ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ ކުރި މުޒާހަރާއިން ދެ ގާނޫނީ ވަކީލަކާއި އިތުރުބަޔަކު ހައްޔަރުކޮށްފިއެވެ.

ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ "ދޭތިން އެކައްޗަށް" ނަމުގައި މިރޭ އިދިކޮޅު ކޯލިޝަނުން މަގުމަތީ އިހްތިޖާޖް ފަށާފައިވަނީ 21:30 ހާއިރު، ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. މި އިހްތިޖާޖް ހުއްޓުވުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެސްއޯ ފުލުހުންގެ ހުރަސް އެޅުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި ހިސާބުތަކަށް އެއްވެ ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައެވެ. މުޒާހަރާގައި ހުންނަވައިގެން ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ދެ ގާނޫނީ ވަކީލަކާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. ފުލުހުން މިރޭ ހައްޔަރުކުރީ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދާއި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމެވެ.

"އަޅުގަނޑު ގޮވާލަން ހައްޔަރުކުރެވުނު އަޅުގަނޑުމެންގެ ލީގަލް ޓީމްގެ ދެ ބޭފުޅުން ކަމުގައިވާ އުސްތާޒް ރާޣިބާއި އުސްތާޒް މޫސާ ފަތުހީ މިހާރުން މިހާރަށް ދޫކޮށްލުމަށް. އަދި އަޅުގަނޑުމެންގެ ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު އެހެން ބޭފުޅުން ވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް އަޅުގަނޑު ގޮވާލަން،" ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

އަދި ފުލުހުންނަށް ސަރުކާރުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. ޝިޔާމް ވިދާޅުވީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށެވެ.

މިރޭ މުޒާހަރާ ކުރަމުން މީހުން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑު އުފުލަމުންދާއިރު މުޒާހަރާގެ ބައިވެރިން ވަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވަމުންދާކަން ފާހަަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން