ކ-ވކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ރައީސް ސޯލިހް ސަލާމްކުރައްވަނީ
ކ-ވކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ރައީސް ސޯލިހް ސަލާމްކުރައްވަނީ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެއްވެސް ހަރުދަނާ ފިޔަވަޅެއް ނާޅައި, ވާނެގޮތަކަށް ހާލަތު މެދުވެރިވާން ދޫކޮށްލައި އިހުމާލުތައް ވަމުންދާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ތުހުމަތު ކުރަށްވައިފިއެވެ.

ރާއްޖޭގައި ކުއްލިއަކަށް ކޮވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދުތައް އިތުރުވެ އަތޮޅު ތަކުގެ ރަށްތަކުގައި އެއްވެސް ކޮންޓްރޯލެއް ނެތި ބަލި ފެތުރެން ވަނީ ފަށާފައެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވާ މީހުންގެ އަދަދު ވެސް ހަތަރުސާތޭކައިން މައްޗަށް އަރާފައިވާއިރު އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބައްޔަށް ޕޮޒިޓިވްވި މީހުން ފެނުނު ދުވަހެވެ.

މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވުމާއެކު ސްކޫލް ތަކުގެ ދަށް ގްރޭޑްތަކުގެ ކިޔެވުން އަދިވެސް ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކުރިއަށް ގެންދާތީ އާންމު ރައްޔިތުން ޓްވީޓާގައި ޚިޔާލު ފާޅު ކުރަމުން ދަނިކޮށް އެއިން ޓުވީޓަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ މި ކަމުގައި ވެސް ސަރުކާރުގެ ފަރާތުން ފެންނަނީ އިހުމާލުތައް ކަމަށެވެ.



"މި ސަރުކާރު އިންތިޚާބު ކުރީ ކޮން ބޭނުމެއްގައި، ކީއްކުރަންބާއޭ އަޅުގަނޑުގެ ހިތަށް އަރާ." ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ދަރިކަނބަލުން ދުންޔާ ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެ ވަނީ 464 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ދިން ލުއިތަކަށް ފަހު، އިންތިޚާބު ބޭއްވިތާ ހަފްތާއެއްހާ ދުވަސް ފަހުން ބަލީގެ ގިނަ ކޭސްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު ވަނީ ފެންނަން ފަށާފައެވެ. މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 73 މީހަކު މިހާތަނަށް ވަނީ ބަލީގައި ނިޔާވެފައެވެ.

ސަރުކާރުގެ އިހުމާލްތައް ގިނަ ކަމަށް ދުންޔާ ވިދާޅުވެފައިވާއިރު، އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫން ވެސް ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގައި ބަލި ފެތުރެމުންދާއިރު ވެސް އެއްވެސް ހަރުކަށި ފިޔަވަޅެއް ސަރުކާރުން އަޅަމުން ނުދާތީ އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކޯވިޑާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތް ތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއްކަން ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން