ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއެކު އެމްއެމްޕީއާރުސީގެ ފައިސާއިން ޑީލް ހެއްދެވީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގި ހޫނު ޒުވާބުތަކެއްގެ ތެރޭގައެވެ. މިއަދުގެ ޖަލްސާގައި ޝަރީފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ޝަރީފްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވަމުންދާ ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި 2014 ވަނަ އަހަރު ޤާނޫނަށް ގެނައި އިސްލާހެއްގެ ތެރެއިން ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކޮށް، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު މަޤާމުން ވަކިކުރީ ޑީލެއްގެ ދަށުންނެވެ. އެ ޑީލްގެ ދަށުން މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ޝަރީފްކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރައްވައެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އުއްތަމަ ފަނޑިޔާރު ބަދަލުކުރުމުގެ މަސައްކަތް ކުރެއްވީ ސީދާ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުންކަމަށެވެ.

"ޢަޅުގަނޑު މަޖިލީޙުގައި ވޯޓް ދިނީ މަނިކުފާނު އެންގެވި ގޮތަށް. ޑީލް ހެއްދެވީ މަނިކުފާނު." 2014 ވަނަ އަހަރު ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ވޯޓު ދިން ގޮތް ތަފްސީލްކޮށްދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ޝަރީފްގެ ވާހަކަތައް ދޮގުކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ބާވަތުގެ އެއްވެސް މަސައްކަތެއް ޝަރީފް މެދުވެރިކޮށް ކުރަށްވާފައި ނޯންނާނެކަމަށެވެ. އަދި ޝަރީފް ހައްދަވަނީ އިތުރުފުޅެއްކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއްގެ ތެރޭގައި، އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރެއްވުމަކީ ބުއްދިވެރި ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝަރީފާއި ރައީސް ނަޝީދުގެ ޒުވާބުގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އައްޑޫ ޝަރީފް، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުއްވާ އިލްޒާމް ތަހުޤީޤްކުރެވެން ޖެހޭނެކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމައްސަލަ މަޖިލީހުގެ ކޮމިޓީތަކާއި ފުލުސް އޮފީހަށް ހުށަހަޅައިގެން ތަހުޤީޤްކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން