އިންޑިއާގެ ހާލަތު ގޯހުން ގޯހަށް ދާއިރާއިރު ލީޑަރޝިޕް ދައްކަވައިގެން މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލައްވައިފިއެވެ.

އުމަރު ނަސީރު މިގޮތަށް ގޮވާލައްވާފައި މިވަނީ އިންޑިއާގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެޤައުމުގައި ކޯވިޑް ޖެހޭ މީޙުންގެ އަދަދު އިތުރު، ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު މަރުވަމުންދާ ދަނޑިވަޅެއްގައެވެ. ކޮވިޑްގެ ހާލަތު މިހާގޯސްވެގެން ދިޔައިރު ގައުމުގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ފެއިލްވެ ހޮސްޕިޓަލްތައް ފުރި އޮކްސިޖަނަށް ޖެހި މަގުމަތީގައި ކާރުތަކުގައާއި ހުސްތަންތަނުގައި މީހުން ބައިތިއްބައިގެން އަމިއްލައަށް އޮކްސިޖަންދީ ފަރުވާދޭން ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.

އިންޑިއާއިން ރާއްޖެއާއިމެދު ގެންގުޅޭ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކަމާ ދެކޮޅަށް އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑްގެ ނުރައްކާތެރި ހާލަތަކަށް އިންޑިއާ ވެއްޓިފައިވާއިރު، އޭނާގެ ހެޔޮދުއާ އޮތީ އިންޑިއާ އެކުވެރި ރައްޔިތުންނާއެކުކަމަށެވެ. އަދި މި ހިތާމަވެރި، ދަތި ދަނޑިވަޅުން އަރައިގަތުމަށް ލީޑަރޝިޕް ދެއްކެވުމަށް އިންޑިއާގެ ބޮޑު ވަޒީރަށް އުމަރު ވަނީ ގޮވާލައްވާފައެވެ.

އުމަރުގެ މި ޓްވީޓް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވެސް ވަނީ ރީޓްވީޓް ކުރަށްވައި އުމަރުގެ ވާހަކައަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވާފައެވެ.



އިންޑިއާގައި ކޯވިޑް ކޮންޓްރޯލް ނުވެ ސުނާމީއެއްހެން ފެތުރެމުންދާއިރު، އެޤައުމުން ކޮންމެ ދުވަހަކުވެސް ދަނީ އެތައް ހާސް ބަޔަކު މަރުވަމުންނެވެ. އަދި ގިނަ ހޮސްޕިޓާތައް ފުރި އެޑްމިޓްކުރެވޭނެ ގޮތެއް ނެތްއިރު، ބަލި މީހުންނަށް ދޭނެ އޮކްސިޖަންވެސް ހޮސްޕިޓަލްތަކުގައި ނެތްކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ މުއްސަނދި ގައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިހާރު ވަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު