ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕްކުރަނީ ގާނޫނާއި ޚިލާފަށް ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެެވެ.

ޕީޕީއެމް / ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ފައިސާ ޗާޕް ކުރާނަމަ އެ ފައިސާ ޚަރަދުކުރަންވާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ފައިސާ ޗާޕްކުރަނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދީ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ކަމަށާއި، އެއީ ގާނޫނާއި ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުގައި ފައިސާ ނެތިގެން އުޅޭއިރު ޕާޓީގެ މީހުންނާއި ގާތް ތިމާގެ މީހުންނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދީ ބަޖެޓް ހުސްކުރަމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖައްސަވާ ހިސާބުތައް ދިމާނުވާ ކަމަށާއި ދައުލަތުގެ ބަޖެޓަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި ވަންނަ ފައިސާއަށް "ވާނުވާ" ނޭގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ހުރިހާ ފައިސާއިން ސަރުކާރުން ކުރީ ކީއްތޯ ރައްޔިތުން ސުވާލުކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފައިސާ ޗާޕްކުރުމުގެ ސަބަބުން ގައުމަށް ދެން ވާނެ ގޮތް މިސަރުކާރަށް ނޭނގޭ ކަމަށެވެ. ސަރުކާރަށް އާމްދަނީ ހޯދާނެ ގޮތްތައް ނޭނގޭ ކަމަށާއި، ފައިސާ ޗާޕްކުރުމުގެ ސަބަބުން އެކްސްޗޭންޖް ރޭޓާއި އިންފްލޭޝަން އިންތިހާއަށް މަތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ފައިސާ ޗާޕް ކުރިއިރު އިންފުލޭޝަން މަތިވެގެން ނުދާނެ ކަމަށް މާލީ ވަޒީރު ވިދާޅުވި ކަމަށާއި، އެހެން ނަމަވެސް ކަންހިނގީ އެގޮތަށް ނޫން ކަމަށެވެ. މިއަދު ޑޮލަރުގެ އަގުވެސް 17 ރުފިޔާއަށް އުފުލިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި ސަރުކާރަކަށް ނޭގޭ އާމްދަނީ ހޯދާނެ އިތުރު ގޮތެއް، ފައިސާ ހުސްވީ ޗާޕްކުރީ، އެމީހުންނަކަށް ނޭގޭ ފައިސާ ޗާޕްކުރީމަ ވާނެ ގޮތެއް، ފައިސާ ޗާޕްކުރީމަ އަގު މައްޗަށް ދާނެ ކަމެއް އިންފްލޭޝަން މަތިވާނެ ކަމެއް ރައްޔިތުންނަށް މިކަމުން ވާނެ ދައްޗެއް އެގެނީ އެއްނޫން." އަދުރޭ ވިދާޅުވިއެވެ.

އެމްއެމްއޭއިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 47 މެމްބަރުންގެ ވޯޓާއެކުއެވެ. މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ދިރާސާ ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް އޯވާޑްރޯގެ މުއްދަތު އެއް އަހަރު ދުވަހަަށް އިތުރު ކޮށްދޭން ވަނީ ނިއްމާފައެވެ. އެ ހުއްދަ ދީފައިވަނީ އޯވާ ޑްރޯގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުކުރެވޭ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން