ފިތުރު ޒަކާތް ބަލައިގަތުން (ފޮޓޯ: ސޯޝަލް މީޑިއާ)
ފިތުރު ޒަކާތް ބަލައިގަތުން (ފޮޓޯ: ސޯޝަލް މީޑިއާ)
މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ރަމަޟާންމަަހުގެ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މިންވަރު ވަރަށްބޮޑުތަން ދަށަށް ހިނގައްޖެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.

މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަަހުގެ 12 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 899،031 ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ރަމަޟާންމަަހުގެ 12 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 1،942،201 ރުފިޔާ ލިބިފައިވެއެވެ. މިދެއަހަރުގެ މިމުއްދަތުގައި ޒަކާތް ދައްކާފައިވާ މިންވަރަށް ބަލާއިރު މިއީ ގާތްގަނޑަށް މިލިއަނެއްހާ ރުފިޔާ ދަށް އަދަދެކެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް 20،863 މީހަކު ޒަކާތުގެ ފައިސާ ދައްކާފައިވާއިރު، މީގެތެރެއިން 17،858 މީހަކު ޒަކާތްދައްކާފައިވަނީ އޮންލައިންކޮށްކަމަށެވެ. އަދި 3،005 މީހަކު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތުގެ ފައިސާ ދައްކާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.



އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ރަމަޟާން މަސް ފެށުމާއެކު، ފިތުރު ޒަކާތް ބަލައިގަންނަން ވަނީ ފަށާފައެވެ. ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިގޮތުން މިއަހަރު މާލެ ފިޔަވާ އެހެން ސިޓީތަކުގައި ސިޓީ ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް މާލޭގައި ޒަކާތް ބަލައިގެންނަމުންދާނީ އޮންލައިންކޮށެވެ. އެގޮތުން އޮންލައިންކޮށް ޒަކާތް ދެއްކެވުމަށް ދިރާގު ކަސްޓަމަރުން ދިރާގު ވެބްސައިޓާއި، ދިރާގު ޕޭ އަދި އެސްއެމްއެސް ބޭނުން ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އުރީދޫ ކަސްޓަމަރުން އެމްފައިސާ އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ބީއެމްއެލް ވެބްސައިޓު މެދުވެރިކޮށާއި އެމްއައިބީ ފައިސާ ނެޓް އަދި މާލެއާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން