އެއްބަސްވުމަކާއި ގުޅިގެން ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ލިބުނުކަން ސާބިތުކޮށްދިނުމުންކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް މާޗު 18، 2013 ގައި އެމްޓީސީސީއާ އެމަސައްކަތް ހަވާލުކުރުމުން، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓާއި ހައިކޯޓުން ނިންމާފައިވާ މިމައްސަލައިގައި ބުނެފައިވަނީ ޔޫމެޓުން ނަގައިދޭން އެދުނު ބަދަލު ނަގައިނުދެވޭނެކަމަށެވެ.

މިމައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުގެ ހުކުމުގައި ކޮންޓްރެކްޓާ ހިލާފު އަމަލެއް ކުރިކަން ނުވަތަ އެއްބަސްވުމުގެ ވަކި ފަރާތަކުން އެއްބަސްވުމާ ހިލާފުވިކަން ސާބިތުކޮށްދިނުމާއި އެފަދަ އަމަލެއްގެ ސަބަބުން ގެއްލުމެއް ލިބުނުކަން ނުވަތަ ލިބިދާނެކަން ސާބިތުކޮށްދިނުމަކީ ޤާނޫނީ ގޮތުން ތަފާތު ދެ ކަމެއްކަމަށެވެ. އެހެންކަމުން ގެއްލުމެއް ލިބުނުކަން ނުވަތަ ލިބިދާނެކަން ސާބިތުނުކޮށްދެއްވާނަމަ ގެއްލުމުގެ ބަދަލެއް ނަގައި ނުދެވޭނެކަމަށް ހުކުމުގައިވެއެވެ.

މިމައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން