އެންޑްރޫ ކުއޯމޯ
އެންޑްރޫ ކުއޯމޯ
ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގެ ނިއު ޔޯކަށް ކޯވިޑް-19 ވައިރަސް ވަނީ ޔޫރަޕުން ކަމަށާއި، ޗައިނާއިން ނޫންކަމުގައި ނިއު ޔޯކުގެ ގަވަރނަރ އެންޑްރޫ ކުއޯމޯ ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަވަރނަރ ކުއޯމޯ ހުކުރު ދުވަހު ވިދާޅުވީ ދިރާސާތަކުން ދައްކަނީ ނިއު ޔޯކަށް ވައިރަސް އެތެރެވީ ޔޫރަޕު މަގުންކަމަށާއި، ދަތުރުފަތުރު ކުރުން މަނާކުރުމުގެ ހާލަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވާފައިވަނީ މާ ލަހުން ކަމަށެވެ.

ނޯރތްއީސްޓަރން ޔުނިވަރސިޓީއިން ހެދި ދިރާސާއަކާ ހަވާލާދެއްވާ ކުއޯމޯ ވިދާޅުވީ މާރޗް 1 ގައި ނިއު ޔޯކުން ފެނުނު ކޯވިޑް-19ގެ ފުރަތަމަ ކޭސް ކަށަވަރުވުމާއި ހަމައަށް 10،000 އަށް ވުރެ ގިނަ ނިއުޔޯކުގެ ރައްޔިތުންނަށް ވައިރަސް ޖެހިފައިވާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އަދި ގަބޫލުކުރެވެނީ ބަލި އައީ ޔޫރަޕުގެ އިޓަލީވިލާތުން ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ގަވަރނަރ ކުއޯމޯ އިތުރަށް ވިދާޅުވީ ޗައިނާއިން އަންނަމީހުންނަށް އެމެރިކާގެ ދޮރުތައް ބަންދުކުރެވިފައިވަނީ ފެބްރުއަރީ މަހުގެ 2ވަނަ ދުވަހު ކަމަށާއި، މިއީ އެގައުމުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރޭކަން ހަބަރުތަކުން ރިޕޯޓުކުރަން ފެށިތާ 2 މަސް ފަސްކަމަށެވެ. އަދި އެމެރިކާގެ ވައިގެ ދޮރުތައް ބަންދުކޮށްފައިވަނީ ޖެހިގެން އައި މާރޗްމަހުގައެވެ.

ކުއޯމޯ ވިދާޅުވީ ޗައިނާއިން މީހުން އައުން މަނާކުރުމަކީ ރަނގަޅުކަމެކެވެ. އެހެންނަމަވެސް އެއިރު ވައިރަސް ޗައިނާއިން ބޭރަށް ދަތުރުކޮށްފައިވާކަން އޭނާ ފާހަގަ ކުރިއެވެ. ކުއޯމޯ ވިދާޅުވީ ޔޫރަޕުން ނިއު ޔޯކަށާއި ނިއު ޖަރޒީ އެއަރޕޯޓަށް ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި 2.2 މިލިއަނަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށެވެ. އެއިރު ޗައިނާއިން ވަނީ ބަލީގެ ބިރުވެރިކަން ރިޕޯޓުކުރަން ފަށާފައެވެ. ނަމަވެސް އެހެން ގައުމުތަކަށް އެމެރިކާ ބަންދުކުރުމުގައާއި، ފިޔަވަޅުތައް އެޅުމުގައި ލަސްވުމުގެ ސަބަބުން އެމެރިކާއިން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމުގައި ގަވަރނަރ ވިދާޅުވިއެވެ.

ޗައިނާގައި ފެތުރެން ފެށި ބަލިމަޑުކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މުޅި ދުނިޔެއަށް އޮޅުވާލާފައިވާކަމަށް ބުނެ، އެކަން ތަހުގީގުކުރުމަށް އެންގުމަށްފަހު، އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުންދިޔަ ފަންޑިންގ ކަނޑާލުމަކީ ރަނގަޅަށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވާ ކުއޯމޯވަނީ ޓްރަމްޕަށް ތައުރީފް ކުރައްވާފައެވެ.

އެމެރިކާއިން މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ އަދަދު މިލިއަނަކާއި ގާތްވެފައިވާއިރު، އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 2 ލައްކައާއް ގާތްކުރަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން