ޞާދިރު ޢަލީދީދީ   13 އޭޕްރީލު 2021 - 14:19
ވޭނީކަރުނަ
ވޭނީކަރުނަ
70 ވަނަ ބައި

.................

[ތިޔަގޮތަކަށް ނޫނެވެ. އަޅުގަނޑުގެ ކުށްތައް މާފުކުރާ މަންމައަކު ކަމުގައި ވެލައްވާށެވެ. އަޅުގަނޑު ކޮށްފައިވާ ކުށްތަކުގެ ވާހަކަ އަދި އަޅުގަނޑު ނަމެއް ނުގަންނަމެވެ. އަޅުގަނޑު ކޮށްފައި ނުކުރަނީ ކޮންކަމެއްތޯއެވެ. މިއަދު އަޅުގަނޑުގެ މަންމައެއްނެތެވެ. މިއަދު އަޅުގަނޑަށް މާފުކުރާނީ ކާކުތޯއެވެ.... ވީމާ އަޅުގަނޑުގެ ޙަޤީޤީ މަންމައަކަށް ވެގެން ތިޔަ މަންމަ އަޅުގަނޑުގެ ހުރިހާކުށެއް މާފު ކޮށްދެއްވާށެވެ.]

[މާފަކީ ބުނެކިޔައިގެން ކުރާ އެއްޗެއް ނޫނެވެ. ކުޑަކުދިންނަށް މާފުކުރުމަކީ ބޮޑެތިމީހުންގެ ކަމެކެވެ. މިއަދަށް ފަހުގައި ތިޔައީ އަހަރެންގެ އަންހެން ދަރިފުޅެވެ.] މިހެން ބުނެފައި އޭނާ ރަމްލާ ގެނެސް މޭގައި ލައްކޮށްލިއެވެ.

ރަމްލާ މަޑުމަޑުން ދޮރުހުޅުވާލިއެވެ. މުޢާޒު ފިސާރި ފަރުވާތެރިކަމާއިއެކު މަސައްކަތުގައި އިނެވެ. ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ގެންދާ މަޑު މިޔުޒިކް، ދިރިއުޅުމުގެ އިޙްސާސްތައް ގެނެސްދެއެވެ.

މުޢާޒު އަތުގައި އޮތް ފަންސުރު ބާއްވާފައި އަނެއް އަތުން މިޔުޒިކް ބަންދުކޮށްލިއެވެ.

މުޢާޒު މަސައްކަތުގައި އިންނައިރު މީގެ ކުރިއަކުން މިކޮޓަރިއަށް ރަމްލާ އައިހެއް ނޫޅެއެވެ. އެހެންކަމުން މިއަދު ކުއްލިއަކަށް ރަމްލާ ކޮޓަރިއަށް ވަންތަން ފެނިފައި މުޢާޒު ސިހިއްޖެއެވެ.

ރަމްލާ އަތުވެއްޖެއެވެ. އެކަމަކު ސިހިފައި ހުރެއްޖެއެވެ. އެތެރެއަށް އޭނާއައީ އަމިއްލަ އިޚްތިޔާރެއްގައެއް ނޫނެވެ. އޭނާ ދަމާ އެތެރެއަށް ގެނައީ ކޮންފަދަ ބާރަކުން ކަމެއްވެސް ނޭނގެއެވެ.

ފޯނުގެ އަޑުއިވިފައި ރަމްލާ ހޭނެތޭން ފެށިފަހުން މުޢާޒު ނިދަނީ އޭނާގެ ސްޓަޑީ ރޫމްގައެވެ. ރޭގަނޑު ރަމްލާގެ ޙާލުބަލަން އަންނަނީވެސް އެތާނގައި އޮވެފައެވެ. މިގޮތުން އޭނާއަށްވަނީ ރޭގަނޑުގެ އެތައްދަމެއް ވަންދެން ހޭލާ އިނދެ މަސައްކަތް ކުރުމުގެ އާދަ ހިފިފައެވެ. އެކަމަކު މިގޮތަށް ރޭތައް ފާއިތުވެގެން ހިނގައިދާނެ ކަމަކަށް ފަހަރެއްގައިވެސް ރަމްލާ ހިއެއް ނުކުރެއެވެ.

މަންމަ ނިޔާވެގެން އުޅުނު ދުވަސްކޮޅުގެ ތެރޭގައި ރަމްލާ މޮޑަންޓައުނަށް އައިސްގޮސްއުޅެއެވެ. ބައްޕަ ނުލާހިކު ބައްޔެވެ.

ހަތަރު ފަރާތުން ހާސްކަން ފިޔަވާ އެހެން އެކައްޗެއްވެސް ނުވެއެވެ. އެހެންކަމުން މުޢާޒުގެ އާދަކާދަތަކާއިމެދު ފިކުރުކޮށްލާނެ ދަނޑިވަޅެއް ރަމްލާއަކަށް ނުލިބެއެވެ. އެކަމަކު މުޢާޒަށް ބަދަލެއް އައިނަމަ އޭނާއަށް އެކަން ފާހަގަކުރެވުނީހެވެ. މުޢާޒަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މަންމަ ނިޔާވެގެން އުޅުނުއިރު އެތަނަށްގޮސް ތިމާގެ އެހެން މީހުނެކޭ އެއްގޮތަށް ކަންތައް ތަކުގައި ބައިވެރިވެގެން އުޅުނެވެ. ބައްޕައާއިމެދު އެހާވަރަށް ކަމޭހިތިއެވެ. ކޮންމެ ދުވަހަކު ޑަކްޓަރަކު ގެންގޮސްގެން ބައްޕަ ދައްކައެވެ. އެތައް އިރެއްވަންދެން އެތާނގައި އިނދެއެވެ. ރަމްލާ ގެއަށްދާން ބޭނުންވެއްޖެއްޔާ އޭނާ ގޮވައިގެން ގެއަށް ދެއެވެ. އޭނާގެ ތިމާގެ އެހެނިހެން މީހުންނާމެދު ޢިއްޒަތްތެރިކޮށް ހިތައެވެ. މިހާރު ރަމްލާގެ ލޯހުޅުވިއްޖެއެވެ. މިހާރު އޭނާއަށް އިންސާނުންގެ ތަފާތު އެނގިއްޖެއެވެ. މިހާރު އޭނާ މުޢާޒުގެ އެކަހެރި ޠަބީޢަތާމެދު ވިސްނަމުން ގެންދަނީއެވެ. ފިރިހެނުންގެ ތެރޭގައިވެސް އެތައް ވައްތަރެއްގެ ބަޔަކުއެޅޭކަން މިހާރު ރަމްލާއަށް އެނގިއްޖެއެވެ. އެކަމަކު އޭގެ އަޑީގައި ހަމަނުޖެހުމެއްވެސް އެބަވެއެވެ. ކަމެއް ދެނެގަތުމަށްޓަކާ އެހެންކަމެއް ހަލާކުކޮށްލަން ޖެހެނީ ކީއްވެގެން ހެއްޔެވެ. ދުނިޔޭގައި ކޮންމެ އެއްޗަކަށް ވަކިއަގެއް ކަނޑައެޅިފައި މިވަނީ ކީއްވެގެން ހެއްޔެވެ.

އެތަކެއްރޭއްސުރެ އޭނާ ހަމަނިންޖެއް ނުނިދައެވެ. އޭނާގެ ޙަޔާތަށް މިއައި ބަދަލާއިމެދު ފިކުރުކުރަނީއެވެ. އޭނާއަށް ނުބައިގޮތަކަށް އެކަން އިޙްސާސް ކުރެވެނީއެވެ. މުޢާޒުގެ ކޮޓަރިއަށްގޮސް އޭނާކުރަނީ ކީއްތޯ ބަލާލަން އެތައް ފަހަރަކު އޭނާގެ އެރިއެވެ.

އެކަމަކު ހަމަކޮންމެ ފަހަރަކު ލަދުވެތިކަން އޭނާގެފައިގައި ހިފަހައްޓަނީއެވެ. އޭނާ އެއްގޮތަކަށްވެސް އެކޮޓަރިއަށް ގޮހެއް ނޫޅެއެވެ. ވީއިރު މިހާރު އޭނާ ދިއުމުން މުޢާޒު ބުނާނީ ކީކޭ ހެއްޔެވެ.

އެކަމަކު މިއަދު އެ އުތުރިއަރައިގަތީ ކޮންކަހަލަ ޖަޒުބާތެއްކަމެއް ނޭނގެއެވެ. އޭނާ ކުއްލިއަކަށް ދޮރުހުޅުވާލާފައި އެތެރެއަށްވަދެ މުޢާޒުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. މުޢާޒު ކެސެޓް ނިއްވާލާފައި ސުވާލުގެ ބެލުމަކުން ބަލާލުމުން އޭނާ ކަންބޮޑުވެއްޖެއެވެ. ކުރަން އައި ކަންތައް ހަނދާން ނެތިއްޖެއެވެ.

އިރުކޮޅެއް ވަންދެން އޭނާގެ މޫނަށް ބަލަހައްޓައިގެން މުޢާޒު އިނެވެ. ރަމްލާ އެއްޗެކޭ ނުބުނުމުން ޚުދް އޭނާ ސުވާލުކުރިއެވެ.

[ޙާލު ރަނގަޅު ހެއްޔެވެ؟]

[ލައްބައެވެ......] ރަމްލާ ލަދުގަންނަގޮތް ވެއްޖެއެވެ.

[މަސައްކަތުގައި އިންނަވާތާ ވަރަށް ގިނައިރުވެއްޖެ ނޫންތޯއެވެ. ސައިތަށްޓެއް ނުވަތަ ކޮފީ ތަށްޓެއް ގެންނަން ތޯއެވެ.]

މުޢާޒު ބާރަށް ހީނގަތެވެ.

[އަހަރެން މިގޮތަށް މަސައްކަތްކުރާތާ ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ. އެކަމަކު މީގެކުރިން ދުވަހަކުވެސް ސައިގެ ވާހަކައެއް ކޮފީގެ ވާހަކައެއް ނުދައްކަމުއެވެ.]

ރަމްލާ ތުންފަތް ހަފަންފަށައިފިއެވެ. މުޢާޒު އެހެންބުނީ ވަރަށް ސާދާގޮތަކަށެވެ. އެކަމަކު އެއީ މަލާމާތުގެ ބަސްތަކެއް ކަމުގައި ރަމްލާއަށް ހީކުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ރަމްލާ ނެގިމަޑުވެފައި ހުރިތަން ދެކެފައި މުޢާޒު ބުންޏެވެ.

[ނޫނެކެވެ! ރަމްލާއެވެ! ޝުކުރިއްޔާއެވެ! އަހަރެން މަސައްކަތުގައި އިންނަ ވަގުތު އެކައްޗެއްވެސް ބޭނުމެއް ނުވެއެވެ.

ޝުކުރިއްޔާ އާދަކުރުމުގައި ކިހާވަރަކަށް ކުރަކި ރާގު އެބަހުރި ހެއްޔެވެ. މިރާގުގައި އެކުލެވިފައިވަނީ މުޅިން ހިލޭ ގޮތެކެވެ.... ރަމްލާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެކަމަކު ހަމައެހުރި ތާނގައި އެހުރީ ކީއްވެގެންކަމެއް ނޭނގެއެވެ.

މުޢާޒު އިސްދަށަށް ޖަހައިގެން މަސައްކަތް ކުރަން ފަށައިފިއެވެ.

ރަމްލާ ކޮޓަރިތެރެއަށް ކަޅި ހިންގާލިއެވެ. މިކޮޓަރީގައި އަބަދުވެސް އެނދެއް ހުރެއެވެ. ބައެއް ފަހަރަށް މުޢާޒު މިއެނދުގައި އޮވެގެން ފޮތްކިޔާ ހަދައެވެ. މިހާރު އޭނާ ނިދަނީވެސް މިއެނދުގައެވެ.

ރަމްލާ އަމިއްލަ ނަފްސަށް މަލާމާތްކުރަން ފަށައިފިއެވެ. ވަރަށް ހިތްވަރާއިއެކު އޭނާ މިކޮޓަރިއަށް އަތުވެއްޖެއެވެ. އެކަމަކު އިސްވެ ވާހަކައެއް ނުދެއްކުނެވެ. ފެށުނީއްސުރެވެސް އޭނާއަކީ މުޢާޒުއާ އިސްވެ ވާހަކަ ދައްކާ ހީނސަމާސާކުރާ މީހަކު ކަމުގައިވިނަމަ މިއަދު އޭނާގެ ހިތުގައިވާ ހަމަނުޖެހުން ފިލުވާލެވިއްޖައީހެވެ. އޭނާއަށް ސަމާސާކޮށް ޒުވާބުކުރުމުގެ ވައްތަރުގަނޑެއްވެސް ނޭނގެއެވެ. މުޢާޒު، ރަމްލާއަކަށް އެކަހަލަ ދަނޑިވަޅެއް ނުމެދެއެވެ. ވީއިރު އޭނާއަށް އެގޮތަށް ކަންތައް ކުރެވޭނީ ކިހިނެއް ހެއްޔެވެ.

އިރުގަނޑެއް ކޮށްލާފައި މުޢާޒު އިސްއުފުލާ ބަލާލިއިރު ހަމައެހުރި ތާނގައި ރަމްލާ ހުއްޓެވެ. މުޢާޒު އެއްޗެކޭ ބުނުމުގެ ކުރިން އޭނާ ކޮންމެވެސް ވާހަކައެއް ބުނަން އުޅުނެވެ.

[މުޢާޒު....... މުޢާޒު ނިދިކުރައްވާނީ މިކޮޓަރީގައި ތޯއެވެ؟]

[އާނއެކެވެ.....] މުޢާޒު އިސްޖަހާލިއެވެ. [މިދުވަސްކޮޅު ތަންކޮޅެއް މަސައްކަތް ގިނައީއެވެ.]

[ކުރީގައިވެސް މަސައްކަތް އޮވޭ ނޫންތޯއެވެ. އެކަމަކު މަސައްކަތް ނިންމަވާފައި މިފަރާތަށް ދުރުވަނީއެވެ.]

މުޢާޒު ކުއްލިއަކަށް ރަމްލާގެ މޫނަށް ބަލާލިއެވެ. އެއާއިއެކު ރަމްލާ ތުންފަތް ހަފަން ފަށައިފިއެވެ.

މުޢާޒު އެތައް އިރެއްވަންދެން ރަމްލާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ޙައިރާންވެފައެވެ..... އޭނާ ހީނލާފައި ބުންޏެވެ.

[ކުރީގައި އެނގިފައިނުވާ ކިތަންމެކަމެއް މިހާރު އެބަ އެނގެއެވެ.]

ރަމްލާގެ ހިތް ތެޅިގަތެވެ. މުޢާޒު އިސްޖަހާލައިގެން އަނެއްކާވެސް ގަނޑުތައް އުކަން ފަށައިފިއެވެ. ރަމްލާ ދޮރުކަނީގައި ހިފަހައްޓައިގެން ހުރެއްޖެއެވެ.

[މުޢާޒު........] އިރުކޮޅެއް ކޮށްލާފައި ހިތްވަރާއެކު ރަމްލާ ބުންޏެވެ. [މުޢާޒު އަދިވެސް ތިޔަ ހުންނަވަނީ ރުޅި ދުރުވެފައިތޯއެވެ.]

[ނޫނެކެވެ....] މުޢާޒު އަނެއްކާވެސް އިސް އުފުލާފިއެވެ. [ރަމްލާއެވެ. އަހަރެން ރުޅިއެއްނޫނެވެ. ތިޔަ ޢުމުރުގެ އަންހެން ކުދިންނަށް އެކަހަލަ ކުށް ކުރެވޭނެއެވެ. އަދި ރަމްލާއަކީ ވަރަށް ޅަކުއްޖެކެވެ. އެކަމަކު މަޑުމަޑުންގޮސް ދިރިއުޅުމަކީ ކޮންކަހަލަ ކަމެއްކަން އެނގިދާނެއެވެ. އަހަރެން ބޭނުންވަނީ ވިސްނުމަށްޓަކާ ވަގުތު ދިނުމަށެވެ. އަހަންނަކީ ހިތްއަވަސް މީހެއް ނޫނެވެ. އެކަމަކު......] އޭނާ ވާހަކަ މެދުކަނޑާލިއެވެ. އަނެއްކާވެސް ބުންޏެވެ. ]ރަމްލާއަށް އަހަރެން ރަނގަޅު ނޫންކަން އެނގުނު ހިނދުން ފެށިގެން ރަމްލާގެ ކައިރިއަށްގޮސް ނޫޅުމަށް އަހަރެން މިހިރީ ނިންމައިގެންނެވެ. އެއްވެސް ކަމަކާނުލާ އުނދަގޫކުރަން ބޭނުންނުވަނީއެވެ. ކުރެވުނު އުނދަގުލެއް ކުރެވުނީ ނޭނގުމުގެ ތެރޭގައެވެ.

ރަމްލާގެ ކަރުތެރޭގައި އަނެއްކާވެސް އެއްޗެއް ތާށިވި ކަހަލައެވެ. އޭނާ ބޭއިޚްތިޔާރުގައި އެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު އެކައްޗެކޭވެސް ނުބުނެވުނެވެ.

ކަރުތެރޭގައި ދަވަހެދި ހިރުވާގޮތް ވެއްޖެއްޔާ ލޮލުންވެސް ފެން އަންނާނެއެވެ. މިއީ ހިތާމައިގެ އިންތިހާއެވެ. އޭނާ ދޮރުފަތުގައި ހިފަހައްޓައިގެން ހުރީއެވެ. އަތް ތުރުތުރު އަޅައެވެ. މޫނުމަތީގެ ކުލަފަނޑުވަމުން ދިޔައެވެ. ބާރުބާރަށް ހިތް ވިންދު ޖަހައެވެ.

އޭނާގެ ކުރިމަތީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ އެދިޔަގޮތަށްގޮސް މޭޒު މައްޗަށް އަރާ އިށީނުމެވެ. މުޢާޒުގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި އިސްއުފުލާލުމެވެ. އަދި އެއްވެސް އިޚްތިޔާރަކާނުލާ އޭނާ ގެނެސް މޭގައި ޖައްސާލުމެވެ. އެއާއިއެކު...... އަދި މުޢާޒު ގާތުގައި ބުނުމެވެ. [އަހަންނަކަށް ލޯބިކުރުމުގެ ވައްތަރުގަނޑެއް ނޭނގެއެވެ. ލޯބިކުރާކަށް ނޭނގެއެވެ. އިންސާނުން ދެނެގަންނާކަށް އަހަންނަކަށް ނޭނގޭއެވެ.]

އަނެއްގޮތަކީ އޭނާގެ ކައިރިއަށްގޮސް ފައިމައްޗަށް ތިރިވެފައި ބުނުމެވެ.

[އަންހެނުންގެ ދުލެއްނުހުރެއެވެ. އަންހެނަކަށް އެއްވެސް ޢިބާރާތަކުން ލޯބި ފާޅެއް ނުކުރެވޭނެނެވެ. އަންހެނަކު މުޅި ޙަޔާތުގައި ފިރިހެނަކަށްޓަކާ މަރުދީފާނެއެވެ. އެމީހެއްގެ އަނިޔާތަކަށް ކެތްކޮށްފާނެއެވެ. އެކަމަކު މުޅި ޢުމުރުގައިވެސް އަހަރެން ކަލޭދެކެ ލޯބިވެއެކޭ ނުބުނެވޭނެއެވެ. އަންހެނުން ތިމާމެންގެ ލޯބިފާޅުކުރަނީ އެހެން ރޮނގަކުންނެވެ.

ކަރުނައިގެ ފައްވާރާގެ ތެރޭގައި ހިނިތުންވުމާ، ބަހާރު މޫސުމުގައި ހިތްހަލާކުކޮށް ލޭއޮހޮރުވުމަކީ އަންހެނެއްގެ ލޯބި ފާޅުކޮށްދޭ އެއް ވަސީލަތެވެ.

އެއީ އެމީހުންގެ ގަވައިދެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 212 އިން 214 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން