ބަރުލަމާނީ ނިޒާމު ގެންނަން އެޖެންޑާ 19 ގައި ހިމަނައިގެން މަސައްކަތް ނުކުރީ އެއީ އެމްޑީޕީގެ ސިޔާސަތަކަށް ނުވާތީ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީން ނިކުތީ ރާއްޖޭގައި ދެމިގެން އައި ހުދުމުހުތާރު ވެރިކަމާއި ވިރާސީ ރަސްކަމުގެ ސިފަތައް ބަދަލުކުރަން ކަމަށެވެ. ރާއްޖޭގައި ބާއްވާނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ އެމްޑީޕީން ނުނިންމާ ކަމަށް މޫސަ ވިދާޅުވިއެވެ. މަޖިލީހުގެ ކެމްޕޭނަށް އެމްޑީޕީން ބޭނުންކުރި އެޖެންޑާ 19 ގައި ބަރުލަމާނީ ނިޒާމްގެ ވާހަކައެއް ނެތް ކަމަށާއި، އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ކުރިން ތާއިދުކުރީ ރައީސް މައުމޫން ރިޔާސީ ނިޒާމަށް ތާއިދުކުރުމުން އެކަމާ ދެކޮޅު ހެދުމަށް ކަމަށާއި، ބަރުލަމާނީ ނިޒާމް ގެނައުމަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އަންނަ އަހަރު ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާތީ އެކަމަށް އިޝާރަތް ކުރައްވައި މޫސަ ވިދާޅުވީ އެމްޑީޕީ އަކީ 18 އަހަރުން މަތީގެ މީހުންނަށް ވޯޓްލުމުގެ ހައްގު ހޯދައިދޭން އެންމެ ބޮޑަށް ވަކާލާތު ކުރި ޕާޓީ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ބޮޑުވަޒީރަކަށް ވެވަޑައިގެން އިތުރަށް "ހައިބަތު" ބޮޑުކުރައްވަން ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.



"ވެރިކަމާ ހެދި ވަކި ހިސާބަށް ދިޔައިމަ ކަންކަމުގަ ދަހިވިޔަސް ކުޑަ ތަންކޮޅެއް ބޮޑުވާނެ. މިވެސް ގައުމެއް." ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ރައީސް ސޯލިހަށް އެނގިވަޑައިނުގެން ވަޒީރުންގެ އިތުބާރު ނެތްކަމަށް ނަގަމުންދާ ކަމަށާއި، އެހާވަރަށް މީހަކު ނިކަމެތި ކޮށްލަން ނުވާނެ ކަމަށެވެ. މަޖިލީހުން ކުރާ ކަމަކީ ރައީސާއި ވަޒީރުންނަށް ވަގަށް ގޮވުން ކަމަށް މޫސަ ވިދާޅުވިއެވެ. މަޖިލީހުން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް ވެސް ހުއްޓައި ކުއްލިއަކަށް ބޮޑުވަޒީރަކު ގެނައުމުގެ ވާހަކަ ދައްކަން ފަށާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.



ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށް ފެބްރުއަރީ 2023 ގައި ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައިލާގޮތަށް ރައީސް ނަޝީދު ވަނީ ރައީސަށް ހުށައަޅުއްވާފައެވެ. އަދި އެއަހަރު ރިޔާސީ އިންތިހާބު ނުބާއްވައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބޭފުޅަކު ކަނޑައަޅާގޮތަށް ހަމަޖެއްސުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.



ނިޒާމު ބަދަލުކުރާ ނަމަ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ ރައީސް ނަޝީދަށް ޖަވާބު ދެއްވާފައެވެ. ރައީސް ނަޝީދު ވެސް ފަހުން ވަނީ ނިޒާމް ބަދަލުކުރާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން