ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާއިރު ވެކްސިނަށް ނުގުޑާ ވޭރިއެންޓެއް ފެތުރިދާނެ ކަމަށް ބަލައިގެން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

ތަފާސް ހިސާބުތަކާއި ހަވާލާ ދެއްވައި ޑރ. ނަޒްލާ ވިދާޅުވީ މި މަހުގެ 21 އާއި 27 އާއި ދެމެދުގެ ޑާޓާއަށް ބަލާއިރު ޕޮޒިޓިވް ވާ ރޭޓް ހަތަކުން 10 އަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ފްލޫ ޕޮޒިޓިވިޓީ ރޭޓް 14 ޕަސެންޓަށް އަރާފައިވާކަން ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އެ އަދަދުތައް ފަސް ޕަސެންޓުގައި ބަހައްޓަން މަސައްކަތް ކުރާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފެށިފަހުން ސިވިއަރިޓީ ދަށްވެއްޖެ ކަމަށެވެ. ނަމަވެސް މަތިވަމުންދާ ވަރަކަށް އެޑްމިޓްކުރާ ޕަސެންޓް މަތިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.



"މިހާރު ބަލި ޖެހޭ މީހުންގެ ތެރެއިން އެޑްމިޓްކުރަން ޖެހޭ ރޭޓް ހުރީ 13 އާއި 16 އާއިދެމެދުގައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލޭގެ ހާލަތު މިހާރު އޮތް ގޮތުން، މީހުން ގިނައިން އެއްވެ ނޫޅުމަށް ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. ނަޒްލާ ވިދާޅުވީ އީދު ބަންދުގައި ވެސް އެންމެ ރަނގަޅުވާނީ މާލޭން ބޭރަށް ނުދިއުން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުނަކުން ބަލި މަދުވާނެ ކަމަށާއި އެކަމަކު އެންމެން ގުޅިގެން މަސައްކަތް ނުކުރާނަމަ އަނެއްކާވެސް ކޭސްތައް މައްޗަށް ދާނެ ކަމަށެވެ. ލޮކްޑައުން ކުރުމުން ދިމާވާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ހާއްސަކޮށް ސިއްހީ ދާއިރާއަށް ކުރިމަތިވާ މައްސަލަތައް ބޮޑު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ވޭރިއަންޓެއް އުޅޭކަން އެނގުނަސް އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ކޮންމެ ބަޔަކަށް ވެސް މި ހާލަތުގައި އޮތީ ބަލިން ރައްކާތެރިވާން ހުރި ފިޔަވަޅުތަކަށް ތަބާވެ ވެކްސިން ޖެހުން ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. ވޭރިއަންޓް އުޅޭތޯ ބެލުން އެއީ މުހިންމު ކަމެއް ނަމަވެސް ވޭރިއަންޓެއް ފެނިގެން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން