79 ވަނަ ބައި
.................
މިއަދު ބޭއިޚްތިޔާރުގައި މުޢާޒު ހުއްޓުވުމަށް އޭނާގެ ހިތްއެދުނެވެ. އެކަމަކު މުޢާޒު ދެއްކިވާހަކަތައް އަޑުއަހާފައި އޭނާ ގާވެފައި އިނީއެވެ. އިންތަނުން ގުޑާވެސް ނުލެވުނެވެ. އޭނާ އެނބުރިލާފައި ކަނާތް ފަރާތަށް ބަލާލިއެވެ. ޑްރެސިންގ ޓޭބަލްގެ ލޯގަނޑުން އަމިއްލަ ހިޔަނި ފެނިއްޖެއެވެ. އޭނާ އެހިޔަންޏަށް ބަލަންފެށިގޮތުން ހީވީ ފުރަތަމަ ފަހަރަށް އަމިއްލަ ހިޔަނި ފެނުނު ހެންނެވެ.
ތިޔަ ރީތިކަމާއިމެދު ކަލޭ ފަޚްރުވެރިވަމު ހެއްޔެވެ. އޭނާ އެދިޔައީ ތިޔަ ރީތިކަމަށް ހިރަފުސް ބުރުވާފައެވެ.
އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.
ރީތިކަމަކީ ދެމިނުހުންނަ ދިލަ ފަށެކެވެ. ރީތިކަމަކީ ހިތާމައެވެ. ވޭނެކެވެ.
މީސްމީހުން ރީތިކަމަށް އުއްމީދު ކުރަނީ ކީއްވެގެންކަމެއް ނޭނގެއެވެ.
ބައްތީގެ ހުޅުކޮޅު ކިހާ އަލި ހެއްޔެވެ. އެކަމަކު އޭނގެ މޭ އަބަދުވެސް އަނދައަނދާ ހުރެއެވެ. އޭގެ އެދުމަށް ޙަޔާތުގެ އަލާމާތޭ މީހުން ބުނެއުޅެއެވެ. ޚުދް އަމިއްލައަށް އަނދައިގެން އެހެން މީހުންނަށް އަލިކަން ފޯރުވުމަކީ ކިހާ އުނދަގޫކަމެއް ހެއްޔެވެ.
ރީތިކަމުގެ މޭވާއެއްގެ ގޮތުގައި ގިނަފަހަރަށް ކަރުނަ އާދެއެވެ.
ރީތި މީހުން ތިމާމެންގެ ރީތިކަން އަބަދުވެސް ކަރުނައިން އަދާކުރަން ޖެހެއެވެ.
ރީތި މީހުންނަށް ތިމާމެންގެ އަގު ކޮންމެވެސް އަމިއްލަ ނާކާމިޔާބެއްގެ ސިފައިގައި އަދާކުރަން ޖެހެއެވެ.
އޭނާ ކަންބޮޑުވެފައި ތެދުވެއްޖެއެވެ.
އަމިއްލަ ހަށިގަނޑު ލޯގަނޑުން ބަލާލިއެވެ.
މާތް ކަލާކޯއެވެ. އަޅަށް މިރީތިކަން ނުދެއްވިނަމަ ކޮންފަދަތޯއެވެ. ނަސީބުވެރިއަކު ކަމުގައި އަޅު ލެއްވެވިނަމަ ކޮންފަދަތޯއެވެ. އާދައިގެ ސިފައެއްގައިވާ އަންހެން ކުދިން އުޅޭގޮތް ކިހާ އުފާވެރިތޯއެވެ.
ރީތި ސިފައިގެ އެންމެބޮޑު އައިބަކީ ދެކޭމީހުން އެރީތި މީހާގެ މަންޒިލުން ފައްސާލާކަމެވެ.
ރަމްލާ ބޮކި ނިވާލާފައި އައިސް އެނދުގައި އޮށޯވެއްޖެއެވެ.
ހަމަ އޮށޯތުމާއިއެކު އަނެއްކާވެސް މުޢާޒުގެ މަތިން ހަނދާންވެއްޖެއެވެ. އިއްޔެއާ ހަމައަށް މުޢާޒުގެ މަތިން ޚިޔާލު ކޮށްލެވުނަސް އޭނާ ފޫހިވެއެވެ. އެކަމަކު މިއަދު އޭނާގެ ޚިޔާލު ދޮރުވާނަކަށްވެގެން ކޮންމެ ދޮރެއްގެ ކައިރީގައި އެބަހުރެއެވެ. އޭނާ ވިސްނާލިއެވެ.
ފިރިހެނެއްގެ ރީތިކަމަކީ ކޮބައި ހެއްޔެވެ..........؟
އޭނާގެ މުޅި ވުޖޫދަށް އަޑުގެ ވާރޭވެހެން ފެށި ކަހަލައެވެ.
[ރީތި ފިރިހެނުންނަކީ އަންހެނުންގެ ބޮޑެތި ކުށްތައް މާފުކުރާ ފިރިހެނުންނެވެ.
ރީތި ފިރިހެނުންނަކީ އަންހެނުންނަށް ކެއުންބުއިން ހޯދައިދޭ ފިރިހެނުންނެވެ.
ރީތި ފިރިހެނުންނަކީ އިޙްސާންތެރިކަން އަދާކޮށްފައިމެ އެކަން ނުދެކޭ ފިރިހެނުންނެވެ.
ރީތި ފިރިހެނުންނަކީ އަތުލުމަކާނުލާ އަންހެނުންނަށް ލޯބިދޭ މީހުންނެވެ.
ރީތި ފިރިހެނުންނަކީ އަންހެނުންނާއިމެދު ނަފްސާނީ އެދުންތަކުގެ ހަތިޔާރެއްކަމުގައި ނުދެކޭ ފިރިހެނުންނެވެ.
ޚިޔާލުގެ ތެރޭގައި އޮވެ ރަމްލާ ތެޅިގަތެވެ.
އެއްދުވަހަކު ހަވީރު މަސައްކަތް ނިންމާފައި ރަމްލާ މަޢޫޒަށް ކާންދީފައި ފެންވެރުވިއެވެ. އަދި ނިންދެވުމަށްފަހު ކޮޓަރީގައި ބޭއްވިއެވެ. އެއަށްފަހު ހަމަޖެހިލައިގެން އައިސް ޓީވީ ބަލަން އިށީނދެއްޖެއެވެ. ކޮންމެވެސް މަޖާ ޕްރޮގްރާމެއް އަންނަނީއެވެ. އެގޮތަށް އިންދާ ޚާއްޞަ ދިމާއަކުން މީރުވަހުގެ ވައިރޯޅިއެއް އައިސް މޫނުގައި ބީހުނުހެން އޭނާއަށް ހީވިއެވެ. އިރުކޮޅަކު އިނދެލާފައި ތެދުވެގެން އައިސް ކޮޓަރިއަށް ވަންއިރު، ލޯގަނޑުގެ ކައިރީގައި ހުރެގެން މުޢާޒު ތައްޔާރުވަނީއެވެ. މީރުވަހުގެ ބޭނުންކުރުމަކީ މުޢާޒުގެ އާދައެކެވެ. އޭނާއަށް މީރުވަހުގެ ބަހުރުވަ އެނގެނީއެވެ. އެވަގުތު އޭނާ ބޭނުންކުރީ ރޭގަނޑުގެ އެކަނިވެރިކަމުގެ ތެރޭގައި އަޑަށްވެގެން ހުރިހާ ޖަޒުބާތުތަކެއް ހޭލައްވާފަދަ ސެންޓެކެވެ. ރަމްލާ ޙައިރާންވެފައި ހުރެގެންގޮސް އޭނާގެ ކައިރިއަށް ހުއްޓިއްޖެއެވެ. މުޢާޒު ލައިގެންހުރީ ކައިރުކުލައިގެ ކޯޓެކެވެ. އެތެރޭން ލާފައިހުރީ ސިލްކު ހުދު ގަމީހެކެވެ. ބައްދާލާފައި އޮތީވެސް ހަމަ ކައިރުކުލައިގެ ޓައީއެކެވެ. ބަލާލާއިރު މުޢާޒު ވަރަށް ސްމާޓެވެ. މުޅި މީހާއަށް ފަރުވާތެރި ކަމާއިއެކު ބަލާލާ ހިނދު ފުރިހަމަ ރީތި ފިރިހެނެއްގެ ގޮތުގައި ފެނެއެވެ.
[ތިޔަ ދުރުވަނީ ކޮންތާކަށް ތޯއެވެ؟] ރަމްލާއަށް ނުހުރެވިގެން އަހާ ލެވިއްޖެއެވެ.
މުޢާޒު ރީތިކޮށް ބޯއޮމާން ކޮށްލިއެވެ. ދެން ސްޕްރޭ ކުރިއެވެ. ކޮންމެވެސް ވައްތަރެއްގެ ކުރީމެއް މޫނުގައި އުނގުޅާލިއެވެ. ދެން ރަމްލާއަށް ބަލާލިއެވެ. އެއަށްފަހު ދެއަތް ދެއަތުން އުނގުޅަމުން އައިސް ސޯފާގައި އިށީނދެއްޖެއެވެ. އޭނާ ބުންޏެވެ.
[އަހަންނަކީ ދޮގުވެރިއަކީމެއް ނޫނީމެވެ. އަދި ދޮގުތައް ފޮރުވުމަށްޓަކާ ކުލަކުލައިގެ ބަހަނާތަކެއްވެސް ނުދައްކާ ނަމެވެ.]
އޭނާ ބޫޓުގެ ވާފަށް މޮހަން ފަށައިފިއެވެ.
[އަދި ފަހަރެއްގައިވެސް އަހަންނަކީ މަލާއިކަތެއް ކަމުގައި ދަޢުވާއެއް ނުކުރަމެވެ........... ނަސީބު ރަނގަޅަސް ނުބަޔަސް އަހަންނަކީ ސިފަހުތުރު މީހެއްކަންވެސް އެނގެއެވެ......]
ރަމްލާ ރޫރޫ އަޅައިގަތެވެ. އަދި ލަދުވެތި ކަމާއިއެކު އިސްދަށަށް ޖަހާލިއެވެ.
[ސިފަހުތުރު ފިރިހެނުންގެ ޖަޒުބާތުތަކާ އިޙްސާސް ތަކުގައި އެއްވެސް ކަހަލަ އަގެއް ނެތްކަމުގައި އެއްވެސް ފޮތެއްގައެއް ނޯންނާނެއެވެ. ހީވާގޮތުން އާދައިގެ ފިރިހެނުންނަށްވުރެ މާގަދައަށް އަހަރެންގެ އެތެރެހަށީގައި އަލިފާން އަނދައެވެ. ބައެއް ފަހަރަށް އަހަރެން ބޭރަށްދާން ޖެހޭނެއެވެ. ރަމްލާގެ ކިބައިން އެކަމުގެ ހުއްދަ އަހަރެން އަތުލާނަމެވެ.
ފުރަތަމަ ކޮޅުގައި އަހަންނަކަށް ރަމްލާގެ ޖަޒުބާތުތަކެއް ނޭނގެއެވެ. އެހެންކަމުން ނޭނގުމުގެ ތެރޭގައި ހުރެ ރަމްލާއަށް އުނދަގޫ ކުރެވުނީއެވެ. އެންމެ ރަނގަޅެވެ. އޭގެ ފައިދާވެސް ކޮށްފިއެވެ. ކަލާނގެ ރަޙްމަތްފުޅާއިއެކު އަހަރެމެންނަށް ކުއްޖަކު ލިބިއްޖެއެވެ. އަދި ދުނިޔޭގެ ނަޒަރުގައި އަހަރެމެންނަކީ ކާމިޔާބު ދެމަފިރިންނެވެ. އަހަރެމެން ދެމީހުން ވަރަށްގިނަ އިލްޒާމު ތަކަކުން ސަލާމަތް ވެއްޖެއެވެ.
ދެން ރަމްލާއަށްޓަކާ އަހަންނަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟
ރަމްލާއާ ގައިގޯޅިވެއުޅުމަކީ ރަމްލާ ރުހޭކަމެއް ނޫންކަން އަހަންނަށް އޮތީ އެނގިފައެވެ. މީގެކުރިންވެސް ރަމްލާ އަހަންނާއެކު އުޅެމުން އައީ ކެތްތެރި ވެގެންނެވެ. ރަމްލާ ވަރިއަށް އެދުނުނަމަ އަހަރެން ވަރިކޮށް ދިނީމުހެވެ. ރަމްލާގެ ތިޔަ ޖަޒުބާތާއިމެދު އަހަރެން ގަދަރު ކުރަމެވެ. އަދިވެސް އެއްކަމެއް އެބައޮތެވެ. އަހަރެންގެ މަންމަ ރަމްލާދެކެ ވަރަށް ލޯބިވެއެވެ. މިދުވަސްކޮޅު ރަމްލާގެ ބައްޕަގެ ޙާލުވެސް ރަނގަޅެއްނޫނެވެ. ރަމްލާ ތިޔަހުންނަނީ އަބަދުވެސް ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. ރަމްލާއާއިމެދު ގޮތެއް ނިންމާކަށް އަދިވެސް ނޭނގެއެވެ..... ރަމްލާއަކީ ވަރަށް މަޢުޞޫމު ކުއްޖެކެވެ. ވީމާ އަހަރެން އެދެނީ އަހަންނަކީ ހުތުރު މީހަކަށްވެގެން ހުރުމަށެވެ. އަހަންނަކީ ރަމްލާ ރުޅިއަންނަ މީހަކަށް ވުމަށެވެ.]
އޭނާ އަނެއްކާވެސް އަމިއްލަ ހިޔަނި ލޯގަނޑުން ބަލާލިއެވެ.
[އަހަރެން ކަހަލަ ސިފަހުތުރު އިންސާނަކު އިރުއިރުކޮޅާ ލޯގަނޑުން އަމިއްލަ ހިޔަންޏަށް ބަލާތީ ރަމްލާ ޙައިރާންވާނެ ކަންނޭގެއެވެ.] މިހެންބުނިއިރު އޭނާގެ މޫނުމަތިން ދެރަވުމުގެ އެއްވެސް ޢަލާމާތެއް ނުފެނެއެވެ. އެހެނީ އޭނާގެ މޫނުމަތީގައިވަނީ އަޖައިބެއް ފަދަ ހަމަޖެހުމެކެވެ.
[ބޭރު އަންހެނުން ފިރިހެނުންގެ ހުރިހާ ހިމޭންކަމެއް އަސްލު ޙާލަތަށް ގެނެސްދެއެވެ. އެމީހުންގެ ޝުޢޫރުތައް ހަތްވަނަ އުޑާހަމައަށް އުފުލައެވެ. އެމީހާގެ އަމިއްލަ މޫނު ފެންނަ ވަރަށް ދޮގު ތަޢުރީފުގެ ހާރުތައް އަޅުވައެވެ. ދޮގު ވާހަކަތައް ދައްކައިގެން ހަމައެންމެރެއަކުން މުޅިން އެހެންފިރިހެނަކަށް ހަދާލައެވެ. ދުނިޔޭގައި ދިރިހުރުމަށްޓަކާ ކޮންމެ އިންސާނަކަށްވެސް އުފާ ފާގަތިކަން ބޭނުންވެއެވެ. އެހެންކަމުން އަހަރެން ކަހަލަ ފިރިހެނުންވެސް ދެއްކުމުގެ ގޮތް ބޭނުން ކުރެއެވެ..... ދެން ދަނީއެވެ......]
މުޢާޒު ހިނގައި ގަންނަމުން ބުންޏެވެ.
[ފަހަރެއްގައި ހެނދުނު އާދެވޭގޮތް މެދުވެރި ވެދާނެއެވެ..... ނުވަތަ ތަންކޮޅެއް ލަހުން އާދެވިދާނެއެވެ. ރަމްލާ ހިތްހަމަ ޖައްސާލައިގެން ނިދާލާށެވެ. ގޭޓުގައި ފާރަވެރިޔާ ހުންނާނެއެވެ.]
އޭނާ ބޭރަށް ނުކުމެއްޖެއެވެ.
ރަމްލާއަށް ހީކުރެވުނީ އޭނާއަކީ ހިނގާމަގެއްގެ މެދުގައި އޮތް ގާބުރިއެއް ކަމުގައެވެ. އަދި މުޢާޒު އެދިޔައީ އެ ގާބުރީގައި ފައިން ޖަހާފައި ކަމުގައެވެ.
މުޢާޒު އެހެން އަންހެން ކުއްޖަކާއިއެކު ވަގުތުތައް ވޭތުކޮށްލާފާނެއެވެ. އެއީ ކޮން އަންހެން ކުއްޖެއް ބާވައެވެ..... ރަމްލާއަށްވުރެ އެއަންހެން ކުއްޖާ ރީތިވެދާނެ ބާވައެވެ......
އެވާނީ ކޮންމެވެސް ނަށާ ކުއްޖަކަށެވެ. މުޑުދާރު އަންހެނަކަށެވެ.... ގޮތްކުޑަ އަންހެނަކަށެވެ.... އެ މުޑުދާރު އަންހެންމީހާ ކައިރީގައި ރޭހަތަރުދަމު ފޮނި ވާހަކަ ދައްކަން އޭނާ އިންނާނެއެވެ. މިފިރިހެނުންނަކީ ކިހާގޮތްނެތް ބައެއް ހެއްޔެވެ.
އެކަމަކު އޭގައި އަހަރެންގެ އޮތީ ކޮންފަރުވާލެއް ހެއްޔެވެ. އެހުރިހާ ވާހަކައެއް އަހަރެން ގާތުގައި އެދެއްކީ ކީއްވެގެން ހެއްޔެވެ. އަހަންނަކީ އޭނާ ދަންނަ މީހެއް ހެއްޔެވެ؟ އެގޮތަށް ވާހަކަދެއްކީ އަހަރެން ރުޅިއަރުވަން ހެއްޔެވެ؟
ރަމްލާ ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ. ދެން ކޮޅުކޮޅަށް ހިނގަހިނގާފައި އަނެއްކާވެސް އެތެރެއަށް އަތުވެއްޖެއެވެ.... އެއްވެސް އިޚްތިޔާރަކާނުލާ މޫނުބަލާ ލޯގަނޑުގެ ކުރިމައްޗަށް އައިސް ހުއްޓިއްޖެއެވެ..... ވަރަށް ހިތާމައާއިއެކު އަމިލް ސޫރައަށް ބަލަން ފަށައިފިއެވެ. އޭނާއަށް ހީވީ މިއަދު އޭނާގެ އެރީތިސިފަ ގެއްލި ދިޔައީ ކަމުގައެވެ.
* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 239 އިން 241 ހަމައަށެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު