ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކޮށްފިއެވެ.

ހޯނޑެއްދޫ ސްޕޯޓްސުން ހިންގި މިޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރި ނޭޗަރ ޕާކް ވަނީ މިއަދު ހުޅުވާފައެވެ. ދިގެމައްކޮޑަ ގެ ނަމުން ނަންދެވިފައިވާ މި ނޭޗަރ ޕާކް ތަރައްގީކުރެވިފައިވަނީ ހޯނޑެއްދޫގެ އިރުއުތުރު ޗަސްބިން ސަރަހައްދުގައެވެ.

މިއީ އެ ސަރަހައްދުގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ އެ ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިންގ ޕްލެޓްފޯމެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެސަރަހައްދުގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، އެސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފައިވެއެވެ. ވަކިން ހާއްސަކޮށް މި ޕްރޮގްރާމްގެ ދަށުން އެ ސަރަހައްދުވަނީ އިތުރަށް ފެހިވެސް ކޮށްފައެވެ.

"މިޕްރޮޖެކްޓް ހިންގުމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ މި ސަރަހައްދުގެ ގުދުރަތީ ރީތިކަމަށް ބަދަލު ނާންނާނެހެން އަދި ހަމައެހެންމެ އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް. މި ސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެހެން ތަރައްގީކޮށްފައިވާ ސަރަހައްދެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން." ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބުކުރި މަހްދޫން އާދަމް ވިދާޅުވެފައިވެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތައްކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން