ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކާ ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަަހަން ޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު މިއަދު އެދިވަޑައިގެންފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މަހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ ފަރާތްތަކުގެ ތެރެއިން ވެކްސިން ނުޖަހާ 20،000 މީހަކު އަދިވެސް އެބަ ތިބި ކަމަށެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ލޮކްޑައުން ނުވަތަ އެހެން ފިޔަވަޅުތަށް އެޅުން މުހިންމު ކަމަށް ފެނިއްޖެނަމަ ޕޮލިސީ ލެވެލްގައި އެކަން ކުރާނެކަމަށް ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

ކޮވިޑް ހާލަތު މީގެ ކުރިން ކޮންްޓްރޯލްކުރެވިފައި އޮތީ ރައީސުލްޖުމްހޫރިއްޔާއާއި ހިސާބުން ފެށީގެން ހުރިހާ ތަނަކުން ވެސް އެއްބާރުލުން ދީގެން ކުރަމުން އައި މަސައްކަތުންކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޝާހް ވިދާޅުވީ ވެކްސިން ޖަހަމުން ދާއިރު، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ކުޑަކޮށްގެން ނުވާނެ ކަމަށެވެ. ރާއްޖެއަށް ގެނެސްފައިވާ ވެކްސިންގެ ބެޗްތައް ހުސްވަމުންދާ ވަރަކަށް އާ ބެޗްތައް ގެންނާނެ ކަމަށާއި އެންމެންނަށް ފުދޭ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. ބަލީގެ ނުރައްކާ ކުޑަކުރުމަށް އެންމެން އަވަހަށް ވެކްސިން ޖެހުމަށް ޑރ.ޝާހް ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ޝާހް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ބޭނުންވާ ވެކްސިނާއި އެހެން ތަކެތީގެ ސަޕްލައި ވެސް ލިބެމުން އަންނަ ކަމަށާއި އެންމެންނަށް ފުދޭ ވަރަށް ވެކްސިން ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ފެތުރެން ފެށިތާ ކުރީކޮޅު ހުރިހާ އެޖެންސީތައް ގުޅިގެން ޕްރެސްތައް ބާއްވައި ކުރަމުން ދިޔަ މަސައްކަތް މިހާރު އެގޮތަށް ނުފެނުނަސް، އިދާރާތައް ގުޅިގެން މިހާރުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ޑރ. ޝާހް ވިދާޅުވީ މިހާރު ހުރި ވެކްސިން ސްޓޮކް ހުސްވަން ވާއިރަށް އާ ސްޓޮކް ލިބޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށާއި ވެކްސިން ހުސްވެގެން ވެކްސިން ޕްރޮގްރާމް ހުއްޓާލަން ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތަސް، ތަކެތި ނުލިބިގެން ރާއްޖޭގައި ކޮވިޑް ފަރުވާ ދިނުމުގައި ދަތިކަމެއް ކުރިމަތިވާނެ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޝާހް ވިދާޅުވީ ވެކްސިންގެ ޓޯކަން ދޫކުރުމަށް ބަދަލު ގެނައީ ރޯދަ މަހު ވަގުތުގެ ތާށިކަން އޮތުމާއި ޓޯކަން ނަގާފައި ގިނަ ބަޔަކު ވެކްސިން ޖަހަން ނާންނަ މައްސަލަ ކުރިމަތިވާތީ ވެކްސިން ކޯޑިނޭޝަން ކޮމިޓީން މަޝްވަރާކޮށްފައި ކަމަށެވެ.



"އެއީ ވެކްސިން ނެތިގެން ގެނައި ބަދަލެއް ނޫން. ވެކްސިން ބޭނުންވާ ވަގުތަށް ވެކްސިން ލިބޭނެ. ކޮންމެވެސް ވެކްސިން ގެނެސް ކޯލްޑް ސްޓޮރޭޖްގައި ބެހެއްޓުން މުހިންމެެއް ނޫން. މުޅި ދުނިޔޭގައި ވެސް ވެކްސިން މެނޭޖްކުރުމުގައި ބަލަމުން އަންނަނީ މިގޮތަށް." ޑރ.ޝާހް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ ކޭސްތައް ރެކޯޑް އަދަދަކުން ފެންނަމުން ދާތީ، މިއަދުގެ ޕްރެސްގައި އެކަމާ ގުޅިގެން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާނުކުރާނެ ކަމަށް ބެލެވުނަސް ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ކަމެއް އިއުލާނު ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ބަދަލުގައި ކޮވިޑާއި ގުޅިގެން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޗްއީއޯސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން