ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލްކަން ރާއްޖޭގައި މިހާރު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު، ބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މިބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، 362 ޞިއްޙީ ޚިދުމަތްތެރިން ތަމްރީންކޮންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލްކަން ރާއްޖޭގައި މިހާރު އެބަހުރި. އެހެންކަމުން الله ގެ އޯގާވަންތަކަމާއި މަދަދުވެރިކަމުން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރަބަންދުގެ ހިފެހެއްޓުންތަކަށް ލުއިތަކެއް ދީ ރާއްޖޭގެ ބޯޑަރު ހުޅުވާލައި، މިހާރު މިވަނީ ފަތުރުވެރިންނަށް އަލުން މަރުޙަބާ ކިޔަން ފަށާފައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތިން މަސްދުވަހަށް ފަހު ބޯޑަރު ހުޅުވައިލެވުނީ، ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް ރައީސް ވަނީ އެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ. މިއީ ރައީސް ޞާލިޙް އިއްވަވާ 3 ވަނަ ރިޔާސީ ބަޔާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން