މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު 70 މިލިއަން ޑޮލަރު ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރިޔާސަތުގައި އިންނަވާހާ ހިނދަކު، އެމްއެމްޕީއާރުސީގެ ހިޔާނާތް ނުފޮރުވާނެ ކަމަށާއި، އެކަމުގެ އެންމެ އަޑިހޯދާނެ ކަމަށެވެ.

ސަރުކާރާއި މަޖިލިސް އުފެދިފައިވަނީ އެކަމުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ބައެއް މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށެވެ.

"އެ ދައުވާތައް ކުރިއަށް ދާނެކަމީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަައްތެރި ބައެއް މެމްބަރުންްގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމުފުޅު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތްވެސް ވެދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެތައް މިލިއަން ރުފިޔާއެއް ގެއްލުނު މައްސަލައިގައި 270އެއްހާ މީހުންނަށް ދައުވާކުރުމަށް އެ މައްސަލަ ބަލާ އެސެޓް ކޮމިޝަނުން މިހާރުވެސް ފާހަގަކޮށްފައިވާއިރު އެ ދައުވާތައް ކުރިއަށްދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގެ މައުލޫމާތު ހިމެނޭ ޕެންޑްރައިވެއް އެމަނިކުފާނު ޤައުމީ ސަލާމަތުގެ ޚިދުމަތްތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށާއި، އެ ޕެންޑްރައިވް މަޖިލީހުގައި އަރުޝީފް ކުރެވިފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް 70 މިލިއަން ޑޮލަރު ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް ފައިސާ ހޯދާނަމަ އެފައިސާއިން ބައެއް ދޭންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެެ.

"އެ ޕެންޑްރައިވްގެ މައުލޫމާތު އިނގިރޭސި ވިލާތުގެ ބޭރުގެ މާހިރުންނަށް އަޅުގަނޑު ދިނިން، އެބޭފުޅުން ބައްލަވާފައި ވިދާޅުވީ މީ ސަރުކާރު ތަކާއި ގުޅިގެން ނޫނީ ހިންގާ ބާވަތުގެ މަސައްކަތެއް ނޫނޭ، ސަރުކާރުން އެދުނީމާއޭ މިކަން ހިންގޭނީ، އެމަސައްކަތް ކުރާ ބަޔަކަށް އުޖޫރައިގެ ގޮތުގައި 70 މިލިއަން ޑޮލަރުން ބައެއް ދޭންޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.



ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ އަދި މިހާރުގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދައުލަތުގެ ކުރީގެ އަދި މިހާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެކަންޏެވެ. އެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށްވެސް ވަނީ ހުކުމްކޮށްފައެވެ.

އެކަމުގެ އަޑީގައި ތިބިކަން ޝަރީއަތަށް ސާބިތުވެ ދިގު މުއްދަތެއްގެ ޖަލުގެ ހުކުމެއް އިއްވި ނަމަވެސް ކުރީގެ ނާއިބް ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު ވަނީ ހާއްސަ ހުއްދައިގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ހާމިދު ހުކުމް ތަންފީޒުކޮށް ނިމި މިހާރު ވަނީ މިނިވަންވެފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން