ރައްޔިތުންގެ މަޖިިލިސް
ރައްޔިތުންގެ މަޖިިލިސް
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ބޭނުންވާ ވަގުތީ ގާނޫނުގެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ތާވަލު ކުރި ލޯކަލް ކައުންސިލް އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަކަށް ފަސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އޭގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިންތިހާބު ފަސް ކުރުމުގެ ޚާއްސަ ޤާނޫނެއް އެކުލަވާލައި މަޖިލީހަށް ފޮނުވާފައެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލުގައިވާ ގޮތުން މި ބިލް ފާސްވުމުން އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވި ކުރިން އެމީހުން ތިބި މަގާމުތަކަށް ރުޖޫއަވާނެއެވެ. އަދި އެ މުވައްޒަފުންގެ ސަސްޕެންޝަން އަލުން ފެށޭނީ، އަލުން އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރާ ދުވަހުން ފެށިގެން ކަމަށް ބިލްގައި ވެއެވެ.

ބިލްގައި ވާގޮތުން އިންތިޚާބު ފަސްކުރި ނަމަވެސް ފަސްވެގެން ދާނީ ހަމައެކަނި އިންތިހާބުގެ ވޯޓުލުމުގެ ކަންކަމެވެ. އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް އިންތިޚާބަށް ކުރިމަތިލައި އިލެކްޝަން ކޮމިޝަނުން އިޢުލާން ކޮށްފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެއެވެ. އަދި އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލުމުން ގޮނޑި ކަށަވަރުވެފައިވާ ކެންޑިޑޭޓުންވެސް އެގޮތުގައި ދެމިތިބޭނެ ކަމަށާއި އެމީހުން މަގާމާ ހަވާލު ވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު އިންތިހާބުވާ މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައިވެއެވެ.

މީގެ އިތުރުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވިއެވެ.

ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވުމުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއް ގެނަސްގެން އެ ކަން ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ބިލެއް ހުށަހެޅުއްވި އެވެ. އެ ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.



ކިޔުންތެރިންގެ ހިޔާލު


10

ކިނބިހި

27-Apr-2020

މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން.. މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު 15 ވައްތަރުގެ ރިހަ ހަދަން ޖެހޭ ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..



ޓްރެންޑިން