މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު)
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު)
ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންގެ އަަޑު އިއްވުމުގެ ފުރުސަތެއް ނުދޭ ކަމަށާއި، ހަމައެކަނި ދިނީ ސަރުކާރުން ދޭން ބޭނުންވީ މެސެޖު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު (އައްދު) ވިދާޅުވެއްޖެއެވެ.

އައްދު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަކުކުރުމަށް ރައީސް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން ކަމަށާއި، ރާއްޖޭގެ ކޮންމެ ރަށަކަށްގޮސްވެސް ހަމަ ބައްދަލުކުރެއްވީ ރައްޔިތުންނާ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރުމުގއ ކުރީގައި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަމުގެ ހިޔާލާ މަޝްވަރާ އަޑުއެއްސެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެއިން ކޮންމެ ކަމަކަށްވެސް ސަރުކާރުގެ ތެރެއިން އެޓެންޑު ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިހާރު ކުރިއަށް ގެންދާ ޖަލްސާތަކުގައި ރައްޔިތުންގެ ހިޔާލުތަކަާއި ޝަކުވާތަކާއި ސުވާލުތައް ކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އައްދު ވަނީ މާލޭ ރައްޔިތުން ވީމަ ވަކި ހާއްސަކަމެއް އޮތީތޯ ވިދާޅުވެ ސުވާލުކުރައްވާފަައެވެ.

"ރާއްޖެތެރޭ ރައްޔިތުންގާތަށް  މާގިނައިން ރައްޔިތުންގެ ފައިސާ އިސްރާފުކޮށް މިފަދަ ކެމްޕޭން ދަތުރުގޮސް، ރައްޔިތުން ކީއްކުރަން ރައްޔިތުން އިންތިހާބުކުރި ރައްޔިތުންގެ މަންދޫބުންނަށްވެސް ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތެއް އަދި މަޝްވަރާކުރުމުގެ ފުރުސަތެއްނުދޭ. ދިނީ ހަމަ އެކަނި ސަރުކާރުން ދޭން ބޭނުންވި މެސެޖެއް" އައްދު ވިދާޅުވިއެވެ.

އައްދު ވިދާޅުވީ މާލޭ މޭޔަރުކަން ޕާޓީއަށް ނެގުން ބާކީ ހުރިހާ ކައުންސިލް ގޮނޑި ނެގުމަށްވުރެން ސަރުކާރަށް މުހިއްމު ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި މި ކުރަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭނު ކަމަށް އައްްދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްދު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ރާއްޖެތެރޭ ރައްޔިތުންގެވެސް ވޯޓާއެކު ކަމަށެވެ. އަދި ވޯޓްހޯދަން މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޭއިރު، ރާއްޖެތެރޭ ރައްޔިތުންނަށް ލިބެނީ ލާރިކޮޅަކާއި ފެނަކަ ނުވަތަ ވެމްކޯގެ ވަޒީފާގަނޑެއް ކަމަށް ވިދާޅުވެ އައްދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު