އާގިލް މަރާލި މައްސަލާގައި ހައްޔަރުކުރި ހަމްދޫން ހަމްޒަތު-
އާގިލް މަރާލި މައްސަލާގައި ހައްޔަރުކުރި ހަމްދޫން ހަމްޒަތު-
ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލިކަން ސާބިތުވުމުން، އެ މައްސަލައިގައި ހައްޔަރުކުރި ލ. ފޮނަދޫ، ހިޔާ / ހަމްދޫން ހަމްޒަތު މަރަން ހުކުމް ކޮށްފިއެވެ.

ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، އޭނާގެ މައްޗަށް އާގިލް މަރާލިކަން ސާބިތުވެ، އާގިލްގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވުމުންނެވެ.

މި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ހަމްދޫން އާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ / އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ، ސްނޯބޯޑް / އިބްރާހިމް ވިޝާމްގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ. ނަމަވެސް، ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނީ ހަމްދޫން ހަމްޒަތު، 31 އޮގަސްޓު 2018 ދުވަހު 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑާ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްކުރި ވަގުތު އެ ލޯންޗުން ފޭބި އާގިލުއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށާއި، ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް އާގިލު ނިޔާވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގައި ހެކިވެރިޔަކު ބުނި ގޮތުގައި އެމްއެމްއޭ ސަރަހައްދުގައި ހަމްދޫނާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔައިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖްތަކުން ސާފުވެއެވެ. އަދި ވަޅި ހިފައިގެން އާގިލް ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާއި އެކު އާގިލް ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫން މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިނގިލި ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ފެނުން ކަމަށް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި ކުށް ސާބިތުވުމުން، އާގިލުގެ ވާރިސުންކަމުގައިވާ އޭނާގެ މަންމަ އާ ބައްޕަ ބޭނުންވީ ގިސާސް ހިފާށެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު އޭނާ މެރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުކުމް ކުރީ، އިއްޔެ އެވެ.



ކިޔުންތެރިންގެ ހިޔާލު