ޞާދިރު ޢަލީދީދީ   23 އޭޕްރީލު 2021 - 15:58
ވޭނީކަރުނަ
ވޭނީކަރުނަ
76 ވަނަ ބައި

.................

މަޢޫޒުގެ އަނގައިން ވަރަށްގިނަލޭ ބޭރުވެއްޖެއެވެ. މުޢާޒު ސާފުކޮށްބެލިއިރު މަޢޫޒުގެ އެއްދަތްވަނީ ބިނދިފައެވެ. މަޢޫޒުގެ މަތީ ދަތްޕިލާގެ ހުރިހާ ދަތެއްނިކުމެ ހަމަޖެހުނުތާ އަދި މިވީ ހަމަކުޑަ ދުވަސްކޮޅެކެވެ. އޭނާ ހީނލާއިރު ވަރަށް ލޯތްބެވެ.

އޭނާގެ މަތީ ތުންފަތްވެސްވަނީ ފެޅިފައެވެ. މުޢާޒު ރައްކާތެރި ކަމާއެކު އޭނާ އުރާލާފައި ބުންޏެވެ.

[މިސޮރު ގޮވައިގެން ހަސްފަތާލަށް ދާންވީއެވެ........]

ރަމްލާވެސް މުޢާޒުގެ ފަހަތުން ދުއްވައިގަތެވެ. ކާރުގެ ކުރީ ސީޓުގައި އިށީނދެފައި މަޢޫޒު އުރާލިއެވެ. ދެން މުޢާޒު ހިމޭން ކަމާއިއެކު ކާރުދުއްވަން ފަށައިފިއެވެ.

[ދުވާލު ހަތަރުދަމު އަޅުގަނޑު މިއުޅެނީ މިސޮރުގެ ފަސްފަހަތުންނެވެ. ބޭރަށްނުކުންނަ ވަގުތުވެސް އަންގާ ނުލައެވެ.] ރަމްލާ ބުންޏެވެ.

[އެއީ އެއްވެސްކަމެއް ނޫނެވެ.] މުޢާޒު ވަރަށް އޮމާން އަޑަކުން ބުންޏެވެ. [ކުދިންނަށް އަނިޔާ ލިބޭނެއެވެ. މި ޢުމުރުގައި ކުދިވެރިން އެންމެ ހިނދުކޮޅަކުވެސް ހިމޭނަކުން ނުތިބޭނެއެވެ.]

[އެކަމަކު މީނާއަކީ އަރާހުރި ކުއްޖެކެވެ.]

[ހުރިހާ ކުދިންނަކީވެސް ހަމަ ތިޔަކަހަލަ ކުދިންނެވެ.] މުޢާޒު ބުންޏެވެ.

[މީނާ މަތަކުރެވޭނީ ހަމައެކަނި މަންމައަށެވެ.]

ރަމްލާ ހަމަގަސްތުގައި މަންމަގެ ވާހަކަ ފެށިއެވެ. މަންމަ ގެނައުމުގެ ވާހަކަ ފެށުމަށްޓަކައެވެ.

މުޢާޒު ކުޑައިރުކޮޅަކު ހިމޭނުން އިނެވެ. ދެން ބުންޏެވެ.

[މަންމަ ނުބުނޭ ހެއްޔެވެ. އަހަންނަކީވެސް ކުޑައިރު ވަރަށް ސިޔާސަކޮށް އުޅުނު މީހަކީމެވެ. އަބަދުވެސް އުޅެން ޖެހެނީ ކޮންމެވެސް އަނިޔާއެއް ލިބިގެންނެވެ. އެއްފަހަރު ވަޅަށްވެސް ވެއްޓުނެވެ. ކޮންމެ ދުވަހަކު މަންމައަށް ކޮންމެވެސް ކަހަލަ އުނދަގުލެއް ޖައްސަމެވެ.]

ރަމްލާ ބޯތަޅުވާލިއެވެ.

[މަންމަ ތިޔަހުރިހާ ވާހަކައެއް އަޅުގަނޑު ގާތުގައި ދެއްކެވިއެވެ.]

[ދެއަހަރު ދުވަހުގެ ތެރޭގައި މިއީ އޭނާއަށް ލިބުނު އެންމެބޮޑު އަނިޔާއެވެ.......]

މުޢާޒު ހީނލާފައި ބުންޏެވެ.

ރަމްލާގެ ހިތްތެޅިގަތެވެ. މުޢާޒު މިހުރިހާ ވާހަކައެއް މިދައްކަނީ އޭނާ އުފާ ކުރުވުމަށްޓަކާކަން އެނގެއެވެ. އެކަމަކު އޭނާ އަމިއްލަ ނަފްސުދެކެ ލަދުގަތެވެ. އޭނާ ހިމޭނުން އިންނަނީ ހިތުގައި އަނދަމުންދާ އަލިފާންގަނޑު ބޭރުވިޔަ ނުދިނުމަށްޓަކައެވެ.

ޑަކްޓަރުގެއަށް ދިއުމުން އޭނާގެ މަތީ ތުންފަތްފެޅިފައިވާ ވާހަކަ ޑަކްޓަރު ބުނުއްވިއެވެ. އަދި އެތަން ފަހަން ޖެހޭނެ ކަމުގައިވެސް ބުނުއްވިއެވެ.

ޑަކްޓަރު މިހެން ބުނުމާއެކު ރަމްލާއަށް ހީވީ އޭނާގެ ހިތަށް ތިނޯސް ހަރާލެވުނު ހެންނެވެ.

ރަމްލާގެ ކުލަވަރު ރީނދޫވެގެން ހިނގައްޖެއެވެ.

މުޢާޒު އޭނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

[ރަމޫއެވެ. ދާށެވެ..... ގޮސް ކާރުގައި އިންނާށެވެ. އަހަރެން މިކަންތަކުން ނިމިގެން މިދަނީއެވެ.]

ރަމްލާގެ ލޮލުން އޮހެމުން ދިޔައީ އާދޭހުގެ ކަރުނައެވެ. އޭނާ ދެރަވެލާފައި ޑަކްޓަރު ގާތުގައި ބުނަން ފެށިއެވެ.

[ޑަކްޓަރުއެވެ! ފަހާއިރު މިކުއްޖާއަށް ތަދު ނުވާނެތޯއެވެ؟]

[އެއްގޮތަކަށްވެސް ތަދެއް ނުވާނެއެވެ.] ޑަކްޓަރު ހީނލާފައި ބުންޏެވެ. [ކުޑަކުދިންނާމެދު ކަންތައްތައް ކުރަންވާގޮތް އަޅުގަނޑުމެން ދަންނަމެވެ.]

ދެން އޭނާ ހިނގައިގަތެވެ. ހަމައެއާއެކު އެނބުރިލާފައި ބުންޏެވެ.

[ކުރިއެކޭވެސް އެއްގޮތަށް ތުންފަތް ރަނގަޅުވެދާނެ ދޮގެއްތޯއެވެ. އަނެއްކާ އަޅުގަނޑުގެ ދަރިފުޅުގެ ސިފަ ހުތުރު ނުވާނެތޯއެވެ.]

ޑަކްޓަރު ހޭން ފަށައިފިއެވެ.

[މުޙްތަރަމާއެވެ. ހިތްހަމަ ޖެހިލައްވާށެވެ. ދުވަސްކޮޅަކަށްފަހު މީގެ އަސަރެއްވެސް ފެންނާކަށް ނުހުންނާއެވެ.]

ރަމްލާ ނިކުމެގެން އައިސް ކާރުގައި އިށީނދެއްޖެއެވެ.

ރަމްލާއަށް ދެއްކުނު ހަމަނުޖެހޭ ވާހަކަތަކާއިމެދު އޭނާއަށް ޚިޔާލުކޮށްލެވުނީ ކާރަށްއަރާ އިށީނދެވުނު ފަހުންނެވެ. އެކަހަލަވާހަކަތައް މުޢާޒުގެ ކުރިމަތީގައި ދައްކައިގެން ނުވާނެއެވެ. މިހުތުރު ސިފަގަނޑުގެ އިޙްސާސްތައް އޭނާގެ ހަށިގަނޑުން ފިލާނުގޮސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. އަދިވެސް ދެކޭނެ ހުތުރު ސިފަތަކެއް ބަކީވެފައިއޮތީ ބާވައެވެ.

އާނއެކެވެ. ނޭނގުމުގެ ތެރޭން މިކަހަލަ ޖުމްލަތައް ބުނެވިދެއެވެ.

ކާރުގައިހުރި ކުޑަ ލޯގަނޑުން ރަމްލާ މޫނު ބަލާލިއެވެ.

[ތިޔައީ ހަމަ ކުރީގެވެސް ރަމްލާ ހެއްޔެވެ.......؟]

ދެން އޭނާ ވަށައިގެން އައިސް ގޮސްވާ މީހުންނަށް ބަލާލިއެވެ.

ރަމްލާގެ ދިރިއުޅުން މިހާރުވަނީ މުޅިންބަދަލުވެފައެވެ. މީގެދުވަސްކޮޅެއް ކުރިން އޭނާ މުޢާޒާއެކު މިތަނަށްއައެވެ. އޭނާގެ ޚިޔާލީ ލޯގަނޑުން ތަންކޮޅެއް ކުރީގެ ދުވަސްތަކެއްގެ މަންޒަރު ފެންނަން ފަށައިފިއެވެ.

މުޢާޒު ބޭރުގައި އުޅެ ވަރުބަލިވެގެން ގެއަށް އައުމާއެކު ރަމްލާ މަޑުމަޑުން ބުންޏެވެ.

[މަޢޫޒުގެ ހުރިހާ އިސްޓާކީނެއް ހަލާކު ވެއްޖެއެވެ. ބޫޓުވެސް ފެޅިއްޖެއެވެ.]

މުޢާޒު ބުންޏެވެ.

[ބާޒާރަށްގޮސް ގަނެލަމާ ހިނގާށެވެ.]

[ފުރަތަމަ ސައި ބައްލަވާށެވެ. އަތްފައި ދޮވެލައްވާށެވެ.] ރަމްލާ އަވަހަށް ބުންޏެވެ.

[އަނެއްކާ ފިހާރަތައް ބަންދުނުކުރާނެ ހެއްޔެވެ؟]

[ނުކުރާނެއެވެ.] ރަމްލާ ބުންޏެވެ. [ފިހާރަތައް އަށެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ.]

[އެހެންދޯއެވެ.] މުޢާޒު ބުންޏެވެ. ދެންއަތްފައި ދޮވެލައިގެން ހެދުން ބަދަލުކޮށްލިއެވެ. އެއަށްފަހު ސައިބޮއި ނިމުމަށްފަހު އެދެމީހުން ގޮވައިގެން ބާޒާރަށް އަތުވެއްޖެއެވެ.

ފައިވާން ފިހާރައަށް ވަނުމާއިއެކު ކުރިމަތީގައި ހުރި ބޮޑު މޫނުބަލާ ލޯގަނޑުން އަމިއްލަ ހަށިގަނޑު ރަމްލާއަށް ފެނުނެވެ. މުޢާޒުއާއެކު ފިހާރައަށް ވަދެގެން އައި މަންޒަރު ފެނުނެވެ.

އަމިއްލަ ސިފަފެނިފައި ރަމްލާ ޙައިރާން ވެއްޖެއެވެ. އޭނާ މިހާރު ހީވަނީ އާދައިގެ އަންހެނެއް ހެންނެވެ. ލޯ، ވަޅުވަދެފައެވެ. ކިލަނބު ކުލައަކަށްހުރި މިލާފައިވާ މޫނެކެވެ. އިސްތަށިގަނޑުގައިވެސް ކުރީގެ ވިދުމެއްނެތެވެ. ކުރީގެ ޅަކަމެއް އޭނާގެ ކިބައަކު ނެތެވެ.

އެރީތިކަމުގެ ޚަޒާނާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ރަމްލާ އެންމެ ޚާއްޞަކަމަކަށް ފާހަގަ ކުރިކަމަކީ މުޢާޒާއެކު ހިނގާފައި އައުމުގައި އޭނާ އަޖައިބު ނުވާކަމެވެ. އަދި މުޢާޒުވެސް މާކަ ހުތުރެއްނޫނެވެ. ދެން އޭނާ ވަށައިގެން ބަލާލިއެވެ. ވަރަށްގިނަ އަންހެނުން އެމީހުންގެ ފިރިންނާއިއެކު ކުދިންގޮވައިގެން އައިސް ތިއްބެވެ. އެންމެންވެސް ބަލަނީ ހަމައެކަނި ކުދިންނާ ދިމާއަށެވެ. ކުދިން ލިބުމުން އެމީހުން ފިރިންނާ ދިމާއަށް ނުބަލަނީ ކަންނޭނގެއެވެ. އެމީހުން ދުވަސްތައް ދުއްވާލަނީ މިކަހަލަ ގޮތަކަށެވެ.

އެމީހުންގެ ފަހަތުގައި ހުރި ސޯފާއެއްގައި އިށީނދެލައިގެން އިން ސްމާރޓް އަންހެނަކު އިރުއިރުކޮޅުން މުޢާޒުއާ ދިމާއަށް ބަލަމުން ގެންދާ ކަމުގައި ރަމްލާއަށް އިޙްސާސް ކުރެވުނެވެ.

ރަމްލާވެސް ޚާއްޞަގޮތަކަށް އޭނާއަށް ބަލާލިއެވެ. އަޖައިބު ވާންވީކަމެއް އޭނާގެ ކިބައަކު ނެތެވެ.

އެކަމަކު އެއަންހެންމީހާ އޭނާގެ ފިރިމީހާއާއި ވާހަކަދެއްކުމުގައި މަޝްޣޫލުވެފައިވާ ވަރުން ވަށައިގެން ހިނގާ އެއްވެސްކަމެއް އޭނާއަށް އިޙްސާސް ނުކުރެވޭ ކަހަލައެވެ. އެދެމީހުން ތިބީ ވާހަކައިގެ ތެރެއަށް ގެއްލިފައެވެ. ޙަޤީޤަތުގައި އެމީހުންވެސް އައީ ކުދިންނަށް ފައިވާން ގަންނާށެވެ. އެމީހުންގެ ދަރިފުޅު ކައިރީގައިހުރި ފައިވާންތަކަކާ ކުޅެކުޅެ ހުއްޓެވެ. އޭނާގެ ފިރިމީހާވެސް ވަރަށްކަޅެވެ.

މުޢާޒު މިހުރިހާކަމެއް ދެކޭނެ ކަންނޭނގެއެވެ. މިމަންޒަރު ފެނުމުން، ކޮންމެ ދެމަފިރިއަކުވެސް ކަންތައްތަކާ އެކަކު އަނެކެއްގެ މަޝްވަރާ ހޯދަމުން ގެންދާ ކަމުގައި ރަމްލާއަށް އިޙްސާސް ކުރެވުނެވެ.

ވަށައިގެން އެނބުރެމުންދާ އަންހެން ކުދިންނާއި ދިމާއަށް ޙައިރާންކަމާއިއެކު މުޢާޒު ބަލަންހުރިތަން ފެނިފައި ރަމްލާ ރުޅިއައެވެ. އަދި މިކަންތައް އިޙްސާސް ކުރެވުނު ހިނދު ޚުދް އޭނާ އަޖައިބުވިއެވެ. އެވަގުތު އޭނާ ވިސްނާލިއެވެ. އަންހެނަކު ތިމާގެ ފިރިމީހާނޫން ފިރިހެނަކާ ދިމާއަށް ލޯބީގެ ނަޒަރަކުން ބަލަންހުރިތަން އޭނާގެ ފިރިމީހާއަށް ފެނިއްޖެއްޔާވާނީ ކިހިނެއް ހެއްޔެވެ.

ތިމާގެއަނބިމީހާ އެވައްތަރުގެ ފިޔަވަޅެއްއަޅާތަން ފެންނަހިނދު އެއްވެސް ފިރިހެނަކަށް އެންމެ ހިނދުކޮޅަކުވެސް ކެތެއް ނުކުރެވޭނެއެވެ. ފިރިހެނުންނަކީ އަންހެނުންނަށްވުރެ ރުޅިގަދަ ބައެކެވެ. އަންހެނުންނަށްވުރެ ހިތްގަދަ ބަޔެކެވެ. ބައެއް ފަހަރަށް ހަމައެކަނި ކުރެވޭ ޝައްކެއްގެ މައްޗަށް އެމީހުން އަންހެނުން ޤަތުލުކުރެއެވެ. މިހެން ހިތަށްއެރުމާއެކު ރަމްލާ ރޫރޫ އަޅައިގަތެވެ. އެއާއެކު ލަދުވެސް ގެންފިއެވެ.

މުޢާޒު މިހުރިހާ ކަންތައްތަކާމެދު ކެތްކުރަނީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

މުޢާޒަކީ މަލާއިކަތެއް ހެއްޔެވެ. ނޫނީ މޮޔައެއް ހެއްޔެވެ......؟

އޭނާގެ ލޯބިން ފުރިފައިވާ ވާހަކަތައް ހަނދާންކުރެވޭ ހިނދު އޭނާ ދީވާނާވެއެވެ.

ކުއްލިއަކަށް އޭނާގެ ޚިޔާލީ ސިލްސިލާ ކުދިކުދި ވެއްޖެއެވެ. އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އެވަގުތު މުޢާޒު ކުޑަދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެން އަތުވެއްޖެއެވެ. ކާރުގެ ދޮރުފަތް ހުޅުވާލުމާއިއެކު ރަމްލާ ސިހިފައި ބަލާލިއެވެ. ދެން ކުއްލިއަކަށް މަޢޫޒު އުރާލައިފިއެވެ. އެވަގުތު މަޢޫޒު އޮތީ މަސްތުވެފައިވާކަހަލަ ގޮތަކަށެވެ. ރަމްލާ ކަންބޮޑުވެފައި ސުވާލު ކުރިއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 230 އިން 232 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން