ބައެން މީހުން ޒައިދު ކަމަށް ހީކޮށް، ޙަސަނަށް ގޮވިވެސްމެއެވެ. ނަމަވެސް ޙަސަން ބޯޖަހާލުން ފިޔަވައި އިތުރު ޙަރަކާތެއް ނުކުރެއެވެ.

[އެވެރިން އެގޮވީ ކޮއްކޮ ކަމަށް ހީކޮށްދޯ މަންމާ.] ކާރު ދުއްވާލީމާ، ހިނިތުންވެލަމުން ޙަސަން ބުންޏެވެ. އެއަށްފަހު، ރަށުތެރެއިން ފެންނަމުންދިޔަ އިނގިރޭސި ކުލަ ޖެހިފައިވާ ހިތްގައިމު މަންޒަރުތަކަށް އޭނާގެ ހުރިހާ ނަޒަރިއްޔާތު ހުއްޓިއްޖެއެވެ.

[މިވަގުތު ނޫނަސް، އަހަރެން ބޭނުން މިރަށް ނިކަން ރަނގަޅަށް ބަލައިލަން. އަޞްލުގައިވެސް ހާދަ ހިތްގައިމޭ. ހީވަނީ ބޭރު ޤައުމެއްގެ ތަނެއްހެން. މިއީވެސް ރަނގަޅު ޕްލޭނެއްގެ ދަށުން ތަރައްޤީކޮށްލަން ރަނގަޅު އަތޮޅެކޭދޯ؟] ގަން ފަހަނަޅާގޮސް ފޭދޫތެރެއަށް ކާރު ވަނުމުން، އަނެއްކާވެސް ޙަސަން ޚިޔާލެއް ފާޅުކޮށްލިއެވެ.

[ތިޔަބުނީ ރަނގަޅަށް...މިއަތޮޅުގައި ހިތަދޫއާއި މަރަދޫއާ ދޭތެރޭވެސް އޮވޭ ހުސް ހަތް ރަށް. އެރަށްތަކުގެ ތެރޭގައި ހަނި ރަށްތައް ހިމެނުނަސް، ހަނި ރަށްރަށް ހިއްކައިގެން ބޮޑުކޮށް، ހުޅުދޫމީދޫ މީހުންވެސް އެތަނަށް ގެނެސްފިއްޔާ، މާ ތަރައްޤީވެފައި ފައިދާބޮޑުވާނޭ ކަމަށް މިއަތޮޅުގެ ގިނަބަޔަކު ދެކޭ. އަބަދު ޒައިދުމެންވެސް އެވާހަކަ ދައްކާ.] ފަރީދާ އޭނާޔަށް އިވޭ އަޑުއަޑުތަކަށް ބިނާކޮށް ބުންޏެވެ.

[އެއީ ރަނގަޅު ވާހަކައެއް. އާބާދީ އެއްފަސްކުރާ ސިޔާސަތުގެ ދަށުން އެކަން އެގޮތަށް ކޮށްފިއްޔާ، އައްޑޫ ރައްޔިތުންނަށް ރަނގަޅު ތަރައްޤީއަކާއި ބޮޑު މަންފާއެއް ކުރާނެ.] އެންމެފަހުން ޓެކްސީ ޑްރައިވަރަށް ހިމޭނަކުން ނީނދެވުނެވެ.

[ތެދެއް ތިބުނީ...ބޮޑު ސިންގާ ރަށެއްގައި ދެމީހުނާ ބައި އުޅުނަކަސް އެތަނެއް ތަރައްޤީއެއް ނުވާނެ.] ފިކުރީވެސް ތާއީދު ކުރިއެވެ. އޭރު ކާރު ދަތުރު ކުރަމުންދަނީ މަރަދޫފޭދޫ ތެރެއިންނެވެ.

[ރަށެއް ތަރައްޤީ ކުރެވޭނީ، ރަނގަޅު އާބާދީއެއްވެސް ބިނާކުރެވިގެން. މިބުނީ ކުޑަ އާބާދީއެއް ރަނގަޅު ގޮތުގައި ބިނާކުރާ ވާހަކައެއް ނޫން. އާބާދީ އެއްފަސްކުރަންވީ....] އަނެއްކާވެސް ޑްރައިވަރު އިތުރުކޮށްލިއެވެ. އެއީވެސް ރަނގަޅު ތަރައްޤީއަކަށް ފެންބޮވައިގެންފައިވާ އައްޑުއަތޮޅުގެ ރައްޔިތަކަށްވީތީއެވެ.

[ތިޔަގޮތް ޤަބޫލު ކުރެވޭތީ، އާބާދީ އެއްފަސްކަރުމުގެ މަޝްރޫޢު ފަށްޓަވާފައެއްނު ވަނީ....މިކޮޅުގައިވެސް އެ މަޝްރޫޢު ހިންގަވާނޭ ކަމަށް ޤަބޫލު ކުރެވެނީ....] ފިކުރީ ޑްރައިވަރުގެ ހިތްހަމަޖައްސާލަދިނެވެ.

އޭރު އެމީހުން ދާން ބޭނުންވާ މަންޒިލަށް، އާދެ! ފަރީދާގެ ދަރިފުޅު ޒައިދުގެ ގޭގެ ދޮރުމައްޗަށް ކާރުމަޑުކޮށްފިއެވެ.

[ދަބަސްތައް ހިފައިގެން ވަންނަން އުޅޭ. މީ އެގެޔަކީ. އެސޮރު ގޭގައި އުޅޭނެ ކަމެއްވެސް ނޭނގެ.] ކާރުން ފައިބައިގެން ގެޔަށް ވަންނަން ހިނގައިގަންނަމުން ފަރީދާ ބުންޏެވެ. ކަންތައްވީ ފަރީދާ ހީކުރިގޮތަށެވެ. ޒައިދެއް ގެޔަކު ނޫޅެއެވެ. ގޭގައި އުޅެނީ ވަރުދާ އެކަންޏެވެ.

[އަނހަ...ފަރީދާ އައީތަ؟ ޒައިދު ހެދުން ބަދަލުކުރީ ކޮންއިރަކު؟] ޙަސަން ފެނުނީމާ ވަރުދާ ހީކުރީ އެއީ ޒައިދު ކަމަށެވެ.

[ވަރުދާ....މިއީ ވަރުދާ ތިހީކުރާ ޒައިދެއް ނޫން....މިއީ ޒައިދުގެ ބޭބެ ޙަސަން ޒައިދު....] އެއަށްފަހު، ފަރީދާގެ މާޒީއިން ކޮންމެވެސް މިންވަރެއް ވަރުދާއަށް ފަރީދާ ކިޔާދިނެވެ. ޒައިދު ގެޔަށް އައިސް ވަނީ ފަރީދާ ވަރުދާޔަށް އެވާހަކަ ކިޔާދީ ނިމުނުތަނާހެނެވެ.

ޒައިދާ ކުޑަވެސް ތަފާތެއް ނެތް އެއްމާބަނޑު ބޭބެ ޙަސަން ފެނުނީމާ، ޒައިދަށް ފުރަތަމަ ޙައިރާންކަން ލިބުނެވެ. ޤަބޫލުކުރަން ދަތިވާފަދަ ގޮތަކަށް، އިރުކޮޅެއް ވަންދެން ބޭބެޔާ ދިމާއަށް ބަލަހައްޓައިގެން ޒައިދަށް ހުރެވުނެވެ.

[ޙައިރާން ނުވޭ ދަރިފުޅާ....މިއީ ދަރިފުޅުގެ ބޭބެ ޙަސަން ޒައިދު....ދެން މިހުރީ ދަރިފުޅުގެ ޙަޤީޤީ ބައްޕަ ފިކުރީ....] ޒައިދުގެ ޙައިރާންކަން ކެނޑުވީ އޭނާގެ މަންމައެވެ. އެއަށްފަހު، މަންމައާއި ބައްޕަގެ މާޒީ، ދެކުދިންގެ ޙާޟިރުގައި އަނެއްކާވެސް ފިކުރީއާއި ފަރީދާ ކިޔައިދިނެވެ.

[އަހަރެން އަންނާނަން، ބޭބެ ގޮވައިގެން، ރިޝްފާންމެން ގެޔަށް ގޮސްލާފައި.....] އުފާވެފައި ހުރި ޒައިދު، އޭނާގެ ބޭބެގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އޭގެކުރިން އޭނާ ބައްޕަ ގައިގައި ބައްދާލާ ސަލާމް ކުރިއެވެ.

ނަޞީބު ދިމާކުރިގޮތުން ޒައިދުގެ ދެބެން ރިޝްފާން އުޅޭ ގެޔަށް ދިޔައިރު، އެގޭގައި ވާހިޔާވެސް އުޅެއެވެ. ޒައިދުގެ މަކަރުވެރިކަމުގެ ވާހަކަތައް މާޔާއާއި ރިޝްފާން ގާތު ދައްކާށެވެ.

[ޒައިދަކީ ވަރަށްބޮޑު މަކަރުވެރިއެއް. އަހަރެން ހަމަ އަޖައިބުވަން، އޭނަ އެގޮތަށް ދޮގުހަދާތީ....] ޒައިދުމެން އެގެޔަށް ވަން ވަގުތު، މާޔާ ގާތު ވާހިޔާ ބުނިއަޑު އިވުނެވެ.

ދޮރުމައްޗަށް އެރުމާއެކު، ޙައިރާންކަމާއެކު ޙަސަން ޒައިދުގެ ދެލޯ ބޮޑުވިއެވެ.

[ވާހިޔާ!؟] މަޑުމަޑުން ހަސަން ޒައިދަށް ބުނެވުނެވެ.

[ބޭބެ ވާހިޔާ ދަންނަންތަ؟] ބޭބެގެ މޫނަށް ބަލައިލުމަށްފަހު، ވާހިޔާގެ މޫނަށް ބަލައިލަމުން ޒައިދު އެއްސެވެ.

[އާނ، ދަންނަން.] އެއަށްފަހު، ޒައިދުގެ ބޮލުގައި ވާހިޔާ އަޅުވައިގެން އުޅޭ ތުހުމަތުގެ ވާހަކައާއި، ވާހިޔާގެ ސަބަބުން އޭނަޔާ އޭނަގެ އަނބިމީހާއާ ދެމެދު މައްސަލަ ޖެހުނު ވާހަކަވެސް ޒައިދު އޭނާގެ ބޭބެއަށް ކިޔައިދިނެވެ.

[އަހަންނަށް މަޢާފްކުރޭ ޒައިދު...ކިހިނެއް ކުރިން އަހަންނަށް އެނގޭނީ އެއްމާބަނޑު ދެބެން އުޅޭނޭ ކަމެއް. އަހަންނަށް ކެހިދިން ބޭވަފާތެރިޔާ ތިހުރީ.....] ޒައިދުގެ ކިބައިން ވާހިޔާ މަޢާފަށް އެދުނެވެ. އެވަގުތު ރިޝްފާން މަލީޙާއަށް ގުޅާފައި ވަރަށް އަވަހަށް އެގެޔަށް އައިސްދިނުމަށް އެދުނެވެ.

[ރިޝްފާން ކީއްކުރަންތަ މަލީޙާއަށް ގުޅީ....އަހަންނަށް އިތުބާރު ނުކުރި އަންބަކާއެކު، އިތުރަށް އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ޒައިދު އުޅުނީ އެގެއިން ނިކުމެގެން ހިނގައިގަންނާށެވެ. މަލީޙާޔާ ބައްދަލުވާން ބޭނުންނުވާތީއެވެ.

ނަމަވެސް އޭނަޔަށް އެގެއިން ނުނިކުމެވެނީސް މަލީޙާ އައިސް ވަދެއްޖެއެވެ.

[ޒައިދު ނުގޮސް މަޑުކުރައްޗޭ....] ޒައިދު ހިނގައިދާނެހެން ހީވާތީ ރިޝްފާން ބުންޏެވެ.

[އަހަރެން އޮންނާނީ މާކުރިންވެސް ބުނެފައި. އަހަރެންގެ ކުށެއް ނެތްކަން އެނގިގެން، މަލީޙާ އަންނައިރު އަހަރެން ހުންނާނީ ބަދަލުވެފައޭ. އަހަރެން މިދަނީ. އެއްވެސް މީހަކު އަހަންނަށް ވިސްނައިދޭން މަސައްކަތްވެސް ނުކުރާތި.] ޒައިދު ނިކުތެވެ. އޭނަގެ ފަހަތުން ޙަސަން ޒައިދުވެސް އުޅުނީ ނިކުންނާށެވެ. ނަމަވެސް، ވާހިޔާ އޭނަޔަށް ގޮވާ އޭނަ މަޑުކުރުވިއެވެ.

[އަހަންނަށް ކެހިދިން ސަބަބު އޮޅުންފިލުވައިދީފައި ނޫނީ ގޮސްގެން ނުވާނެ.] ވާހިޔާ ޙަސަން ޒައިދުގެ ކުރިބެއްދިއެވެ. ޙަސަންހުރީ ހަދާނެގޮތް ހުސްވެފައެވެ. އޭރު މަލީޙާވެސް އޭނާގެ ފިރިމީހާގެ ފަރާތުން ހިނގައިގެންފިއެވެ.

[އެންމެން ތިއްބަކާ ސަބަބު ބުނެއެއްނުދެވޭނެ. އެންމެ ރަނގަޅު، ދުވަހަކުވެސް އަހަރެން ބުނިންތަ، ވާހިޔާއާ އަހަރެން އިންނާނަމޭ.] އެވަގުތު ޙަސަނާއި ވާހިޔާ އެކަނިކޮށްފައި، ރިޝްފާނާއި މާޔާވެސް އެތަނުން ނިކުމެއްޖެއެވެ.

[އިންނަން ބޭނުން ނޫންއިރު، ކީއްވެތަ، އަހަރެންގެ ޒުވާންކަން ނަގާލީ....] ވާހިޔާއަށް ރޮވިއްޖެއެވެ. ޙަޤީޤަތުގައި ޒައިދުދެކެ ވާހިޔާ ނިކަން ލޯބިވެއެވެ. ޒައިދު އޭނާޔަށް ބޭވަފާތެރިވީމާވެސް އޭނާޔަށް ޒައިދުގެ މަތިން ހަނދާން ނުނެއްތިގެން އުޅެނީވެސް އެހެންވެގެންނެވެ.

[އަހަންނަށް މަޢާފްކުރޭ ވާހިޔާ....އެއީ އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫން.] ޙަސަން ފުރަތަމަފަހަރަށް ވާހިޔާގެ ކިބައިން މަޢާފަށް އެދުނެވެ.

[ދުވަހަކުވެސް އަހަރެން ޒައިދަށް މަޢާފެއް ނުކުރާނަން. ބޭވަފާތެރިންނަށް މަޢާފް ކުރަންޏާ، އަބަދުވެސް މަޢާފްކުރާހާވާނީ....] ވާހިޔާ ވާހަކަ ދެއްކީ ރޮމުންނެވެ.

އޭރު މާޔާއާއި ރިޝްފާންގެ ދެމަފިރިން ތިބީ ގޭގެ ފެންޑާގައެވެ. މާޔާ އިނީ ރާދިންވެސް އުރައިގެންނެވެ. ނަމަވެސް، ރިޝްފާއެއް ފެންނާކަށް ނެތެވެ. ރިޝްފާ އޭނާގެ މަންމަގެ ގާތުގައި ހުރީ ކަމަށްވެސް ވެދާނެއެވެ.

ރިޝްފާނާއި މާޔާ ފެންޑާގައި ތިއްބާ އެދެމީހުންގެ މެދަށްވާ ކަހަލަ ގޮތަކަށް ޝަބްނަމް ފާޅުވީ ކުއްލިއަކަށެވެ. ސިހިފައި ރިޝްފާން ފަހަތަށް ޖެހިލުމުން، މާޔާއަށްވެސް ޝޮކް ލިބުނެވެ.

[ކިހިނެއްވީ؟] ކުއްލިއަަކަށް ރިޝްފާނަށްވީގޮތުން ދެލޯ ބޮޑުވެފައި އިނދެ މާޔާ އެއްސެވެ. މާޔާއަށް ޝަބްނަމް ނުފެންނަކަން ރިޝްފާނަށް އެނގުނީ އެހާ ހިސާބުންނެވެ. ވަގުތުން ރިޝްފާންގެ މޫނުމަތީގައި ހުރި ނުތަނަވަސްކަންވެސް ފިލިއެވެ. އޭނާ އަވަސް އަވަހަށް މާޔާ ގާތު ބޭރަށް ނިކުމެލާފައި އެބަ އަންނަމޭ ބުނެފައި، ގެއިން ނިކުމެއްޖެއެވެ. އޭނާގެ ކުރީގައި ހުރެގެން ޝަބްނަމްވެސް ދިޔައެވެ. ރިޝްފާން ހިނގަމުންދިޔައީ، ޝަބްނަމް ދައްކާ މަގުންނެވެ. މާނަޔަކީ އޭނާ ހިނގާފައި އެދަނީ ސީދާ ޝަބްނަމްގެ ފުރިހަމަ ބާރުގައެވެ.

[އަހަރެން ގޮވައިގެން ކަލޭ ތިޔަދަނީ ކޮންތަނަކަށްތަ؟] ހުއްޓެން އުޅުނީމާ މަޑުނުވެވުމުން، ރިޝްފާން ޝަބްނަމާ މުޚާޠަބު ކުރިއެވެ.

[އަހަރެން އެއްވެސް މީހަކު ގޮވައިގެނެއް ނުދަން. އަހަރެންގެ ފަހަތުން ރިޝްފާން އަޅުވާލައިގެން ތިއުޅެނީ ކީއްކުރަންތަ. ކުރިން އަހަރެމެނަށް ވިސްނިފައި އޮންނަނީ، ޖިންނީން އިންސާނުންނާ އަވަލަވާ ވާހަކަ....އެކަމަކު މިހާރު މިފެންނަނީ މުޅިން ޚިލާފު މަންޒަރެއް. އަހަރެންގެ ފަހަތުން އަވަލަވައިގެން ތިއުޅެނީ ރިޝްފާން....އަހަރެންގެ ފަހަތުން ނާދޭ.] ޝަބްނަމް ވިހަގޮތަކަށް ހީގަތެވެ. ނިކަން ބާރަށެވެ.

[ކަލޭ އަހަރެން ދަމާފައި ގެންދަނީނު.....އަހަރެންގެ ގައިން ދޫކުރޭ....] ޝަބްނަމްގެ ބާރުގައި ރޮބަޓެއްހެން ކުރިޔަށް ފިޔަވަޅުތައް އަޅަމުން ރިޝްފާން ބުންޏެވެ.

[ހިމޭނުންހުރޭ...މިއަދު އަހަރެން ބޭނުންވަނީ، ރިޝްފާންގެ ފުށުން އަރާމާއި ހިތްހަމަޖެހުން ލިބިގަންނަން. ރިޝްފާންގެ ފުށުން ހިތްހަމަޖެހުމާއި އަރާމުގެ ލައްޒަތު ލިބެންވާނީ އެކަނި މާޔާއަކަށް ނޫން. އެއީ އަހަރެންގެވެސް ޙައްޤެއް...] މީހުން ނޫޅޭ ފަޅު ހިސާބުގަނޑަކަށް ހުއްޓި ރިޝްފާނ ޝަބްނަމް ކުރިމަތިލިއެވެ.

[ނުވާނެ ތިކަމެއް...އަހަރެން ހަމަހޭގައި ހުއްޓަކާ އަހަރެންގެ ފަރާތުން އަރާމުގެ ޒައްރާއެއްވެސް ކަލެޔަކަށް ނުދޭނަން....] ރިޝްފާން ހިސާބަކަށް ބިރުގެންފައި ހުއްޓަސް، ގޮތްދޫކުރާކަށް ޤަޞްދެއް ނުކުރެއެވެ.

[ވަޢުދު އުވާލަނީ؟ އަހަންނަށް ލިބިފައިވާ ބާރާމެދު ކުޑަކޮށްވެސް ފިކުރުކޮށްލިންތަ؟] ޝަބްނަމް ދިނީ ފާޑެއްގެ އިންޒާރެކެވެ.

[އޭރު އެއްބަސްވީ ކަލޭގެ ކިބައިން މާޔާ ސަލާމަތް ކުރުމަށް. މިހާރަކު އަހަރެން ކުޑަވެސް ބިރެއްނުގަނޭ....] ރިޝްފާން ގޮތެއް ދުލެއްނުކުރެއެވެ.

[އަހަންނަށް އަދިވެސް މާޔާ ހައްޔަރު ކުރެވިދާނެ. ހަމަ މިހާރު މިވަގުތުވެސް މާޔާ މިތަނަށް ގެނެސްފާނަން....ގެންނަންވީތަ؟] ޝަބްނަމް އަނެއްކާވެސް ބާރަށް ހޭންފަށައިފިއެވެ.

[ހައްޔަރު ކުރަންވީނު...ކިހާ ދެރަކަމެއް ދެން....ކަލެޔާހުރެ އަހަންނަށް ހަމަނޭވާލެވޭކަށް ނެތް....ކަލޭ ކިތަންމެ ބާރު ދެއްކިޔަސް، އަހަރެމެން އިންސާނުންނަށްވުރެން ބާރުގަދައެއް ނުވެވޭނެ.] ރިޝްފާންގެ އަޑު ކުރިޔަށްވުރެން ބާރުވިއެވެ. އެހިނދު ކުއްލިއަކަށް ވަރުގަދަ އައްޔެއް މުޅި ތަނަށް ފާޅުވިއެވެ. ދުވާލުގެ ވަގުތު ކަމަށްވިޔަސް، އެ އަލިން ރިޝްފާންގެ ލޮލަށްވެސް އުނދަގޫވިއެވެ.

ރިޝްފާން ލޯމަރާލިއެވެ. ލޯމަތީގައި އަތްވެސް އެޅިއެވެ.

[ރިޝްފާން...އަހަރެން ސަލާމަތްކުރޭ....] ރިޝްފާން ލޯމަތިން އަތްނަގައި ލޯ ހުޅުވާލީ، މާޔާ ސަލާމަތަށް އެދި ގޮވާ އަޑު އިވުނީމައެވެ. ނަމަވެސް، މާޔާއެއް ފެންނާކަށް ނެތެވެ. ޝަބްނަމްވެސް ފެންނާކަށް ނެތެވެ.

[މާޔާ....މާޔާ.....ކޮންތާކު ހުރެތަ، މާޔާ ތިގޮވަނީ.] ރިޝްފާން ވަށައިގެން ހޯދަން ފަށައިފިއެވެ.

[ރިޝްފާން....އަޅެ އަހަރެން ސަލާމަތްކުރޭ....އަހަރެން މަރުވަނީ....އާހް....] ވޭނުން ފުރިގެންވާ އަޑެއް އަނެއްކާވެސް އިވުނެވެ. މާޔާގެ އަޑުންނެވެ. ހީވެއެވެ. މާޔާގެ ކަރުގައި ހިފައި ކޮންމެވެސް މީހަކު މާޔާ މަރަން މަސައްކަތް ކުރަނީއެވެ. ރިޝްފާން ނިކަން ހާސްވެއްޖެއެވެ.

[ޝަބްނަމް... މާޔާ ސަލާމަތްކުރޭ. އަހަރެންގެ މާޔާ ސަލާމަތްކުރޭ....] އާދޭހުގެ ރާގެއްގައި ރިޝްފާން ވާހަކަ ދެއްކިއެވެ. ފެންނަފަށުގައި ޝަބްނަމް ނެތަސް، އޭނަ އަޑުއަހާނޭކަން އެނގޭތީއެވެ.

[ނުކުރާނަން ދުލެއް...މިފަހަރު ބޭނުންވަނީ ކަލޭ ލޯބިވާ މާޔާގެ ވަސްވެސް ފުހެލަން.] ޝަބްނަމްގެ އަޑު މިފަހަރު އިވުނީ ނިކަން ނާމާން ޒާތަކަށެވެ.

[އާދޭސް ކުރަން ޝަބްނަމް....މާޔާ ސަލާމަތްކުރޭ.....އެއީ ކުށެއްނެތް އަންހެނެއް....އޭނަޔަށް ތިގޮތަށް އަނިޔާ ކުރުމުގެ އެއްވެސް ޙައްޤެއް ޝަބްނަމަކަށް ނޯންނާނެ....] މީހެއްގެ ހިލަންވޭތޯ ރިޝްފާން އަނެއްކާވެސް ވަށައިގެން ހޯދަން ފަށައިފިއެވެ.

[ކިތަންމެ އާދޭސް ކުރިޔަސް، މިފަހަރު ދުލެއް ނުކުރާނަން. ތީ ވަޢުދަށް ޙުރްމަތްތެރިވާން ދަންނަ މީހެއް ނޫން....އެހެންވެ އިންސާނުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބަޔެކޭ އަހަރެން އަބަދުވެސް ބުނަނީ....] ޝަބްނަމްގެ ޖަވާބާއެކު، ދެންވެސް އިވެން ފެށީ މާޔާ ސަލާމަތަށް އެދި ގޮވާ އަޑެވެ.

[ހެޔޮނުވާނެ ޝަބްނަމް...މާޔާއަށް ތިޔަހެން ނަހަދާ. އަހަރެން ވަޢުދަށް ކަމޭހިތާނަން. ޝަބްނަމް އެދޭގޮތަށް ޝަބްނަމަށް ލޯބިދޭން އެއްބަސްވަން.] އާދޭސް ކުރަމުން ޝަބްނަމަށް ލޯބިދޭން އަނެއްކާވެސް ރިޝްފާން އެއްބަސްވިއެވެ.

[ލޯބިދެންޏާ މިހާރު އާދޭ....އަހަރެންގެ ގާތަށް އާދޭ.] ކުއްލިއަކަށް ވަރުގަދަ އަޑުފައްގަނޑަކާއެކު އެތާނގައި ހުރި ބޯކަށިކެޔޮ ފީންޏެއްގެ ތެރެއިން އެ ފާޅުވީ ޝަބްނަމެވެ. އޭނާ އޮތީ އޮށޯވެގެންނެވެ.

[މާޔާ މިހާރު ކޮބާ....!؟] މަޑުމަޑުން ޝަބްނަމާ ދިމާއަށް ހިނގައިގަންނަމުން ރިޝްފާން އެއްސެވެ.

[އޭނަ ސަލާމަތުން ހެޔޮ ޙާލުގައި އެބަހުރި. އިހަށް އޭނަގެ ވާހަކަ ހުއްޓާލާފައި، އަހަންނަށް ލޯބިދޭން އާދޭ.] މަސްތީ އިޙްސާސްތަކަކާއެކު، ރިޝްފާނާ ދިމާއަށް ޝަބްނަމް ބަލައިލިއެވެ. ރިޝްފާނަށް ބޭއިޚްތިޔާރުގައި އޮށޯވެއޮތް ޝަބްނަމާ ދިމާޔަށް ހިނގައިގަނެވުނީއެވެ. ހީވާކަހަލައެވެ. އޭނާ އެދަނީ އޭނާގެ އަމިއްލަ ބާރެއްގައެއް ނޫނެވެ. ލިބުނު ފުރްޞަތުގައި، ރިޝްފާންގެ ކިބައިން އުފަލާއި އަރާމުގެ ލައްޒަތު ޝަބްނަމް ލިބިގެންފިއެވެ. ފަހުން ރިޝްފާން ފިސާރި ދެރަވެ، ނިކަން ރުޅިވެސް އައެވެ.

[މިއަދު ކަލޭގެ ބާރު ކަލޭ ތި ދެއްކީ...މާދަމާޔަކީ އަހަރެންގެ ދުވަސް....] ރިޝްފާން ރުޅިވެރިކަމާއެކު ޝަބްނަމާ ދިމާޔަށް ކަޅިއަޅާލުމަށްފަހު ހިނގައިގެންފިއެވެ.

[ރިޝްފާން ތިވަރަށް ރުޅިނާދެބަލަ....ދެންމެ ހިތްހަމަޖެހުން ޙިއްޞާކުރީ އަހަރެން އެކަންޏެއް ނޫނެއްނު. އަހަންނާއެކު ރިޝްފާންވެސް ބައިވެރިވީމެއްނު.] ރިޝްފާންގެ ފަހަތުން ހިނގައިގަންނަމުން ޝަބްނަމް ބުންޏެވެ.

[އުފާތައް ހޯދީ ކަލޭ ބާރުގެ ބޭނުންކޮށްގެން...އަހަރެންގެ އިޚްތިޔާރަކު ކަލެޔަކަށް އަހަރެންގެ ދިރިއުޅުމުން ފުރްޞަތެއް ނުދޭނަން.] ފަސްއެނބުރި ބަލައިލުމެއްވެސް ނެތި ރިޝްފާން ބުންޏެވެ.

[އަހަންނަށް ނެތް ފުރްޞަތެއް، މާޔާއަކަށްވެސް ނުލިބޭނެ. ކުރިން ރިޝްފާންދެކެ ލޯބިވީ އަހަރެން. އޭނަޔަށް ލިބޭނީ އަހަރެން ކައިފައި ބާކީވީ އެއްޗެއް....] ގޮތްދޫކުރާކަށް ޝަބްނަމް ޤަޞްދެއް ނުކުރެއެވެ.

[ޚަބަރުދާރު ޝަބްނަމް...އަހަންނާ ދެކޮޅަށް ބަޙުޘްނުކޮށް، އަހަރެންގެ ކުރިމަތިން ފޭއަށްދޭ....] ނިކަން ބާރަށް ރިޝްފާން ހަޅޭއްލަވައިގަތެވެ. އެހިނދު ޝަބްނަމް ގާތަށް އައި ރުޅިން އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައިގެންދިޔައެވެ. ނަމަވެސް، އެމަންޒަރެއް ރިޝްފާނަކަށް ނުފެންނާނެއެވެ. އޭނާ ފަސްއެނބުރި ބަލައިވެސްނުލާ ގޮސް ޝަބްނަމްގެ ލޯމަތިން ގެއްލިއްޖެއެވެ.

[އިންސާނުންނަކީ ވަރަށް ރަޙުމްކުޑަ ބައެއް....ރިޝްފާން އަހަރެންވެސް ނުބައި މީހަކަށް ހަދައިފި....] ޝަބްނަމްގެ ސިފަވެސް މިހާރު އެ ބަދަލުވީއެވެ. ނިކަން ނާމާން ސިފަޔަކަށެވެ. އަނގައިންވެސް ހީވަނީ އަލިފާން އަރަމުންދާހެންނެވެ.

ރިޝްފާން ތެޅިފޮޅެމުން ގޮސް ގެޔަށް ވަންއިރު، މާޔާ ބިރުން ތެޅިފޮޅެނީއެވެ.

[ރިޝްފާން...މިގޭތެރެއިން ނާމާން އަޑެއް އެބައިވޭ....އަހަރެން ބިރުގަނޭ. ބައެއްފަހަރު ނިކަން ގާތުން އެ އަޑު އިވޭހެންވެސް ހީވޭ....] މާޔާ ވަށައިގެން ހޯދަމުން، ރިޝްފާންގެ ގައިގައި ހިފަހައްޓާލިއެވެ. އެހިނދު އެ އަޑު ރިޝްފާނަށްވެސް އިވުނެވެ.

[އެއީ މާބޮޑު ކަމެއް ނޫން. ހިނގާ ކޮޓަރިއަށް. އެކަންތައް އަހަރެން ޙައްލުކުރާނަން.] މާޔާގެ އަތުގައި ހިފައިގެން ރިޝްފާން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއަށްފަހު، ރިޝްފާން ވިސްނީ، ދާއިމަށް ޝަބްނަމާ ވަކިވެވޭނެ ގޮތަކާ މެދުގައެވެ.

ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލައިގައި ޒައިދުވެސް މާޔޫސްވެފައިވާތީ، އެކަމުގެ ތެރެޔަށް ޒައިދު ނުވައްދާ، އެކަމުން މިންޖުވެވޭތޯ ރިޝްފާން ވިސްނިއެވެ. ރިޝްފާން ފުރަތަމަ ގުޅީ އޭނާގެ މަންމަ ވަރުދާއަށެވެ.

[ކިހިނެއްވީ؟ ދަރިފުޅާ!] ވަރުދާ އެއްސެވެ.

[މަންމަ މިގެޔަށް އައިސްބަލަ. ޒައިދު ހުރިއްޔާ، އޭނަވެސް ގޮވައިގެން އާދޭ....] ރިޝްފާން އެދުނެވެ.

[މަލީޙާޔާއެކު އެގެޔަށް ޒައިދު ހިނގައްޖެ. މަންމައާއި ޒައިދުގެ މަންމަ ވަރަށް ވިސްނައިދިނީމާ ދިޔައީ. ދަރިފުޅާ....މާ ހާސްވެގެން ތިގުޅީ....އަނެއްކާ ކޮންކަމެއް ލައިގަތީތަ؟] ކޮންމެވެސް ކަމެއް މެދުވެރިވެއްޖެކަން ވަރުދާޔަށް އެނގުނު ކަހަލައެވެ.

[މޮޅު ފަންޑިތަވެރިޔަކު ހޯދަންވެއްޖެ. މިގޭތެރޭ ނާމާން ކަންތައްގަނޑެއް އެބަވޭ...މާޔާއަށް އެ އަޑުތައް އިވެނީ... އަހަންނަށްވެސް އަޑުއިވޭ...އަހަރެން ބިރުނުގަތަސް، މާޔާ ވަރަށް ބިރުން އުޅެނީ....] ރިޝްފާން އުނި އިތުރާއެކު މަންމައަށް ކިޔައިދިނެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން