ޕީޕީއެމްގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ރޭ ކުރިއަށް ގެންދިޔަ "ދޭތިން އެކައްޗަށް" މުޒާހަރާ އިން ފުލުހުން ވަނީ 9 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 9 މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

ރޭގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކައިރި ބަންދުކޮށްފައެވެ. އަދި މުލީއާގެ އާއި ރައީސް އޮފީސް ސަރަހައްދުގައި ވެސް ރޭ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެސަރަހައްދުގެ މަގުތައް ވެސް ކޮންމެވެސް ވަރަކަށް ބަންދުކުރިއެވެ.

ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ "ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މަގުމަތީ އިހްތިޖާޖް ފަށާފައިވަނީ ރޭ 21:30 ހާއިރު، ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. މި އިހްތިޖާޖް ހުއްޓުވުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

އެސްއޯ ފުލުހުންގެ ހުރަސް އެޅުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި ހިސާބުތަކަށް އެއްވެ ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައެވެ.

މުޒާހަރާގައި ހުންނަވައިގެން ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ދެ ގާނޫނީ ވަކީލަކާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުންނަށް ސަރުކާރުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. ޝިޔާމް ވިދާޅުވީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން