މަންދު ކޮލެޖަށް ބަދަލުދިނީ ރަނގަޅަށް ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެން ހިނގައްޖެކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖަށް ބަދަލު ދިން މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ޤާނޫނީ މާހިރުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިމައްސަލަ ބޮޑުވެފައި ވަނިކޮށް، ދެން އިވުނު އަޑަކީ މަންދު ކޮލެޖަށް ބަދަލުދިނީ އޮޑިޓަރ ޖެނަރަލް ލަފާ ދެއްވިގޮތާއި ހިލާފަށްކަމަށެވެ. އެގޮތުން 1.5 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން އެންގުމުން، މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދީފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.

މިކަމާއި ގުޅޭގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަދަލު ދޭން ހެދި އެސެސްމަންޓް ބެއްލެވިއިރު އޭގައި އޮތީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށްނުވާތީ، އެސެސްމަންޓް ރިޕޯޓް ފައިލް ކުރެއްވީކަމަށެވެ. އަދި އިއްޔެ ސުޕްރީމް ކޯޓުން ކުރެއްވި ހުކުމުން އިތުރަށް ޔަގީންވާކަމަކީ ސަރުކާރުން މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލުދީފައި މިވަނީ ރަނގަޅަށް ނޫންކަމަށް ކަމުގައި އުޝާމް ވިދާޅުވިއެވެ.



އުޝާމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވަނީ ދައުލަތުން އޯޑިޓް ހެދުމަށް ކަނޑައެޅިފައިވާ އޯޑިޓަރ ޖެނެރަލްގެ އެސެސްމެންޓަށް ނުބައްލަވައި، އަދި ބަދަލުގެ މިންވަރާ މެދު ކޯޓުގެ ޙުކުމެއް ވެސް ނެތި، 15 މިލިއަން މި ދެއްވީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާއެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން ވަނީ 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފައެވެ. އެހެންވެ، ސިވިލް ކޯޓުން ވަނީ އެއްމަސް ދުވަހުގެ ތެރޭގައި 15 މިލިއަން ރުފިޔާގެ މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށް ދައުލަތަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން