ޞާދިރު ޢަލީދީދީ   18 އޭޕްރީލު 2021 - 13:35
ވޭނީކަރުނަ
ވޭނީކަރުނަ
73 ވަނަ ބައި

.................

[ކޮއްކޯއެވެ. އިންސާނުންނަށްޓަކާ ކިތަންމެކަމެއް ކުރެވިދާނެއެވެ.] [އެކަމަކު އަޅުގަނޑަށް ދެއަހަރު ދުވަހުގެ މުހުލަތު ދިނުމުގައި އޮތީ ކޮންގެއްލުމެއް ތޯއެވެ؟]

ޙަބީބާ ހޭންފަށައިފިއެވެ.

[މި ޅަޢުމުރުގެ ކައިވެންޏަކީ ވަރަށް ވިޔާނުދާ އެއްޗެކެވެ.] ޙަފްޞާ ރޮމުން ބުންޏެވެ. [އަޅުގަނޑު ކިޔެވުން ދޫކޮށްނުލައިފިނަމަ ކައިވެނި ރޫޅާލާނަމޭ މުރާދުއޮތީ ސާފުބަހުން ބުނެފައެވެ. މިއީ އަޅުގަނޑަށް ލިބޭ އަނިޔާއެއް ނޫންތޯއެވެ.] [މިހާރު ދެން ތިޔަކަހަލަ ގޮތްގޮތަށް ނުވިސްނާށެވެ.] ޙަބީބާ ބުންޏެވެ. [މިހާރު ތިޔައީ މަންމައެކެވެ. ދެން އުފަލުގައި އުޅޭށެވެ. އިންސާނާގެ ކޮންމެ އެދުމެއް އަމިއްލައި އިޚްތިޔާރުގެ ދަށުގައެއް ނޯއެވެ..... އެހެންގޮތެއް ހަދާށެވެ. ޙަފްޞާގެ މިދަރިފުޅަށް ޑޮކްޓަރީކަން ކިޔަވައިދޭށެވެ.

[މިހާރުވެސް މުރާދު ބުނަނީ މިދަރިފުޅަށް މަތީ ތަޢުލީމު ދޭން މަސައްކަތް ކުރާނޭ ކަމުގައެވެ.]

[ހުރިހާކަމެއްވެސް ހިނގަމުން އަންނަނީ މިކަހަލަ ގޮތަކަށެވެ.]

[ލައްބައެވެ. އަޅުގަނޑަށް އެނގެއެވެ...] މިހެންބުނެފައި އަނެއްކާވެސް ޙަފްޞާ ރޯންފަށައިފިއެވެ... އަޅުގަނޑު ބޭނުންވަނީ ލަވަކިޔާނެށުމުގެ ތަރުބިއްޔަތު ލިބިގަންނާކަށްނޫނެވެ. އަޅުގަނޑު އުޅުނީ ނުބައިކަމެއް ކުރާކަށް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ ހަމައެކަނި ޢިލްމެވެ. ޢިލްމު އުނގެނުމަކީ އެއްވެސް މީހަކަށް ދުއްތުރާލެއް ލިބޭނެކަމެއްތޯއެވެ.]

[ހާލަތު ތަންދޭގޮތަށް ކަންތައްތައް ނިންމުމުގެ ނަމަކީ ޢިލްމެވެ. ތިމާގެ އެދުމެއް ފުރިހަމަނުވެ އެކަމުގެ ހިތާމައިގައި ތިމާގެ އުފާތައް ނަގާލާ އަމިއްލަގެ ނަރަކައަށް ހެދުމަކީ ޢިލްމަށްކުރެވޭ އިހާނެތި ކަމެކެވެ. އިންސާނާ ދުނިޔޭގައި ހުންނަ ކޮންމެދުވަހަކު އެދުވަސް ފުރިހަމަ ގޮތުގައި ބޭނުން ހިފުމަކީވެސް ޢިލްމެވެ. ދުނިޔޭގައި ވަރަށްގިނަ ޑަކްޓަރުން އެބައުޅެއެވެ. އެމީހުންގެ ހުރިހާ އެދުމެއް ފުރިހަމައެއް ނުވެއެވެ. އެކަމަކު އެމީހުންނަކީ ކިހާ ކާމިޔާބު ބައެއް ހެއްޔެވެ....]

ޙަފްޞާ ދޯޕައްޓާއިން ކަރުނަ ފޮހެން ފަށައިފިއެވެ. ޙަބީބާ ޙަފްޞާގެ ކުޑަދަރިފުޅު ނަގާ ކަކޫމަތީގައި ބައިން ދައިގެން ވާހަކަ އަޅުވާލިއެވެ.

[ޙަފްޞާއެވެ. ދެން ހުއްޓާލާށެވެ. ނިކަން ދެކެބަލާށެވެ. ޙަފްޞާ ރޯތަންފެނިފައި މީނާވެސް ތުންފިއްތަނީއެވެ. އުފާވެލާށެވެ. ޅަޢުމުރުގައި ދިމާވާ ކުދިކުދި ކަންތައްތަކާ ރޮއި ހިތާމަކުރުމަކީ ވަރަށް ދެރަކަމެކެވެ. އެކަހަލަ މީހުންނަކީ ވަރަށް ނަސީބު ދެރަ ބައެކެވެ. އަދި މުސްކުޅި ޢުމުރުގައި ޅަދުވަސް ހަނދާން ކުރުމަކީވެސް އެހާމެ ނުބައިކަމެކެވެ.]

[މަރިޔަމްއެވެ! ޙާލު ކިހިނެއް ހެއްޔެވެ؟ ދަރިފުޅުގެ ކައިވެނި ހަމަޖެހިއްޖެ ހެއްޔެވެ؟] ތަންކޮޅެއް ދުރުގައި އިން އަންހެނަކާ ދިމާއަށް ބަލާލާފައި އޭނާ ބުންޏެވެ.

[ލައްބައެވެ. އެކަން ހަމަޖެހިއްޖެއެވެ.]

[ކައިވެނި އޮތީ ކޮންއިރަކު ހެއްޔެވެ؟]

[އަންނަ މަހުގެ ތެރޭގައެވެ.]

[ރަނގަޅެވެ. މާތްރަސްކަލާނގެ ބަރަކާތް ލައްވާށިއެވެ. ކައިވެނީގެ ކުރިން ޝަހަރަށް ގޮސް އަހަންނާ ބައްދަލު ކުރާށެވެ.]

[ލައްބައެވެ. ދާނަމެވެ.] އޭނާ އުފާވެފައި ބުންޏެވެ.

[ޒައިނަބާއެވެ! މައިދައިތައަށް މިހާރު ރަނގަޅު ހެއްޔެވެ.]

[ރަނގަޅެއް ނުވެއެވެ.] ޒައިނަބު ބުންޏެވެ.

[އޭނާ ގޮވައިގެން ޝަހަރަށް ދާށޭ އަހަރެން ނުބުނަން ހެއްޔެވެ. އަހަރެން އޭނާ ހަސްފަތާލަށް ގެންގޮސް ދީފާނަމެވެ.]

[ތިޔައީ ފިރިހެނުންގެ މަސައްކަތެއް ނޫންތޯއެވެ.... މަދާމާ ހެނދުނު ވަޙީދާއި ވާހަކަ ދައްކާނަމެވެ.]

[ބާލީއެވެ! ތިޔަހާ ބޮޑަށް ރީނދޫވެފައި ތިޔައިނީ ކިހިނެއްވެގެން ހެއްޔެވެ.]

ރަޖާގަނޑެއް އޮޅާލައިގެން އިން އަންހެނަކާ ދިމާއަށް ޙަބީބާ ބުންޏެވެ.

އޭނާ ޖަވާބުދިނުމުގެ ބަދަލުގައި މޫނު ފޮރުވީއެވެ.

[ކިހިނެއްވީ ހެއްޔެވެ؟] ކައިރީގައި އިން އަންހެނަކަށް އިޝާރަތްކުރަމުން ޙަބީބާ ބުންޏެވެ.

[އޭނާ...... އަނެއްކާވެސް........... އެހެން ކުއްޖަކަށް.........]

[ޒައިނަބާއެވެ. ކިހާ ދެރަހެއްޔެވެ.] މަންމަ ހަމްދަރްދީ ފާޅުކުރިއެވެ. [މިއީ ހަތްވަނަ ކުއްޖާއެވެ. [ޒައިނަބުގެ ސިއްޙަތު މުޅިން ހަލާކުވެއްޖެއެވެ. ގައިގެ ކުލަ ގެއްލިއްޖެއެވެ. ބާރު ހުސްވެއްޖެއެވެ. ޒައިނަބު ގާތުގައި ޝަހަރަށް އަންނާށޭ އަހަރެން ބުނީމެއް ނޫން ހެއްޔެވެ. އަހަރެން އޮޕަރޭޝަން ކޮށްދޭނަމެވެ.]

[ސުލްޠާނު އެކަމާ އެއްބަހެއް ނޫނެވެ.] އޭނާ އިސް އުފުލާލަމުން ބުންޏެވެ.

[މިހާރު އެންމެ ކުޑަމީހާއަށް ކިހާ ދުވަހެއް ހެއްޔެވެ؟]

[ދިހަމަހެވެ.....]

[އެންމެ ރަނގަޅެވެ. އަހަންނާއެކު މިފަހަރު ދާންވާނެއެވެ. ސުލްޠާނަށް ކަމެއް ކުރެވޭތޯ އަހަރެން ބަލާނަމެވެ.]

މިގޮތަށް މަޑުމަޑުން ހުރިހާ އަންހެނުންގެ ޙާލު އަޙްވާލު އަހަމުން މަޝްވަރާދެމުން އޭނާ ގެންދިޔައެވެ.

އިރުކޮޅަކަށްފަހު ޙަފްޞާ އެނބުރި ދިއުމަށް އެދުނެވެ.

މަންމަ ބުންޏެވެ.

[އަންހެނަކު އެހާބޮޑަށް ޢިލްމުއުނގެނުމަކީ ކޮންބޭނުމެއް އޮތްކަމެއް ހެއްޔެވެ. އަންހެނުންގެ ކިބައިގައިވެސް ސިކުނޑިއެއްވެއެވެ. އެސިކުނޑި ބޭނުންކޮށްގެން ދިރިއުޅޭށެވެ. މާބޮޑަށް ކިޔެވިއްޖެއްޔާ ފަސޭހަވުމުގެ ބަދަލުގައިވާނީ އުނދގުލެކެވެ. އަހަރެން މިދައްކާ ވާހަކައަޑުއަހާށެވެ. އަންހެނުންނަށް ބޭނުންވަނީ ރަނގަޅު ސިކުނޑިއެކެވެ. ފިރިހެނުންނަށް ބޭނުންވަނީ ތަފާތު ވައްތަރުގެ ޢިލްމެވެ. ފިރިހެނުން އެމީހުނަށް ލިބިފައިހުރި ޢިލްމުގެ މައްޗަށް ދިރިއުޅުން ބިނާކުރެއެވެ. އަދި އަންހެނުން ތިމާމެންގެ މުޅި ޙަޔާތް ބުއްދިއާއެކު ވޭތު ކޮށްލައެވެ.

ޙަފްޞާ ތެދުވެގެން ދިއުމުން އެހެން ދެތިން އަންހެނަކު ކައިރިއަށް ޖެހިލިއެވެ. ވާހަކަދައްކަން އިނދެފައި އޭނާ ރަމްލާއާ ދިމާއަށް ބަލާލިއެވެ. ރަމްލާ ވަރުބަލިވެގެންގޮސް އާފުރެނީއެވެ.

[ދަރިފުޅާއެވެ. ދެންދާށެވެ........ ގޮސް ނިދާލާށެވެ. ދަތުރު ވަރުބަލި ފިލުވަން އޮށޯންނާށެވެ.]

ޙަޤީޤަތުގައިވެސް ރަމްލާއިނީ ވަރުބަލިވެފައެވެ. ނިދިއައިސްގެން ކުރާނެކަމެއް ނޭނގިފައެވެ. އެކަމަކު މަންމަގެ މަޖާ ވާހަކަގަނޑު އަޑުއިވުމުން ވާހަކައިގެ ތެރެއަށް ގެއްލިފައި އިނދެވުނީއެވެ. އަދި އެތަނަށް މުޢާޒު އަތުވެދާނެހެން ހީވާތީއެވެ. އޭނާ ނަލަހެދި ލައިގެން އިންތަން ފެނިފައި މުޢާޒު އުފާވާނެ ކަމުގައި ހީކުރެވޭތީއެވެ.

އެހެން ނަމަވެސް ބޭރުގައި ތިބި ރައްޓެހިންނާއި ބައްދަލުކޮށް ވާހަކައިގެ ތެރެއަށް ގެއްލިފައި ހުރިވަރުން އެތެރޭގައި މަންމަ އިން ހަނދާނެއްވެސް މުޢާޒުގެ ނެތެވެ.

ރަމްލާ އެންމެނާ ސަލާންކޮށްފައި އެތެރެއަށް އަތުވެއްޖެއެވެ.

ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު މަންމަ ދެއްކި ވާހަކަތައް ރަމްލާގެ ހިތަށްއައެވެ. އެއަޑު އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ.....

[އަންހެނުންނަށް ބުއްދިއެވެ. ފިރިހެނުންނަށް ޢިލްމެވެ. އަންހެނުންގެ ކިބައިގައި ބުއްދިހުރިއްޔާ އޭނާ އެބުއްދީގެ ބޭނުންކޮށްގެން ދިރިއުޅުން އާރާސްތު ކުރަންވީއެވެ.........]

މަންމަ ކިޔެވީ މަދަރުސާއަކުންނޫނެވެ. ކޮލެޖަކުންނޫނެވެ. އެކަމަކު އޭނާއަށް ލިބިފައިހުރި ޢިލްމު މަދު ހެއްޔެވެ. އޭނާއަށް އެޢިލްމުތައް ލިބުނީ ކިހިނެއް ހެއްޔެވެ. ޢިލްމުގެ އަނެއްނަމަކީ ތަޖުރިބާ ނޫންކަމެއް ނޭނގެއެވެ. އަބަދުވެސް ޢިލްމު ތަޖްރިބާއަށް މަގުތަނަވަސް ކޮށްދެއެވެ. ތަޖްރިބާއާއިނުލާ މި ދިރިއުޅުމަކީ އަނދިރި ވަޅުގަނޑެއް ކަހަލަ އެއްޗެކެވެ.

ރަމްލާ މައްޗަށް އަރައިފިއެވެ. އެތާގައި ބޮޑު ދެ އެނދު ބަހައްޓާފައި ހުއްޓެވެ. އެތަނުން އެއް އެނދުގައި މުޢާޒު ނިދާފައިއޮތެވެ. ރަމްލާ ވަރަށްބޮޑަށް ޙައިރާންވެއްޖެއެވެ. މުޢާޒު އައިސް ނިދީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

އަވަށްގަނޑެއްގެ މަތިހާމަ ފަންގިފިލައެއްގެ މަތީގައި ނިދާލަން ރަމްލާއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ އެހުރިގޮތަށްހުރެ ވަށައިގެން ހޯދާލިއެވެ. އުޑުގައި ތޭރަ ވިލޭރޭގެ ހަނދު ފުރިހަމަ ޝާއްބަކަމާއިއެކު ނަލަހެދިލައިގެން ހުއްޓެވެ. ހާމަ އުޑު ކިހާރީތި ހެއްޔެވެ. އުޑުގައި ހަނދު ރަސްކަންކުރާގޮތް ކިހާ ރީތި ހެއްޔެވެ. ބޮޑު ޝަހަރެއްގައި ހެދިބޮޑުވި ރަމްލާއަށް މިމަންޒަރު ސިފަކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ވިދާބަބުޅާ ހަނދުގެ ވަށައިގެން އުޑަށްބަލާލާއިރު ކުދިކުދި ކަޅުވިލާ ކޮޅުކޮޅު ފެންނައިރު ހީވަނީ ފުނިވަރުތަކެއް ހެންނެވެ. އެވިލާތަކުގެ ތެރޭން ލާނެތް ތަރިތައް ލައްގަނޑެއް ފަދައިން ފިޔަ ޖަހާލައެވެ. އެވަގުތު އޭނާ ނިދާފައި އޮތް މުޢާޒަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. އޭނާ އެއްވެސް ފިކުރެއްނެތި އަރާމުގައި ނިދާފައި އޮތެވެ. އޭނާ މައްޗަށް އައިއިރު ރަމްލާއަކަށް ނުގޮވައެވެ. ހަނދުވަރުގެ އަލިކަމާއި ފިނިވައިގެ ސަބަބުން އޭނާއަކަށް އުނދަގުލެއްވެސް ނުވެއެވެ. މިގޮތަށް އެކަނިބީރައްޓެހި ކަމާއިއެކު ނިދުމަކީ އޭނާގެ އާދައެއްނޫނެވެ.

މުޢާޒުގެ ކައިރިއަށްގޮސް ހަމަ އެއެނދުގައި އޮށޯވެދާނަމޭ ރަމްލާގެ ހިތަށްއެރިއެވެ. ފިނިވަޔާއި އެއްބައިވެގެން މުޢާޒުގެ އިސްތަށިގަނޑާ ކުޅެލަން އޭނާގެ ހިތްޝަކްވާ ކުރިއެވެ.

އެކަމަކު އޭނާ އަވަސް އަވަހަށް އަނެއް އެނދުގައި އިށީނދެއްޖެއެވެ. އަދި ބާލީސްނަގާ އުނގުމަތީގައި ބާއްވައިފިއެވެ. ހަނދުވަރުގެ ސާފުކަމާއިއެކު ބާލީހު އުރައިގައި ލިޔެފައިވާ އުރުދޫ ބައިތު ރީއްޗަށް ފެންނަން އޮތެވެ.

ބައިތުގެ ވަށައިގެން ކުދި ދޫނިތަކެއް ކުރަހާފައިވެއެވެ. ބާލީހުގައި ފުދޭވަރެއްގެ ބުރަދަނެއްވެސް ހުއްޓެވެ. އިރުކޮޅެއް ވަންދެން އޭނާ އެއަށް ބަލަހައްޓައިގެން އިނެވެ. ދެން އުޑުތިލަ މަތިން އޮށޯވެއްޖެއެވެ.

ހަނދު އައިސް ވިލާގަނޑެއްގެ ތެރެއަށް ވަދެއްޖެއެވެ.

ނޫނެކެވެ. އެއީ ކުށް ފެނުމެކެވެ. ހަނދު އެހުރިތަނުގައި ހުރީއެވެ. ކަޅު ވިލާކޮޅުކޮޅު ފަރާތްފަރާތަށް ދަނީއެވެ. އާނއެކެވެ. ހަނދާއި ސަމާސާ ކުރަނީއެވެ. އޭގެތެރެއިން ވިލާގަނޑެއް އައިސް މަސްތުން ފުރިފައިވާ އަދާއަކާއިއެކު ހަނދުގެ މައްޗަށް ވެރިވެގަތީއެވެ. ކަޅު ވިލާގަނޑެއްގެ ތެރޭގައިވާ ހަނދު ފިސާރި ރީތިގޮތަކަށް ފެނެއެވެ. ކޮންމެވެސް ރީތި އަންހެން ކުއްޖަކު އޭނާގެ ރީތި މޫނުމައްޗަށް ކަޅު ދޯޕައްޓާއެއް ވައްޓާލާފައިވާ ފަދައިންނެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 221 އިން 223 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން