އަހުމަދު މަސްނޫމް   27 އޭޕްރީލު 2021 - 19:16
މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލޭއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ އިނގިރޭސި ސަފީރާއި ބައްދަލުކޮށް، މަޝްވަރާކޮށްލަން ލިބުމުން އުފާކުރައްވާކަމަށެވެ. އަދި ވަރަށް މުހިއްމު ކަންކަމާއި ގުޅޭގޮތުން ރަނގަޅު މަޝްވަރާތަކެއް ކުރެވުނުކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ރައްކާތެރި، ސާފު މާލެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.



ބައްދަލުވުމާއި ގުޅޭގޮތުން ކެރަން ވިދާޅުވީ މާލެއަކީ ރައްކާތެރި އަމާންތަނަކަށް ހެދުމަށް މަޝްވަރާކުރެވުނުކަމަށެވެ. އަދި އީކޯ އަރބަން ސިސްޓަމްތައް ޤާއިމްކުރުމަށް އެހީތެރިވެދޭނޭކަންވެސް ކެރަން ފާހަގަކުރެއްވިއެވެ.



މާލޭގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން އެކި ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މާލޭ މޭޔަރު ސިފާ މުހައްމަދާ ބައްދަލުުރަށްވައި ބާރުތައް ބަދަލުކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ކައުންސިލް އިންތިޚާބު ބާއްވާން ފެށީއްސުރެ މާލެ ސިޓީގެ ފުރިހަމަ މެޖޯރިޓީ ދަމަހައްޓަމުން އައި އެމްޑީޕީގެ މެޖޯރިޓީ މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ގެއްލިފައެއް ނުވެއެވެ. އޭގެ އިތުރުން މިއީ މާލެ ސިޓީގެ މޭޔަރުކަންވެސް އެޕާޓީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. ޑރ. މުއިއްޒު މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓު ބަލި ކުރުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން