ތިމަރަފުށީގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
ތިމަރަފުށީގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
ތ.ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން މަސައްކަތްކުރި މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނިންމައިފިއެވެ.

މި މައްސަލާގައި ދަޢުވާލިބޭ 8 މީހުންގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް މިއަދު ބޭއްވި މައްސަލައިގެ ބަންދު މުރާޖަޢާ އަޑުއެހުމުގައި އެދުމުން، މި 8 މީހުން ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް މައްސަލަ ބައްލަވާ ޤާޟީ ވަނީ ނިންމަވާފައެވެ.

ތ.ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން މަސައްކަތްކުރުމުގެ ތުހުމަތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވާފައިވަނީ ތ. ތިމަރަފުށި ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި ކެނެރީގެ އަލީ މުނީޒު، ތ. ތިމަރަފުށި އަސުރުމާގެ މުހައްމަދު އާސިރު، ތ. ތިމަރަފުށި އަސްރަފީވިލާ އަހްސަން މުހައްމަދު، ރ. މަޑުއްވަރި ބީޗްހައުސް އަބްދުﷲ އިމާދު، ތ. ތިމަރަފުށި ސައިމާ ޝަމާހު ޝަރީފް، ނ. ކުޑަފަރި ރޯޒްމީޑު އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ ފެހިވިލާ އަލީ އަރުހަމް މުހައްމަދުގެ މައްޗަށެވެ.

ނިރުބަވެރި އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ. ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން "އަމީރު" ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ، ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުމުގެ ސަބަބުންނެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ފަހު އައިއީޑީ ގޮއްވާލާ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވުމަށް ތައްޔާރީތައް ވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީނުތައް ހަދަމުންދިއުމުގެ ސަބަބުން ކަމަށް ޕީޖީން ބުނެއެވެ.

މީގެ އިތުރުން ވެސް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން ރާއްޖޭގެ އަމީރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާ ތ.ތިމަރަފުށީ ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

އަލީ އަރުހަމް މުހައްމަދުގެ މައްޗަށް މި މައްސަލައިގައި ކުރާ ތިން ދައުވާ އަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި، ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ. އަދި އަހްސަން މުހައްމަދުގެ މައްޗަށް ކުރާ ދެ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަައިގައި އަބްދުﷲ އިމާދުގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

އިބްރާހިމް ލޫތުގެ މައްޗަށް މި މައްސަލައިގައި ކޮށްފައިވާ ދެ ދައުވާ އަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝަމާހު ޝަރީފްގެ މައްޗަށް ކުރާ ދެ ދައުވާ އަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި މުހައްމަދު އާސިރުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އަދި އަލީ މުނީޒުގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ އަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ، މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރު ލިބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުޚާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން ކަމަށެވެ. އަދި އައިސިސްގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ގޮވާލައި ނިރުބަވެރި ޢަމަލެއް ހިންގުމަށް ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ ޚިޠާބާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވެއެވެ. މިގޮތުން 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން