ ފަހުން މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމައްސަލާގައި އެ މަނިކުފާން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ. މިމައްސަލައިގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އެމްޕީ

02-Feb-2021

ވަގު ނުބުނާނެ ނެގީމޭ



ޓްރެންޑިން