ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެންވެސް ދޭން ޖެހޭނީ 1.5 މިލިއަނެއްހާ ރުފިޔާ ކަމަށް އޮޑިޓް އޮފީހުން އެކަމާ ގުޅިގެން ހަދާފައިވާ އެސެސްމަންޓަކުން ހާމަވެއްޖެއެވެ.

އެ އެސެސްމަންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް މިދިޔަ އޮގަސްޓުމަހު އޮޑިޓް އޮފީހުން ތައްޔާރު ކުރި އެސެސްމަންޓެކެވެ. އެއްބަސްވުން ބާތިލު ކުރުމުން މަންދު ކޮލަޖަށް ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް އެސެސްމަންޓެއް ހަދައިދިނުމަށް އެދުމުން އޮޑިޓް އޮފީހުން ތައްޔާރު ކުރި އެސެސްމަންޓްގައި ބުނެފައިވަނީ މަންދު ކޮލެޖަށް ދޭންޖެހޭނިީ 1.28 މިލިއަން ރުފިޔާއާއި 1.58 މިލިއަން ރުފިޔާގެ މާލީ ބަދަލެއް ކަމަށެވެ. ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ލަފާ ދީފައެވެ.

ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުން ކަމަށް އެސެސްމަންޓުގައި ބުނެފައިވެއެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ ކަމަށް ރިޕޯޓްގައިވެއެވެ. ދެވަނަ އަދަދަކީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވެއެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ ކަމަށް އެސެސްމަންޓްގައި ވަނީ ބުނެފައެވެ. މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެެ އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ބަދަލު ދޭން ޖެހޭ މިންވަރެއް ކޯޓުން ކަނޑައެއް ނާޅައެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާއެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން ވަނީ 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފައެވެ. އެހެންވެ، ސިވިލް ކޯޓުން ވަނީ އެއްމަސް ދުވަހުގެ ތެރޭގައި 15 މިލިއަން ރުފިޔާގެ މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށް ދައުލަތަށް އަންގާފައެވެ.

އެސެސްމަންޓުން ހާމަވިގޮތުގައި އެެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ފުރަތަމަ މަންދު ކޮލެޖުން އެދިފައިވަނީ، 243 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.

މަންދުން 243 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނު ނަމަވެސް ބަދަލުދޭން ޖެހޭ ކަމަށް ބުނާ ކަންކަމާއި ގުޅިގެން އިތުރު ބަދަލެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެސެސްމަންޓުގައި ބުނެފައިވެއެވެ. އެމްއީއެސްގެ އިމާރާތުގެ މަރާމާތަށާއި އެގްރީމެންޓް ބާތިލު ކުރުމުން މާލޭ ހައި ޕްރައިވެޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް މީގެ ކުރިން ކޮށްފައިވާ ދައުވާތަކާ ގުޅިގެން އެކުންފުޏަށް އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް 4.69 މިލިއަން ރުފިޔާ ދީފައިވާކަން އެސެސްމަންޓްގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން