ޒަހީނުއްދީން ސަޢީދު   29 އޭޕްރީލު 2021 - 5:35
މިއަދުގެ ނިޔަލަށް އަތޮޅުތަކުގެ 63 ރަށެއްގައި ބަލި ޖެހިފައިވާ 990 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މިއަދު އެކަނި ވެސް ރާއްޖެއިން ވަނީ ރެކޯޑް އަދަދަަކަށް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދު އެކަނިވެސް 464 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި ކޮވިޑް ޖެހިގެން ދެ މީހަކު މިވޭތުވެ ދިިޔަ ސައުވީސް ގަޑިއިރު ތެރޭގައި ވަނީ ނިޔާވެފައެވެ. އެއީ ދިވެހި އަންހެނަކާއި އިންޑިއާގެ ފިރިހެނެކެވެ.

އަތޮޅުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު 100 އިން މަތީގައި ކޮވިޑް ކޭސްތައް ހުރި ރަށްތަކުގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރިއާއި ތ. ވޭމަންޑޫ އަދި ލ. މާންދޫއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭދަފުށިން 121 މީހަކަށް ބަލި ޖެހިފައިވެއެވެ. ޅ. ނައިފަރުގައި 130 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ކ. މާފުށީގައި ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 203 ގައެވެ. މަތިވެރީގައި 171 މީހަކަށް ބަލި ޖެހިފައިވާއިރު ވޭމަންޑޫގައި 145 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި މާންދޫގައި 126 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތު ގޯސް އެހެން ރަށްރަށުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭދަފުށީގައި 121 މީހަކަށް ބަލިޖެހިފައިވާއިރު ކ. ހިންމަފުށީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އުޅެނީ 49ގައެވެ. ތ. ކިނބިދޫން ކޮވިޑްގެ 37 ކޭސް ފެނިފައިވާއިރު ކ. ގުޅީގައި 31 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި އދ. މާމިގިލިން 25 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ލ. ގަމުން ވެސް ކޮވިޑުގެ 16 ކޭސް މިހާތަނަށް ފެނިފައިވެއެވެ. އަތޮޅުތަކުގެ ރަށްތަކުން މިއަދު އެކަނިވެސް 225 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ 97 ދިވެހިންނާއި 128 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން