ޞާދިރު ޢަލީދީދީ   14 އޭޕްރީލު 2021 - 13:12
ވޭނީކަރުނަ
ވޭނީކަރުނަ
71 ވަނަ ބައި

.................

އަންހެނަކަށް އެއްވެސް ޢިބާރާތަކުން ލޯބި ފާޅެއް ނުކުރެވޭނެނެވެ. އަންހެނަކު މުޅި ޙަޔާތުގައި ފިރިހެނަކަށްޓަކާ މަރުދީފާނެއެވެ. އެމީހެއްގެ އަނިޔާތަކަށް ކެތްކޮށްފާނެއެވެ. އެކަމަކު މުޅި ޢުމުރުގައިވެސް އަހަރެން ކަލޭދެކެ ލޯބިވެއެކޭ ނުބުނެވޭނެއެވެ. އަންހެނުން ތިމާމެންގެ ލޯބިފާޅުކުރަނީ އެހެން ރޮނގަކުންނެވެ.

ކަރުނައިގެ ފައްވާރާގެ ތެރޭގައި ހިނިތުންވުމާ، ބަހާރު މޫސުމުގައި ހިތްހަލާކުކޮށް ލޭއޮހޮރުވުމަކީ އަންހެނެއްގެ ލޯބި ފާޅުކޮށްދޭ އެއް ވަސީލަތެވެ. އެއީ އެމީހުންގެ ގަވައިދެވެ.

ދަރިފުޅާއެވެ. ތައްޔާރުވެއްޖެ ހެއްޔެވެ؟]

މަންމަ އައިސް ރަމްލާގެ ކޮޓަރިއަށް ބޯދިއްކޮށްލިއެވެ.

[ލައްބައެވެ......]

ރަމްލާ ކުޑަސޮރުގެ ހެދުން ޓުކުރި ހިފަގެން ބޭރަށް އަތުވެއްޖެއެވެ. އެހެން ހުރިހާ އެއްޗެތިހުރީ ބޭރަށް ނެރެފައެވެ. އެވަގުތު މުޢާޒު ކާރުގައި އައިސް ޕޯޓިކޯއަށް މަޑުކޮށްލާފައި ފައިބައިފިއެވެ. އަދި ނޯކަރާ ދެމީހުންވެގެން ޑިކީއަށް ސާމާނުތައް ލާން ފަށައިފިއެވެ.

މިއަދު ރަމްލާ، މުޢާޒުއާ މަންމައާއެކު ފުރަތަމަ ފަހަރަށް އަވަށަށް ދަނީއެވެ. އޭނާ އޮތީ މަންމަ ގާތުން އަވަށާބެހޭ ވަރަށްގިނަ ވާހަކަ އަހާފައެވެ. އެއްފަހަރަކު މުޢާޒުވެސް މަންމައާއެކު އަވަށަށް ދިޔައެވެ. އެކަމަކު އޭރު މުޢާޒާއެކު ދާހިތެއް އަދި އަވަށަށް ދިއުމުގެ ޝައުޤުވެރި ކަމެއްވެސް އޭނާގެ ކިބައަކު ނެތެވެ.

ހުސްވި ހަފުތާގައި މަންމަ ބުނެފައިއޮތީ އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެނަކު އަވަށުގައި އުޅޭކަމާ އޭނާގެ ދަރިއެއްގެ ކައިވެންޏަށް ދާންޖެހޭނޭ ކަމުގައެވެ. އާއެކު ރަމްލާވެސް ދާން ތައްޔާރުވީއެވެ. އޭނާ ބުންޏެވެ.

[މަންމާއެވެ. އަޅުގަނޑުވެސް މަންމަގެ އަވަށަށް ދާހިތްވެއެވެ. އަޅުގަނޑު ގެންދަވާށެވެ.]

މިއަޑު އަހާފައި މުޢާޒު އައިސް ބުނަން ފެށިއެވެ.

[ރަމްލާއެވެ. ރަމްލާއަށް އަވަށްގަނޑުގައި އުޅެވިދާނެ ހެއްޔެވެ؟]

ރަމްލާ ވަރަށް އުފާވެފައި އިސް އުފުލާލިއެވެ. އަދި ހިނިތުން ވެލާފައި ބުންޏެވެ.

[ނޫޅެވޭނީ ކީއްވެގެން ތޯއެވެ. އަވަށުގައި ވަނީ ކޮންކަމެއްތޯއެވެ.]

[އަވަށްގަނޑުގައި މިކަހަލަ ފަސޭހަތަކެއް ލިބޭކަށް ނުހުންނާނެއެވެ.]

[އެކަމަކު އެތާނގައި މަންމައާއި މުޢާޒު އަޅުއްވާނަމެއް ނޫންތޯއެވެ.]

ބުނަން އުޅުނު ވާހަކަ ރަމްލާ ބުނެފިއެވެ. އެކަމަކު ކުއްލިއަކަށް އޭނާގެ މޫނު ރަތްވެގެން ހިނގައްޖެއެވެ. ދެން އަނެއްކާވެސް ހަމަ އަވަހަށް ބުންޏެވެ. [އަޅުގަނޑުމެން މިދަނީ މުޅި ޢުމުރަށް އެތާނގައި ތިބޭގޮތަކަށް ނޫނެއް ނޫންތޯއެވެ.]

މުޢާޒު އެކައްޗެކޭވެސް ނުބުނެއެވެ. އޭނާ ބޭރަށް ނުކުމެއްޖެއެވެ. ދެންމެ ބުނިކަހަލަ އެއްޗެއް ބުނެލާނަމޭ ރަމްލާގެ ހިތަށްއެރިއެވެ. ކުރީގައި މުޢާޒު ރަމްލާއާ އެކުގައި ދަތުރުކުރާ ހިތް ވަރަށްބޮޑަށް ވެއެވެ. ދަތުރު މަތީގައި ވަރަށްބޮޑަށް ހީސަމާސާކުރާ ހިތްވެއެވެ. އެއްފަހަރު ރަމްލާ މުޢާޒުއާއެކު ޕަންޑީއަށް ދިޔައެވެ. އަދި އެދަތުރުގައި މުޢާޒު އުފާވިވަރު ރަމްލާއަށް އަންދާޒާ ކުރެވެއެވެ. ރަމްލާ ބޭނުންވަނީ އޭނާ ދާނޭ ވާހަކަ ބުނުމުން ކުރިއެކޭވެސް އެއްފަދައިން މުޢާޒު އުފާވުމެވެ. ބައެއް ފަހަރު ފުރަގަހުން އައިސް އޭނާއާ ތޮޅެލުމެވެ. ނޫނީ ކޮންމެވެސް އުފާވެރި ޖުމްލައެއް ބުނެލުމެވެ. އަދި އެންމެ ކުޑަވެގެން އޭނާގެ މިބަދަލާއިމެދު ކޮންމެވެސް ސުވާލެއް ކޮށްލުމެވެ..... އެކަމަކު މުޢާޒު އެކައްޗެކޭވެސް ނުބުންޏެވެ. ހީވާގޮތުން އޭނާގެ ކޮންމެ އުފަލެއްގެ ކުރިމަތީގައި އިސްދަށަށް ޖަހާލުން ނޫން އެހެން އެއްވެސް ކަމެއް ކޮށްލަން ނޭނގެނީއެވެ.

މުޢާޒު ހުރިހާ ސާމާނެއް ޑިކީއަށް ލައިފިއެވެ. މަންމަ މަޢޫޒު ގޮވައިގެން ފަހަތު ސީޓުގައި އިށީނދެއްޖެއެވެ. ރަމްލާ މުޢާޒު ކައިރީ ކުރީސީޓުގައި އިށީނދެއްޖެއެވެ. އަދި ބަރާބަރު އެގާރަ ޖެހިއިރު އެމީހުން ދަތުރަށް ފަށައިފިއެވެ.

ހިމޭންކަމާއިއެކު މަގުތައް ކަޑައްތުވަމުން ދިޔައެވެ. ބައެއް ފަހަރު މަންމަ އޭނާގެ ބިންތަކާ ބެހޭގޮތުން މުޢާޒުގާތު ކޮންމެވެސް ވާހަކައެއް ދައްކާލައެވެ. އެހެންނޫނީ މަޢޫޒު އަޑުލައްވަން ފަށައެވެ. ބައެއްފަހަރު ރަމްލާ މަޢޫޒު ގެނެސް އުނގުފައި ބައިންދައެވެ. އަދި ހުންގާނާކުޅެ މުޢާޒަށް އުނދަގޫ ކުރަން ފެށުމުން އަނެއްކާވެސް މަންމަ އޭނާގެ ގެނެސް އުރާލައެވެ.

ކުޑަ އިރުކޮޅަކަށްފަހު މަޢޫޒު ބޮޑާހާކާފައި ރޯން ފަށައިފިއެވެ. އަދި ހުއްޓާނުލާ ގަދައަށް ރޯންފެށުމުން ރަމްލާ އުރާލައިފިއެވެ.

މަޢޫޒުގެ ޖަނގިޔާ ތެމިފައި އޮތްހެން ހީވުމުން ރަމްލާ މުޢާޒުއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

[ފެން ލިބެންހުރި ރަނގަޅު ތަނަކަށް މަޑުކޮށްލައްވަން ވީނޫންތޯއެވެ. މިސޮރުގެ ޖަނގިޔާ މިހިރީ ތެމިފައެވެ. ނުދޮއްވާހާ ހިނދަކު ދެން ހުއްޓައެއް ނުލާނެއެވެ.

މުޢާޒު ހަމައެކަނި ބޯޖަހާލިއެވެ.

އިރުކޮޅަކު ދުއްވުމަށްފަހު މުޢާޒު ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަދި މަގުގެ އެއްފަރާތަށް މަޑުކޮށްލާފައި ބުންޏެވެ.

[ކުރިމަތިން އެފެންނަނީ ވަޅެކެވެ. މަޢޫޒު ގޮވައިގެންގޮސް ތާހިރުކޮށްގެން އަންނާށެވެ.]

ރަމްލާމަޢޫޒު ގޮވައިގެން ކާރުން ފައިބައިފިއެވެ. ދެފިޔަވަޅެއް އަޅާފައި ކުއްލިއަކަށް ސިހިއްޖެއެވެ. ތަންކޮޅެއް ދުރުގައި މީހުންތަކެއް އެއްވެ ތިއްބެވެ. ކާރުން ރީތި އަންހެންކުއްޖަކު ފޭބިތަން ފެނިފައި އެމީހުން ކައިރިއަށް ޖެހިލައިފިއެވެ.

ތަފާތު ހެދުން ތަކުގައި ތިބި ދޫނުބައި ޖާހިލު ބައެކެވެ. އެހެންކަމުން މަގުމަތީގައި ތިބެގެން ކޮޅުކޮޅަށް ހިނގާ މީހުންނާއި ދިމާކޮށް ތަފާތު ގޮތްގޮތަށް އުއްމީދުތައް ފާޅުކުރުމަން ގެންދަނީއެވެ.

ރަމްލާ މިގޮތަށް އަންނަތަން ފެނިފައި އެތަނުން އެކަކު ހިތާ ދިމާއަށް މޭމަތީގައި އަތް ޖައްސާލިއެވެ.

ދެވަނަ މީހާ ބުންޏެވެ.

[ރަޙްމަތްތެރިޔާއެވެ. ނިކަން ސިގިރެޓެއް ދީބަލާށެވެ. ވަރަށްބޮޑަށް ބޭނުން ވެއްޖެއެވެ.]

ތިންވަނަ މީހާ ކަޅިޖަހާނުލާ ރަމްލާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ހަރުއަޑުން ބުންޏެވެ.

[ކަލޭމެން ރޭގެ ފިލްމު ބެލީމު ހެއްޔެވެ. ވަރަށް ފައްކާ ފިލްމެކެވެ.]

ދެންއެންމެން މަޖާވެފައި ހޭން ފަށައިފިއެވެ.

ރަމްލާ ކައިރިންލާފައި ދާން ފެށުމުން އެކަކު އަނެކަކު ކަރާކަރު ޖައްސާ ސަލާންކުރަން ފަށައިފިއެވެ. އަދި ހީނލާފައި ބުންޏެވެ.

[މެޔަށް ފިނިކަން ދީފިއެވެ.]

ރަމްލާ ކުރިއަށް ދިޔައެވެ.

އަނެއްކާވެސް އެތަނުން އެކަކު ބުންޏެވެ.

[މަގުން ތަން ދައްކާށެވެ.........]

އަނެކަކު ބުންޏެވެ.

[އަހަރެން ކަލެއަށްޓަކާ ޤުރްބާން ވެދާނަމެވެ. މުޅި މަގު މިއޮތީ ކަލެއަށް ހިތަކަށް ދީފައެވެ.]

ރަމްލާގެ މޫނު ރަތްވެގެން ހިނގައްޖެއެވެ. އޭނާ ވަރަށް ކަންބޮޑުވެފައި އެނބުރި ކާރާދިމާއަށް ބަލާލިއެވެ. މުޢާޒު ބަލަހައްޓިގެން އިނެވެ.

މިގޮތްކުޑަ ބައިގަނޑުގެ ތެރޭންލާފައި ވަޅާހަމައަށް ދިޔުން އޭނާއަށް ދަތިވެއްޖެއެވެ. ކޮންމެ އަންހެނަކީ މީހެއްގެ މަންމައެކެވެ. ދައްތައެކެވެ. އަންބެކެވެ. އަދި ކޮންމެފިރިހެނެއްގެ ގޭގައި މަންމައެއް ނުވަތަ އަންހެން ކޮއްކޮއެއް ނުވަތަ އަންހެން ދަރިޔަކު އުޅޭނެއެވެ. އެކަމަކުވެސް ހަމަ އަންހެނަކު ފެންނައިރަށް ކަޅިއަޅައި ގަންނަން ވެދާނެ ހެއްޔެވެ؟ ރަމްލާ ހާސްކަމާއިއެކު ވިސްނާލިއެވެ. މަޢޫޒު ތެޅިފޮޅެނީއެވެ. ދެމިގަނެގެން ބިންމައްޗަށް ފައިބާން އުޅެނީއެވެ.

ހަމައެވަގުތު ކުއްލިއަކަށް މުޢާޒު ކާރުން ފައިބައިފިއެވެ. ރަމްލާގެ ޙާލުފެނިފައި ނޫންކަމެއްވެސް ނޭނގެއެވެ. އޭނާގެ އަތުގައި ތުވާއްޔެއް އޮތެވެ. އޭނާ ރަމްލާއާ ދިމާއަށް ހިނގައިގަތެވެ. މުޢާޒު އަންނަތަން ދެކެފައި އެތަނުގައި ތިބި ހުރިހާ ފިރިހެނުން ފަރާތް ފަރާތަށް ޖެހެން ފަށައިފިއެވެ. މުޢާޒު ބާރަށް ހިނގާފައި އައިސް ރަމްލާއާ އަރާ ހަމަކޮށްފިއެވެ. ރަމްލާއަށް ހީވީ ގަދައަވީގައި ބޯފިއްސަމުން ދަނިކޮށް ކުއްލިއަކަށް ފިނި ސަނދުވާއެއް އޭނާގެ ބޮލަށް ހިޔަނިއެޅީ ކަމުގައެވެ. އަދިވެސް އޭނާ ހުރީ ލޯކަޅު އައިނު އަޅައިގެންނެވެ. ގަދަ އަވީގެ ސަބަބުން އޭނާގެ މޫނުމަތިން ދިހުން އަރައެވެ.

ފިރިމީހާއަކީ އުޑެވެ. އަނބިމީހާއަކީ ބިމެވެ. ކޮންމެ އުޑަކަށް ބިމެއްވެއެވެ. އަދި އެއްވެސް ބިމެއް އުޑަކާ ނުލާނުވެއެވެ. އުޑާބިމުގެ ގުޅުން އަބަދަށްޓަކާ ދެމިގެންވެއެވެ. އުޑާބިމުގެ ނަން އެކުއެކުގައި އާދެއެވެ. ބިން މަޑުވެ ބަރުވާގޮތް ވެއްޖެއްޔާ އުޑު އޭގެ މައްޗަށް އިސްޖެހި ލެނބިގެން އާދެއެވެ........ އުޑާ ބިމުގެ މިޙަޤީޤަތއިމެދު އެއްވެސް މީހަކަށް އިންކާރު ކުރެވިދާނެ ހެއްޔެވެ.

ރަމްލާ މަޢޫޒުގެ ހެދުން ބާލުވާފައި ބިންމަތީގައި ބެހެއްޓުމުން މުޢާޒު އަނެއް ފަރާތުން އައިސް ޕަމްޕް ހަލުވަން ފަށައިފިއެވެ. މިވަގުތު އޭނާއަކީ ހަމައެކަނި ބައްޕައެކެވެ. އަންހެނެއްގެ ފިރިއެކެވެ. އޭނާއަކީ ވިސްނުންތޫނު އޮފިސަރެއްކަމުގެ އެއްވެސް ހެއްކެއް އޭނާގެ މޫނު މައްޗަކުން ނުފެނެއެވެ.

ރަމްލާ މަޢޫޒު ރަނގަޅަށް ދޮއްވުމަށްފަހު ތުވާލު އޮޅާލާފައި މުޢާޒުއާ ދިމާއަށް ދިއްކޮށްލިއެވެ. މުޢާޒު އަވަހަށް ދަރިފުޅު އުރާލައިފިއެވެ. ދެން އޭނާގެ ތެމިފައިވާ މޫނުން ދޮނެއް ނެގިނެވެ. މިކުދިންނަކީވެސް އަޖައިބެއްފަދަ ބައެކެވެ.

އިންސާނުން އިންސާނަކަށްވުމުގެ ސަބަބެކެވެ....!

މުޢާޒު ދަރިފުޅު ގޮވައިގެން ކާރާދިމާއަށް ހިނގައްޖެއެވެ. ރަމްލާ ގަސްތުކުރީ ހަޑިވެފައި އޮތް ޖަނގިޔާ ދޮވެލައިގެން ދިއުމަށެވެ. އެހެންކަމުން އެއްއަތުން ޕަމްޕްހަލުވަމުން އަނެއް އަތުން ދޮވުނެވެ. އެއާއެކު އޭނާގެ ހިތުގައި ތަފާތު ކަންތައްތައް ބުރުޖަހަމުން ދިޔައެވެ.

ކުއްލިއަކަށް ކުރީގެ ކަންތައްތައް އޭނާއަށް ހަނދާން ކުރެވިއްޖެއެވެ.

ރަމްލާ އެނބުރި އައިސް ކާރުގައި އިށީނދެއްޖެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 215 އިން 217 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން