މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭގޮތުން އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސުން މިރޭ ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ރައީސް ޔާމިން ގެއަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޮފިސަރު ވިދާޅުވިއެވެ. ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރަން ނިއްމާފައިވާކަމަށް ބައެއް މީޑިޔާތަކުން މިރޭ ވަނީ ރިޕޯޓްކޮށްފައެވެ. ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަނީ ހަތަރު ހަފުތާގެ މުއްދަތަކަށް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް އިއްވާފައިވަނީ އެމަނިކުފާނު އެމްއެމްޕީއާރުސީގެ ފައިސާއިން މަނީލޯންޑަރ ކުރެއްވި ކަމުގެ ދައުވާގެ ކުށް ޝަރީއަތަށް ސާބިތުވުމުންނެވެ. ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި އެ ހުކުމަށް ތާއިދުކޮށްފައެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރު ވަނީ އެމައްސަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ. ސްޕްރީމް ކޯޓުން މިހާރު ވަނީ އެމައްސަލަ ބަލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން