އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ ޖީބުގައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހުު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް ވިދާޅުވެ އޭނާ ދައްކަވާފައިވަނީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ މައްސަލަ ބެލި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަލީހު ވިދާޅުވީ އޭނާ އަތުވާހާ ހަކަތަ ރައީސް ނަޝީދުގެ ނެތް ކަމަށެވެ. އެމްޑީޕީ ބަލިކުުރުމުގެ ފޯމިއުލާ އޭނާގެ ޖީބުގައިއެބަައޮތް ކަމަށް މަލީހް ވިދާޅުވިއެވެ.

"ރައީސް ނަޝީދު، މަނިކުފާނަށް ދަންނަވާލަން އޮތީ ހިކިފަސްތާ ބަކަނާޅާށޭ. އަޅުގަނޑު އަތުވާހާ ހަކަތައެއް މަނިކުފާނު ގަޔަކު ނުހުންނާނެ. މަނިކުފާނު ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން. އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އަޅުގަނޑުމެން ޖީބުގައި. 2013 ހަދާން ނެތުނީތޯ. 2023ގެ ބަލި މާ ބޮޑުވާނެ." މަލީހް ވިދާޅުވިއެވެ.

އެ މައްސަލަ އާއި ގުޅިގެން ކޮމިޓީން ވަނީ މަލީހް އެ ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށް ވިދާޅުވެ ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބުދާރީވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.

އެމައްސަލަ ނިންމައި ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ މަލީހް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޖަވާބުދާރީވެފައި ނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ކޮމެޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ރިޕޯޓްގައިވެ އެވެ. މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިގެން ޝަރީއަތް މެދުވެރިކޮށް ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން